ބޯހިޔާވަހިކަމެއް ނެތް ނެދަލެންޑްސްގެ ރައްޔިތެއްގެ އަތުގައި ނަސީބު ހިފައިފިއެވެ.
ދެ ކުދިންގެ ބައްޕަ ހަޖަރު އަލް-އަލީ މިދާކަށްދުވަހު ދިޔައީ ކުނިގޮނޑަކުން ޕްލާސްޓިކް ފުޅި ހޮވަމުންނެވެ. އުމުރުން 33 އަހަރުގެ ހަޖަރަށް ލައްވައިލީ 2،000 ޔޫރޯ ލައިފައިވާ ވޮލެޓެކެވެ.
ހަޖަރު ވަނީ އެ ފައިސާ އާއި ވޮލެޓް ރަސްމީ އިދާރާއަކާ ހަވާލުކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން ސަރުކާރުން ވަނީ "ރަނގަޅު ރައްޔިތެއް"ގެ އެވޯޑާއި 50 ޔޫރޯގެ ވައުޗަރެއް ދީފައެވެ.
ނަމަވެސް އެހާ ހިސާބުން ހަޖަރުގެ ނަސީބަށް ނިމުމެއް އައީކީ ނޫނެވެ. އޭނާގެ އަމާނާތްތެރިކަން ދެކެފައި އާއްމުން ވަނީ ފައިސާ ޖަމާ ކުރާ ވެބްސައިޓެއް މެދުވެރިކޮށް އާއްމުންގެ ފަރާތުން 34،000 ޔޫރޯ އޭނާއަށް ހޯދައިދީފައެވެ.
އޭނާގެ ވަނަމަކަށް މިހާރު ކިޔަނީ ވެސް "އަމާނާތްތެރި ހަޖަރު"އެވެ.
ހަޖަރު ބުނީ މިހާ ގިނަ ފައިސާ ލިބުމުގެ ސަބަބުން އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލާނެ ކަމަށެވެ. އެ ގޮތުން އޭނާގެ އާއިލާއަށް ދިރިއުޅެވޭނެ ގެއެއް ކުއްޔަށް ހިފޭނެ ކަމަށް ހަޖަރު ބުންޏެވެ.
ހަޖަރު ބުނީ މިހާރު އޭނާއަށް ވަޒީފާގެ ފުރުސަތުތައް ވެސް އެކި ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށެވެ.
"ހުރިހާ އެންމެންނަށް ވެސް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަރެންނަށް މިހާރު އިހުސާސް ކުރެވެމުންދާ ޖަޒުބާތުތައް ކިޔައިދޭކަށް ނޭނގޭ. އަހަރެންނާ މެދު މީހުން ބުނަމުން ދަނީ ހިތްހެޔޮ ބަސްތައް،" އިންސްޓަގްރާމްގައި ހަޖަރު ބުންޏެވެ.
ހަޖަރުގެ ނަސީބު އަދި މިހާ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ގާނޫނު ބުނާ ގޮތުން އެ ވޮލެޓްގެ ވެރިފަރާތުން އެއް އަހަރު ދުވަހުގެ ތެރޭގައި އެއާ ހަވާލު ނުވެއްޖެ ނަމަ، އެ ވޮލެޓާއި އޭގައިވާ ފައިސާ ވެސް ލިބޭނީ ހަޖަރަށެވެ.



advertisment