Support Us

ކޮމްޕްޓޮނެޓަސް ޗެސައި ޑައިނޮސޯގެ ބޮލުގެ ހިޔާލީ ކުރެހުމެއް

ގާތްގަނޑަކަށް ފުރިހަމަ ޑައިނޮސޯ ކަށިގަނޑެއް ފެނިއްޖެ

ގާތްގަނޑަކަށް ފުރިހަމަ ޑައިނޮސޯ ކަށިގަނޑެއް އިނގިރޭސި ވިލާތުގެ ކައިރީގައި އޮންނަ އައިލް އޮފް ވައިޓް ޖަޒީރާއިން ފެނިއްޖެއެވެ.

މިއީ ވޭތުވެދިޔަ ގަރުނުގައި ގާތްގަނޑަކަށް ފުރިހަމަ ޑައިނޮސޯ ކަށިގަނޑެއް ފެނުނު ފުރަތަމަ ފަހަރެވެ.

އެތެއްގެ ބޮޑުމިން ހުރި މި ޑައިނޮސޯގެ 149 ކަށިކޮޅު ފެނިފައިވެއެވެ.

"ކޮމްޕްޓޮނެޓަސް ޗެސައި" ނަމަކަށް ދީފައިވާ މި ޑައިނޮސޯގެ ބަރުދަނުގައި އެފްރިކާގެ އެތެއްގެ ބަރުދަން ހުރި ކަމަށް ބެލެވެއެވެ.

ކޮމްޕްޓޮނެޓަސް ޗެސައި ޑައިނޮސޯގެ ކަށިގަނޑު ހޯދި ނިކް ޗޭސް

ހަމައެކަނި ގަސްގަހުގެ ފަތް ކައިގެން އުޅުނު ކަމަށް ބެލެވޭ މި ޑައިނޮސޯ އުޅުނު ކަމަށް ބެލެވެނީ އިނގިރޭސި ވިލާތުގެ ދެކުނު ސަރަހައްދުތަކުގައި ގާތްގަނޑަކަށް 125 މިލިއަން އަހަރު ކުރިންނެވެ.

މި ޑައިނޮސޯގެ ކަށިގަނޑު ހޯދީ ނިކް ޗޭސް ނަމަކަށް ކިޔާ މީހެކެވެ. އޭނާވަނީ ދުނިޔޭގައި ކޮވިޑް ފެތުރުމުގެ ކުރިން ކެންސަރު ބަލީގައި މަރުވެފައެވެ.

ޖެރެމީ ލޮކްވުޑް އައިލް އޮފް ވައިޓަށް ކުރި ޒިޔާރަތެއްގެ ތެރެއިން

"މީގެ ޑައިނޮސޯ އުޅުނީ ގްރޫޕް ގްރޫޕަށް ކަމަށް ބެލެވޭ،" އިނގިރޭސި ވިލާތުގެ ޕޯޓްސްމަތު ޔުނިވާސިޓީގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ޖެރެމީ ލޮކްވުޑް ބުންޏެވެ.

އޭނާ ބުނީ މި ޑައިނޮސޯގެ ކަށިގަނޑުގެ ދިރާސާތައް ހަދަން ފެށީ މީގެ ހަ އަހަރު ކުރިން ކަމަށެވެ.

"އަހަރެން ހެދި ޕީ.އެޗް.ޑީ ތީސީސްގައި މި ދިރާސާ ހިމަނަން ފަސް އަހަރު ނެގި،" ޖެރެމީ ބުންޏެވެ.

ކޮމްޕްޓޮނެޓަސް ޗެސައި ޑައިނޮސޯގެ ކަށިކޮޅެއް

އޭނާ ބުނީ ނިކްއަކީ ޑައިނޮސޯ ކަށިގަނޑު ހޯދަން ކާމިޔާބު މީހެއް ކަމަށެވެ.

"އޭނާވަނީ އެތައް ދާރުލްއާސާރަކަށް ޑައިނޮސޯ ކަށިގަނޑު ފޯރުކޮށްދީފައި،" ޖެރެމީ ބުންޏެވެ.

އޭނާ ބުނީ އިގުއަނޮޑޮން ނަމަކަށް ކިޔާ ޑައިނޮސޯއެއްގެ ފުރިހަމަ ބޮލުގެ ކަށިގަނޑު ހޯދީ ވެސް ނިކް ކަމަށެވެ.

"ކޮމްޕްޓޮނެޓަސް ޗެސައިއަށް ނަން ދިނީ ވެސް ނިކްގެ ނަމާ ގުޅުވައިގެން. މިއީ ޑައިނޮސޯއަކަށް ނިކްގެ ނަން ދިން ފުރަތަމަ ފަހަރު،" ޖެރެމީ ބުންޏެވެ.

ޔޫރަޕްގެ އެންމެ ބޮޑު ޑައިނޮސޯގެ ކަށިގަނޑު ހޯދީ ވެސް ނިކްއެވެ. މި ކަން ހާމަ ކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

ޑައިނޮސޯ ކަށިގަނޑު ހޯދުމަށް މިހާރު އައިލް އޮފް ވައިޓް އަންނަނީ މަޝްހޫރުކަން ހޯދަމުންނެވެ. އެ ގޮތުން ދުނިޔެއިން މިހާރު ނެތިގެން ގޮސްފައިވާ އަށް ބާވަތެއްގެ ޑައިނޮސޯ ކަށިގަނޑު ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޖަޒީރާއިން ފެނިފައިވެއެވެ.

"އިނގިރޭސި ވިލާތުގެ ދެކުނު ސަރަހައްދަކީ ފާހަގަކޮށްލެވޭހާ މުއްސަނދި ތިމާވެއްޓަކަށް ވެދާނެ،" ޖެރެމީ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ގައުމީ ގުދުރަތީ ތާރީހީ ދާރުލްއާސާރު ކަމަށްވާ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން ބުނީ އައިލް އޮފް ވައިޓަކީ ޑައިނޮސޯ ކަށިގަނޑު އެންމެ މުއްސަނދި ޖަޒީރާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް