Support Us

ފަގީރު 52 ޖޯޑުގެ ކައިވެންޏަށް މުކޭޝް އަމްބާނީ ހަރަދުކޮށްފި

އިންޑިއާގެ ފަގީރު 52 ޖޯޑުގެ ކައިވެނީގެ ހުރިހާ ކަމަކަށް އޭޝިއާގެ އެންމެ މުއްސަނދި މީހާ، އިންޑިއާއަށް އުފަން ބިލިއަނަޔަރު މުކޭޝް އަމްބާނީ ހަރަދުކޮށްފިއެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް އިންޑަސްޓްރީސްގެ ވެރިޔާ، އުމުރުން 67 އަހަރުގެ މުކޭޝް އިއްޔެ މި ބޮޑު ހަފުލާ ބޭއްވީ އޭނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ މުނާސަބާ ފާހަގަ ކުރުމަށެވެ. ހިންދީ ދީނުގެ މި ހަފުލާއަށް 800 މެހެމާނުންނަށް ދައުވަތު ދިނެވެ.

ރިލަޔަންސްއަކީ އިންޑިއާގެ އެންމެ ބޮޑު ކުންފުންޏެވެ. މުކޭޝް ވަނީ އޭނާގެ ފިރިހެން ދަރިފުޅު އާނަންތުގެ ކައިވެނި ފާހަގަ ކުރުމަށް ހިންދީ ދީނުގެ ފައްޅިއެއް ވެސް އަޅައިފައެވެ. ރަދިކާ މާޗަންޓް އާއި އާނަންތު ކައިވެނި ކުރަން ހަމަޖައްސައިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ދެ މީހުންގެ އުމުރަކީ ވެސް 29 އަހަރެވެ. މުމްބާއީގައި ބާއްވާ ހަފުލާ ތިން ދުވަހަށް ކުރިއަށްގެންދާނެ ކަމަށްވެއެވެ.

އާނަންތުގެ ކައިވަނި ފާހަގަ ކުރުމަށް މުކޭޝް ވަނީ މީގެ ކުރިން ވެސް ތަފާތު ރަސްމިއްޔާތުތައް ބާއްވައިފައެވެ. އޭގެ ތެރޭގައި 1،200 މެހެމާނުންނަށް ދައުވަތު ދީގެން ޔޫރަޕް ސަރަހައްދުގައި މަނަވަރު ދަތުރެއް ކޮށްފައިވެއެވެ. އެ ދަތުރުގައި ލަވަކިޔުންތެރިޔާ ރިއާނާ އާއި ބެކްސްޓްރީޓް ބޯއިސް މިއުޒިކް ބޭންޑް ބައިވެރިކުރިއެވެ.

"ފަގީރު އެތައް ސަތޭކަ ޖޯޑެއްގެ ކައިވެނި ސްޕޮންސަރ ކުރަން ހަމަޖެހިފައިވޭ،" ރިލަޔަންސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދުނިޔޭގެ 11 ވަނައަށް އެއްމެ މުއްސަނދި މަހުޖަނު މުކޭޝްއަކީ ހަރަދު ބޮޑު ކައިވެނިތައް ބާއްވަން އާ މީހެއް ނޫނެވެ. މީގެ ކުރިން 2018 ގައި ބޭއްވި އޭނާގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. އެ ހަފުލާއަށް ލަވަކިޔުންތެރިޔާ ބިޔޮންސޭ ވެސް ގެންގޮސްފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާއަކީ މިހާރު އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އިގުތިސާދެވެ. ނަމަވެސް ވަޒީފާގެ ފުރުސަތު ނުއުފެދުން ވަނީ މައްސަލައަކަށްވެފައެވެ. ގައުމީ އުފެއްދުންތެރިކަން ހުރީ ބޮލަކަށް 1،174 ޑޮލަރުގައެވެ.

އިންޑިއާގައި ބޮޑެތި ކައިވެނި ހަފުލާތައް ބާއްވަނީ މުޖުތަމައުން އެ ކަމަށް އަޅާ ބާރުގެ ސަބަބުންނެވެ. މިހެންވެ ކައިވެނީގެ ހަފުލާތަކުގެ ސަބަބުން އެތައް ޖޯޑެއްގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅެއެވެ.

ޔޫރަޕްގެ އެހީ ދޭ ޖަމާއަތްތަކުން މިދިޔަ އަހަރު ތައްޔާރު ކުރި "ގްލޯބަލް ހަންގަރ އިންޑެކްސް" ނުވަތަ ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ ރިޕޯޓުން ދެއްކި ގޮތުގައި ދުނިޔޭގައި އެންމެ ބޮޑަށް ބަނޑަށްޖެހިފައިވާ 125 ގައުމުގެ ތެރެއިން އިންޑިއާ އައީ 111 ވަނަ އަށެވެ.

އިއްޔެ ބޭއްވި ހަފުލާގައި ކައިވެނި ކުރި 52 ޖޯޑަށް ވަނީ ރަނާއި ރިހީގެ ގަހަނާ ދީފައެވެ. އަދި 1،200 ޑޮލަރުގެ އިތުރުން އަހަރަކަށް ވާވަރަށް ކާބޯތަކެތީގެ އަގު ވެސް ދީފައެވެ.

"މަންމައެއްގެ ހައިސިއްޔަތުން މިއަދު މި ފާހަގަ ކުރާ ކައިވެނިތަކުގެ ސަބަބުން އަހަރެންނަށް ވަރަށް ބޮޑު އުފަލެއް އިހުސާސް ކުރެވޭ. މި 52 ޖޯޑަށް އުފާވެރިކަމާއި ބާއްޖަވެރި ސިއްހަތެއް ލިބުމަށް ދުއާ ކުރަން،" މުކޭޝްގެ އަންހެނުން ނީތާ ބުންޏެވެ.

"މި ކައިވެނިތަކަކީ އަހަރެމެން ހިންގާ އިޖުތިމާއީ އެހީގެ ޕްރޮގްރާމްގެ ބައެއް،" ރިލަޔަންސުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް