Support Us

އިންޑިއާ ސަފީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅިގެންވެސް ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބަދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދަޢުވަތަށް އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރި މެހެމާންދާރީއާ ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާއި އަހައްމިއްޔަތު ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާކަނޑުގެ ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަތެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ، ޤައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްޤީކުރުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއިއެކު މަސައްކަތްކުރެއްވުމަށް އިސްކަންދެއްވުމުގެ ޚާރިޖީ ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *