Support Us

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް

ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި ވަފުދުގެ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި، ސަރުކާރުން ދިވެހި ކުޅިވަރު ތަރައްޤީ ކުރުމަށް ދެއްވާ އިސްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފު މިއަހަރު ދޭން ހަމަޖެހިފައި ވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *