ހަ ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުއްވައިފިއެވެ.
ވަކިވަކިން ބޭއްވި މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު އައު ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެއާ އެ ގައުމުތަކާ އެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވި ބޭފުޅުން
- ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޕެލްޕޮލަގެ ރަންގަ ސުޖީވާ ގުނަވަރުދަނާ
- ނޭޕާލު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ބަޝޫ ދޭވް މިޝްރާ
- އެރިޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އަލެމް ސަހާއި ވުލްދެމާރިއަމް
- ކޮލޮމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޑޮކްޓަރ ވިކްޓަރ އެޗެވެރީ ޖަރަމިލޯ
- ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ލިއޯ ޓީޓޯ އެލް. އައުސަން ޖޫނިއަރ
- އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޑެމިއާނޯ ފްރެންކޮވިގް



advertisment