Support Us

ބިލް ގޭޓްސްގެ ޓެކްނޯލޮޖީގެ އަޖައިބެއް ފަދަ ގެ

މައިކްރޮސޮފްޓް ކުންފުނީގެ އެއް ފައުންޑަރު އަދި ކުރިން އެ ކުންފުނީގެ ޗެއާމަންކަން ކުރި ބިލް ގޭޓްސްއަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

އެމެރިކާއަށް އުފަން އުމުރުން 68 އަހަރުގެ ބިލްގެ މިލްކިއްޔާތުގައި 134 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ސިއެޓްލް ސިޓީގައި ހުންނަ ބިލްގެ ގެ "ޒެނަޑޫ 2.0″އަކީ ޓެކްނޯލޮޖީގެ ގޮތުން އަޖައިބުން ފުރިފައިވާ ގެއެކެވެ.

އަގުގެ ގޮތުން ބަލާއިރު 145 މިލިއަން ޑޮލަރުގެ މި ގެއަކީ 66،000 އަކަ ފޫޓުގެ ބިމެއްގައި ހަދައިފައިވާ ގެއެކެވެ.

ގެ ހެދުމަށް ހަތް އަހަރު ނެގިއެވެ. ގޭގެ ވަޑާންގަނޑަށް 500 އަހަރު ވީ "ޑަގްލަސް ފަރ" ނަމަކަށް ކިޔާ ގަސްތަކެއް ބޭނުންކުރިއެވެ.

ގެ އިމާރާތް ކުރުމަށް 300 ލޭބަރުން މަސައްކަތްކުރިއެވެ. އޭގެ ތެރެއިން 100 މީހުންނަކީ އިލެކްޓްރިޝަނުންނެވެ.

ބިލް މި ގޯތި ގަތީ 1988 ގައި އެންމެ ދެ މިލިއަން ޑޮލަރަށެވެ. ދެން ކުރި ކަމަކީ އޭނާ ބޭނުންވާ ގޮތަށް ގެ ހަދަން އެތައް މިލިއަން ޑޮލަރު ހަރަދުކުރީއެވެ.

ގޭގެ އެތެރޭގެ އާދަޔާހިލާފު ކަމަކީ ފާރުތަކުގައި އެއްކޮށް ޓަޗްސްކްރީން ލާފައި ވުމެވެ. މިހެންވުމުން، ފާރުތަކުގައި އަތް ޖައްސައިލުމުން ފެންނަ މަންޒަރުތައް ބަދަލުކޮށްލެވެއެވެ.

މި މޭރުމުން މުޅި ގޭގައި 80،000 ޑޮލަރުގެ އަގުހުރި ކޮމްޕިއުޓަރު ސްކްރީން ހަރުކޮށްފައިވެއެވެ. އެ މީހަކު ބޭނުންވާ ކުރެހުމެއް ނުވަތަ ފޮޓޯއެއް ފެންނާނެ ގޮތަށެވެ. މި އާލާތްތަކުގެ އަގަކީ 150،000 ޑޮލަރެވެ.

ގެއަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ބިލް "ޕިން"އެއް ދެއެވެ. މި ޕިންއަކީ ގޭގެ ހުރިހާ ތަނެއްގައި ހަރުކޮށްފައިވާ "ސެންސަރ"ތަކާ ކުޅެލައި އެއްޗެކެވެ. އެ މެހެމާނަކު ބޭނުންވާ ފިނިހޫނުމިނާއި އަލީގެ މިންވަރު ހަމަޖެއްސުމުން ގޭގެ އެކި ހިސާބުގައި އުޅޭއިރު އެ މީހަކު ބޭނުންވާ މިންވަރަށް ފިނިހޫނުމިނާއި އަލި ހިފަހައްޓައިދެއެވެ. މީގެ އިތުރުން ފާރުގެ ވޯލްޕޭޕަރު ބިށްދޮށުގައި ހަރުކޮށްފައިވާ ސްޕީކަރުތަކުން އެ މީހަކު ދާ ކޮންމެ ކޮޓަރިއެއްގައި މިއުޒިކް ޖަހަމުންދެއެވެ.

މީގެ އިތުރުން ޒެނަޑޫ 2.0 ގެ އަޖައިބުތަކުގެ ތެރޭގައި ފެނުއަޑީގައި މިއުޒިކް ނިޒާމެއް ލާފައިވާ 60 ފޫޓު ދިގު ފަތާފެންގަނޑެއް ވެއެވެ. އެއީ ވަކިން އޮންނަ 3،900 އަކަ ފޫޓުގެ އިމާރާތެއްގައެވެ. އަދި ގެ ހުންނަ ބިމުގައި މަސްނޫއީ ކޯރެއް ވެއެވެ. މި ކޯރުގައި ދިރޭ މަސް އުޅެއެވެ. އެއީ ސެމަން އާއި ޓްރައުޓެވެ.

ބިލްއަށް އެންމެ ކަމުދާ އެކައްޗަކީ ގޯތި ތެރޭގައި ހުރި މޭޕަލް ގަހެކެވެ. އުމުރުން މިހާރު 40 އަހަރުވެފައިވާ މި ގަހުގެ ދުޅަހެޔޮކަން ބަލަހައްޓަނީ އިލްކެޓްރޯނިކް އާލާތްތައް ބޭނުންކޮށްގެންނެވެ. ގަސްދޮށުގައި ހުރި ފަސްގަނޑު މާބޮޑަށް ހިކިއްޖެ ނަމަ ކޮމްޕިއުޓަރުން އެކަން ދެނެގަނެ، އިލެކްޓްރޯނިކްކޮށް ގަހަށް ފެންދެއެވެ.

ގޯތިތެރޭގައި ފުއްމަން ޓްރެމްޕޮލިން ކޮޓަރިއެއް ވެސް ވެއެވެ. ފަންގިފިލާ ހުންނަނީ 20 ފޫޓު މަތީގައެވެ. މިއީ ކަސްރަތު ކުރުމަށް ހަދާފައިވާ ޓްރެމްޕޮލިން ކޮޓަރިއެކެވެ.

ކަސްރަތު ކުރުމަށް 2،500 އަކަ ފޫޓުގެ ވަކި އިމާރާތެއް ވެއެވެ. އެ ތަނުގައި ސޯނާއަކާއި ސްޓީމް ކޮޓަރިއެއްވެއެވެ.

ޒެނަޑޫ 2.0 ގައި 2،300 އަކަ ފޫޓުގެ ހޯލެއް ވެއެވެ. އެއީ 150 މެހެމާނުންނަށް އިށީނދެގެން ނާސްތާ ކުރެވޭ ހޯލެކެވެ. ކޮޅަށް ތިބޭ ޕާޓީއެއް ނަމަ 200 މެހެމާނުންނަށް ޖާގަ އޮވެއެވެ. ހޯލުގެ އެއް ފާރުގައި 22 ފޫޓު ފުޅާ ވީޑިއޯ ސްކްރީނެއްވެއެވެ.

މި ހޯލުގެ އިތުރުން ވަކި ސިނަމާއެއް ވެސް ވެއެވެ. މި ތިއޭޓަރުގައި 150 މީހުންނަށް އިށީނދެގެން ތިބެވޭނެ ޖާގަވެއެވެ.

ގޭގެ ވަށައިގެންވާ މާހައުލަކީ ގުދުރަތީ ވެއްޓެކެވެ. އެ ގޮތުން ޒެނަޑޫ 2.0 ގެ "ތިމާވެށްޓަ"ކީ ގުދުރަތީ ގޮތުން ފިނިހޫނުމިން ހިފަހައްޓާ މާހައުލެކެވެ. މިހެންވެ ހޫނުކަން ގުދުރަތީ ގޮތުން ދަމަހައްޓައިދެއެވެ.

ބިލްގެ މި ބޮޑު ގޭގައި ހަތް ނިދާ ކޮޓަރި ހުރިއިރު 24 ފާހާނާ ހުރެއެވެ.

ގޭގައި ހަ ބަދިގެ ހުރެއެވެ. އެކި ހިސާބުގައެވެ. އެ ވަގުތަކަށް އެންމެ މުނާސަބު ގޮތެއްގައި ކައްކާލެވޭނެ ގޮތަށެވެ.

ފާހަގަކޮށްލެވޭ އިތުރު ތަންތަނުގެ ތެރޭގައި 2،100 އަކަ ފޫޓުގެ ލައިބްރަރީއެއް ހުރެއެވެ. މި ކުތުބުހާނާގައި 16 ވަނަ ގަރުނުގައި ދިރިއުޅުނު ލިއޮނާޑޯ ޑާ ވިންޗީގެ ލިޔުމެއްވެއެވެ. އެއީ 1994 ގައި އޮތް ނީލަމެއްގައި 30 މިލިއަން ޑޮލަރަށް ބިލް ގަތް ލިޔުމެކެވެ.

ބިލް ދިރިއުޅޭ ބައި ހެދުމުގެ ކުރިން އެންމެ ފުރަތަމަ ގޯތި ތެރޭގައި ހެދީ ގެސްޓްހައުސްއެކެވެ. އެއީ 1،900 އަކަ ފޫޓުގެ ސަރަހައްދެއްގައެވެ. އެ ތަނުގައި ނިދާ ކޮޓަރިއަކާއި ފާހާނާއެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިއީ ބިލް އުޅޭ ބައި ހެދުމުގެ ކުރިން އަޖުމަބަލައިލަން ހެދި ގެސްޓްހައުސްއެކެވެ. ޓެކްނޯލޮޖީގެ ކުރިމަގާ ބެހޭ ގޮތުން 1995 ގައި ބިލް ލިޔުނު ފޮތް "ދަ ރޯޑް އެހެޑް" ލިޔުނީ މި ގެސްޓްހައުސްގައި އިނދެގެންނެވެ.

ބިލްގެ މި ގެ ހުންނަނީ ބީޗެއްގެ ކައިރީގައެވެ. މި ގޮނޑުދޮށަށް އަޅާ ވެލި ގެންނަނީ ކެރިބިއަން ޖަޒީރާއެއް ކަމަށްވާ ސެއިންޓް ލޫސިއާއިންނެވެ. އެ ގޮތުން ކޮންމެ އަހަރަކު ވެސް ބާޖެއްގައި ވެލި ގެނެއެވެ.

ބިލްއަކީ ކާރަށް ވަރަށް ލޯބި ކުރާ މީހެކެވެ. ގޯތީގެ އެކި ސަރަހައްދުތަކުގައި ގަރާޖުތައް ހަދައިފައިވެއެވެ. މުޅިއަކު 23 ކާރު ޕާކް ކުރެވޭ ގޮތަށެވެ. އެއް ގަރާޖު ހަދާފައިވަނީ ބިންގަރާސް ހޮހަޅައެއްގައެވެ. އެ ތަން ހަދައިފައިވަނީ ގުނގުރެޓާއި ދަގަނޑުންނެވެ. އެ ތަނުގައި 10 ކާރު ޕާކު ކުރެވޭނެ ޖާގަ އޮވެއެވެ. މައިކްރޮސޮފްޓް ކުންފުނި ކާމިޔާބުވުމާއެކު ބިލް އެންމެ ފުރަތަމަ ގަތީ ޕޯޝް 911 މަރުކާގެ ކާރެކެވެ.

ބިލްގެ މި ގެ ބަލައިލާހިތްވާ އެތައް ބަޔަކު އުޅެއެވެ. އެ ގޮތުން އެއް ފަހަރަކު މައިކްރޮސޮފްޓް ކުންފުނީގެ މުވައްޒަފަކު މި ގެ ބަލައިލުމަށް ބިލްއަށް 35،000 ޑޮލަރު ދިނެވެ.

"ޒެނަޑޫ" މި ނަމަކީ މަޝްހޫރު ހޮލީވުޑް ފިލްމް "ސިޓިޒަން ކޭން"އިން ބިލްއަށް ކަމުދިޔަ ނަމެކެވެ. މާނައަކީ "ލަގްޒަރީ" ނުވަތަ "މުއްސަނދި"އެވެ. ހަގީގަތުގައި ވެސް ބިލް ވަނީ އޭނާއަށް ކަމުދާ ދިރިއުޅުމެއް އުޅެވޭނެ ކުޑަކުޑަ "ސުވަރުގެ"އެއް މި ދުނިޔެމަތީގައި ގާއިމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް