ބެލެނިވެރީންނަށް ކުދީން ކުރާ އިތުބާރު އިތުރުވެ، ގުޅުން ބަދަހިވީ ވަރަކަށް، މުޖްތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމުގެ މަގުފަހިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
'ގްލޯބަލް ޕޭރެންޓިންގ މަންތް' އާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި މެޑަމް ސާޖިދާ ވަނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކުޑަ ކުއްޖަކާ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާ އެކީގައި އެކުއްޖާގެ އުމުރުފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާންޖެހޭ ކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭކަމުގައި ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި އެކަމަނާ ވަނީ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނަށް ނުވަތަ މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށް އަދި އެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅުއްވައިފައެވެ.
ޔުނިސެފުން އިސްނަގައިގެން ކުރިއަށްގެންދާ ބެލެނިވެރިޔާ ޕްރޮގްރާމުގެ މަޤްޞަދަކީ، ކުދިންނަށް ރައްކާތެރިކަން ހޯދައިދީ، އެ ކުދީންގެ އަގު ވަޒަންކުރާކަން ޤަބޫލުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމެވެ.



advertisment