Support Us

ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ރައީސުލްޖުމްހޫރިއްޔާގެ ވެދުމަށް އަރުއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ، "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވެދުން ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ވެދުން ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.

ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔުއްވާފައިވާ 190 ސަފުހާގެ މި ފޮތުގައި، ޤައުމީ ޚިދުމަތްތެރިޔާ ފުޢާދު ތައުފީޤުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުޢާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެ އެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުޢާދު ކުރެއްވި އާދަޔާޚިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެ އެވެ.

މީގެ އިތުރުން ދިވެހީންގެ އިހުތިރާމް ފުއާދު އެންމެ ބޮޑަށް ހޯއްދެވި މަސައްކަތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، އެ ދުވަސްވަރު ކުރެވުނު ތަޖުރިބާތައް މި ފޮތުގައި ހިމެނެ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުވެ ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމްކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު ވެސް މި ފޮތުގައި ހިމެނެ އެވެ.

"ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ، ދިވެހީންނަށް ލިބުނު މުތެކެވެ. އެއީ ހިންގުމާއި، ރޭވުމާއި، ތަންފީޒުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެކެވެ. މި ފޮތަކީ އޭނާގެ ހަޔާތުނާމާ އެވެ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނެ އެވެ. ހިތާމަތަކާއި، އުފާތަކެވެ. ތަޖުރިބާތަކާއި، ގޮންޖެހުންތަކެވެ. ކާމިޔާބާއި، ފިލާވަޅުތަކެވެ. ލޯތްބާއި، ބޭވަފާ ވެސް މެ އެވެ،" ފޮތުގެ ތައާރަފުގައިވެ އެވެ.

މިއީ ސާއިލުގެ ތިން ވަނަ ފޮތެވެ. އޭނާ މީގެ ކުރިން ލިޔުއްވީ ނަފްސާނީ ބަލީގައި ތަހައްމަލުކުރެއްވި ތަޖުރިބާތަކާ ގުޅޭ ގޮތުން "އެ ދުވަސް ގެނެވޭނެ"، އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނާއިބް ފައިސަލް ނަސީމްގެ ބަޔޯގްރަފީ "ފައިސަލް ނަސީމް" އެވެ.

މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 200ރ. އަށެވެ. މި ފޮތް އުރީދޫގެ އީކޮމާސް ވެބްސައިޓް https://www.moolee.mv/gothugai_biography އިން ގަންނަން ލިބޭނެ އެވެ. އަދި 9185335 ނަމްބަރު ފޯނަށް ގުޅައި އޯޑަރުކުރުމުން މާލެ ސަރަހައްދުގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވާކޮށްދޭނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *