ޕަބްލޯ ޕިކާސޯއަކީ އިސްޕޭނުގެ ރައްސާމެކެވެ. ކުރެހުންތެރިއެކެވެ. އަދި ނައްހާތެކެވެ. ބިންވަޅު ނަގައި ކުރެހުންތައް އުފެއްދި ފަންނާނެކެވެ. އަކައިގެ ކުރެހުމުގެ ހަރަކާތާއި އެކިއެކި ޝަކުލުތައް ހިމަނައިގެން ކުރެންތައް އުފެއްދި ކުރެހުންތެރިޔެކެވެ. އޭނާ ނިޔާވީ 1973 ވަނަ އަހަރު، އޭނާގެ އުމުރުން 91 އަހަރުގައެވެ.
ޕަބްލޯ ޕިކާސޯއަކީ، ޝައްކެއްނެތް ގޮތުގައި، މި ދިޔަ ގަރުނު ދުށް އެންމެ މަޝްހޫރު ކުރެހުންތެރި ފަންނާނެވެ. ނަމަވެސް، މި ލިޔުންކޮޅުގެ މައިގަނޑު ޝަޚްސިއްޔަތަކީ އޭނައެއް ނޫނެވެ. މި ލިޔުމުގެ މުހިއްމު ޝަޚްސިއްޔަތަކީ އޭނަގެ ބޯކޮށާ މީހާ އިޔުޖީނިޔޫ އާރިޔަސް ހެރާންޒް އާއެވެ.
އިޔުޖީނިޔޫ އޭރިޔަސް އުފަންވީ 1909ގައެވެ. ނިޔާވީ އޭނަގެ އުމުރުން 90 އަހަރުގައި 2008 ގައެވެ. އަދި 1936އިން ފެށިގެން ތިން އަހަރު ދުވަހަށް ދިގު ދެމިގެން ދިޔަ އިސްޕޭނުގެ މަދަނީ ހަނގުރާމައިގައި އޭރިޔަސް ތާއީދުކުރީ ކޮމިޔުނިސްޓު ޖުމްހޫރީންނަށެވެ. މި ހަނގުރާމައިގައި ކާމިޔާބު ލިބުނީ އެ މީހުންނާ އިދިކޮޅު ގައުމިއްޔަތުގެ މީހުންނަށެވެ. ޖުމްހޫރިން ބަލިވުމުން، އޭރިޔަސް އިސްޕޭނު ދޫކޮށް ފުރާންސަށް ހިޖުރަކުރިއެވެ.
އޭރިޔާސްއަކީ މާ ބޮޑު ކިޔެވުމެއް ކިޔެވުމެއް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ބޯކޮށާ ފިހާރައެެއްގެ ވެރި އޭނަގެ ބޮޑުބޭބެއްގެ ކިބައިން އޭނަ ބޯކޮށަން ދަސްކޮށް، އެ މަސައްކަތް އޭނަ ކުރިއެވެ. އިސްޕޭނު ދޫކޮށް ފުރާންސަށް ދިޔުމަށް ފަހު ވެސް، އޭރިޔަސް ބޯކޮށާ ފިހާރައެއް ހުޅުވައިގެން އެ މަސައްކަތް ކުރިއެވެ.
އޭރިޔަސްއާއި ޕިކާސޯ ބައްދަލު ވަނީ 1940ގެ ފަހުކޮޅު ފުރާންސްއިންނެވެ. ބޯކޮށަންވެގެން ޕިކާސޯ އޭރިޔަސްގެ ބޯކޮށާ ފިހާރައަށް ދިޔުމުންނެވެ. އަދި، އެ ދެމީހުންގެ ދެމެދުގައި ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދި، އެ ރަހުމަތްތެރިކަން 1973ގައި ޕިކާސޯ މަރުވަންދެން ދެމިއޮތެވެ.

ޕިކާސޯ އޭނަގެ ބޯކޮށުމަށްޓަކައި ގަވާއިދުން އޭރިޔަސްގެ ކައިރިއަށް ދިޔައެވެ. ނަމަވެސް، ބޯކޮށުމުގެ އަގެއް ޕިކާސޯ އަތުން އޭރިޔަސް ނުނަގައެވެ. ދެން، ޕިކާސޯ އޭނަގެ ބައެއް ކުރެހުންތައް އޭރިޔަސްއަށް ހަދިޔާކުރަމުން ދިޔައެވެ. ކޮންމެއަކަސް ޕިކާސޯ މަރުވި އިރު އޭރިޔަސް އަތުގައި ޕިކާސޯގެ 64 ކުރެހުން އޮތެވެ.
ޕިކާސޯ މަރުވުމުން، އޭރިޔަސް އަތުގައި ހުރި ޕިކާސޯގެ ކުރެހުންތައް ގަންނަން އެތައް ބަޔަކު އުޅުނެވެ. ޚާއްސަ ގޮތެއްގައި ކުރެހުމަށް ލޯބިކޮށް ކުރެހުންތައް ޖަމާކުރާ ޖަރުމަނުގެއާއި ޖަޕާނުގެ މީހުންނެވެ. އެ ކުރެހުންތައް ގަތުމަށްޓަކައި އޭރިޔަސްއަށް އެތައް މިލިޔަން ޑޮލަރެއް ހުށަހެޅިއެވެ. ނަމަވެސް، އެއިން އެއްވެސް ކުރެހުމެއް އޭރިޔަސް އެ މީހުންނަކަށް ނުވިއްކައެވެ.

އެ ކުރެހުންތަކަށް އޭރިޔަސް ހެދީ ކިހިނެއް ހެއްޔެވެ؟ އެންމެ ފުރަތަމަ އެ ކުރެހުންތައް އޭނަގެ ބޯކޮށާ ފިހާރައިގައި މީހުންނަށް ދައްކަން ބެހެއްޓިއެވެ. އެއަށްފަހު، އެ ހުރިހާ ކުރެހުންތައް އޭނަގެ ކުޑަކުޑަ އުފަން ރަށް ކަމުގައިވާ ބުއިޓްރާގޯއަށް ހަދިޔާ ކުރިއެވެ. އަދި އެރަށުގައި 1985ގައި ބުއިޓްރާގޯގެ ޕިކާސޯގެ ދާރުލްއާސާރު ހުޅުވިއެވެ. މިކަން ވެގެން ދިޔައީ އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަން ދިމާވި ސަބަބަކަށެވެ. އާދެ، ޕިކާސޯގެ ކުރެހުންތައް ބަލާލުމަށް އެތައް ބަޔަކު އެ ރަށަށް ޒިޔާރަތްކުރަމުން ގެންދެއެވެ.
މިވާހަކަކޮޅު ލިޔެލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިވާހަކަކޮޅު ލިޔެލީ އެއްވެސް މަވެތިކަން ނެތް، ރަށް ދެކެ ލޯބިވާ މީހެއްގެ ވާހަކައެއް ލިޔެލުމުގެ ބޭނުމުގައެވެ. އޭރިޔާސް އަތުގައި ހުރި ޕިކާސޯގެ ކުރެހުންތަކަކީ ސީދާ އޭނަގެ އެއްޗެކެވެ. އެއްގޮތަކުން ބުނާ ނަމަ، އޭނަގެ ބޯކޮށުމުގެ ޚިދުމަތުގެ އަގެކެވެ. އެހެންވެ، އެ ކުރެހުންތައް އޭނަ ވިއްކާލި ނަމަވެސް، އެކަކު ވެސް އެކަން ކުށްވެރިއެއް ނުކުރީހެވެ. އޭނައަށް ވެސް އެތައް މިލިޔަން ޑޮލަރެއް ލިބި މުއްސަނދިވެސްވީހެވެ. ނަމަވެސް، އޭނަ ގަސްދުކުރީ އެ ކުރެހުންތައް އޭނަގެ ރަށަށް ހަދިޔާކޮށް އެކަމުގެ ސަބަބުން މުޅި ރަށަށް ފައިދާ ލިބޭ ގޮތް ހެދުމެވެ!

އެންމެ ފުރަތަމަ އޭރިޔަސްގެ މިވާހަކަ ކިޔާލުމުން، އަޅުގަނޑުމެންގެ 'ގައުމީ ގަލަމުގެ' މަތިންނާއި އެ ގަލަމުގެ ވާހަކައިގެ މަތިން ވެސް ހަނދާންވިއެވެ! ޝައްކެއްނެތް ގޮތުގައި، ގައުމީ އެ ގަލަމުގެ ވެރިޔަކީ ގައުމީ އެ ގަލުމުގެ ވެރިޔާއެވެ. ޕިކާސޯގެ އެ 64 ކުރެހުމުގެ ވެރިޔަކީ އޭރިޔަސް ފަދައިން، ގައުމީ އެ ގަލުމުގެ ވެރިޔަކީ ވެސް ހަމަ ގައުމީ އެ ގަލަމުގެ ވެރިޔާއެވެ. ނަމަވެސް، ގައުމީ ގަލަމުގެ ވެރިޔާގެ ކިބައިން ފެނުން އެދެވުނު، ނަމަވެސް ނުފެނުނު، މާ ބޮޑު ތައުލީމެއް ނެތް، ކިރިޔާ ލިޔަންކިޔަން އެނގޭ، އަދި އެއްވެސް ގައުމީ ބޮޑު މަގާމެއް ނެތް، އާދައިގެ ބޯކޮށާ އޭރިޔާސްގެ ގައުމީ ލޯތްބާއި އޭނަގެ ރަށުގެ މީހުންނަށް އޭނަ ހެޔޮ އެދުނު އެދުން އޭނަގެ އަމަލުން ފެނިގެން ދިޔައެވެ.
