ބަންގްލަދޭޝްގެ ބޮޑު ވަޒީރު ހުންނަވާ ގަނޑުވަރު ގަނަބްހަބަންއަކީ އެ ގައުމުގައި އެންމެ ސަލާމަތީ ކަންތައް ވަރުގަދަ ގެކޮޅެވެ. ނަމަވެސް ޝައިހު ހަސީނާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައި، ގައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމާއެކު ގަނަބްހަބަންއަށް ރައްޔިތުން ވަނީ ވަދެގެންފައެވެ.
ސަލާމަތީ ބާރުތައް ތިބި ނަމަވެސް އެތައް ހާސް ރައްޔިތުން ގަނޑުވަރަށް ވަނުމަށް ދިމާކޮށްކުމުން ސިފައިންނަށާއި ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ. ދެން ފެނުނީ އެ ތަނަށް ވަދެގަތް ރައްޔިތުން ގަނޑުވަރު ލޫޓުވަމުން ދިޔަ ގޮތުގެ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތަކެވެ.
ލޫޓުވައިލި ތަކެތީގެ ތެރޭގައި ހަސީނާގެ ޒާތީ ތަކެތި ކަމަށްވާ ބްރާ އާއި ޖަންގިޔާ ވެސް ހިމެނެއެވެ. އަދި އޭނާގެ ސާޅިއެއް އަޅައިގެން އުޅޭ ފިރިހެނަކު ވެސް ވަނީ ކެމެރާތަކަށް އަރައިފައެވެ.
ރައްޔިތުން ފޭރިގަތް އިތުރު މުދާތަކުގެ ތެރޭގައި ހަސީނާގެ ސޫޓު ކޭސްތަކާއި، ކުރެހުންތަކާއި، ފޮތްތަކާއި، ގޮނޑިތަކާއި، މޭޒުތަކާއި ސައި ޖޯޑުތަކާއި ޓީވީތައް ހިމެނެއެވެ.

ހަސީނާ ގެންގުޅޭ ނައަމްސޫފި ވެސް ވަނީ ރައްޔިތުން ގެންގޮސްފައެވެ. އޭގެ ތެރޭގައި ދިރޭ މަހާއި ކުކުޅާއި ބަކައްޓާއި އަސްދޫންޏާއި މުސަޅު ހިމެނެއެވެ.
ގަނޑުވަރުން ބޭރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނު މަންޒަރުތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ހަސީނާގެ އެނދުތަކުގައި އަރާމު ކުރަން ތިބޭ މަންޒަރާއި ބިރިޔާނި ފަދަ ކެއުންތައް ކާ މަންޒަރު ހިމެނެއެވެ.

ހަސީނާގެ ކުއްލި އިސްތިއުފާ އިއްޔެ ދިމާވީ މިދިޔަ މަހުއްސުރެ ދަރިވަރުން ކުރަމުން އައި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ 250 އަށްވުރެ ގިނަ މީހުން މަރުވުމުންނެވެ. މުޒާހަރާތައް ކުރިއަށްގެންދިޔައީ ޕާކިސްތާނުގެ އަތުން ބަންގްލަދޭޝް 1971 ގައި މިނިވަންވި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ 30 ޕަސެންޓް ވަޒީފާ ދެއްވަން ހަސީނާ ނިންމެވުމުންނެވެ.

ގާތްގަނޑަކަށް 171 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމުގައި 18 މިލިއަން ޒުވާނުންނަކީ ވަޒީފާ ނެތް މީހުންނެވެ. އެ މީހުން ޝަކުވާ ކުރަމުން ދިޔައީ ވަޒީފާ ދޭން ޖެހޭނީ މީހާގެ ގާބިލު ކަމަށް ބަލައިފައި ކަމަށެވެ.
ހަސީނާ ގައުމުން ފިއްލެވުމުން އަސްކަރީ ވެރިޔާ ވާކިރުއްޒަމާން ވިދާޅުވީ މަރުވި މީހުންނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށާއި މި ވަގުތަށް އިންތިގާލީ ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށެވެ.



advertisment