Support Us

ކޮލަމް ގަލަން: ކޯޓުގެ މަރުހަލާތަކަށް ފަނޑިޔާރުން ބަދަލު ކުރުމުގައި މިންގަނޑެއް އޮތުން މުހިންމު 

މިއީ ގާނޫނީ ގޮތުން ހެޔޮ ބަދަލުތަކެއް ގައުމަށް އަންނާނެ އަހަރެއް ކަމަށް އުއްމީދުކުރެވެއެވެ. ސަބަބަކީ ސަރުކާރުން ވަނީ ލެޖިސްލެޓިވް އެޖެންޑާއެއް ކަނޑައަޅައި އޭގައި 213 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ވިސްނަވައިފައެވެ. އޭގެތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލު ވެސް ހިމެނެއެވެ. އެހެންކަމުން ކޯޓުގެ މަރުހަލާތަކަށް ފަނޑިޔާރުން ބަދަލުކުރުމުގައި މިންގަނޑެއް އޮތުމުގެ މުހިންމުކަމާމެދު މި ފަދަ ދަނޑިވަޅެއްގައި އެއްޗެއް ދަންނަވާލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

ފަނޑިޔާރުން ޝަޚުޞީ ގޮތުން މުސްތަޤިއްލު ނުވުމަކީ އެމީހުންގެ ނިންމުންތަކާމެދު ޝައްކު އުފެދޭނެ ކަމެކެވެ. ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ހުރިހާ ދަންނަބޭކަލުން ވެސް އިއްތިފާގުވާ އެއް ސިފައަކީ އަދުލުވެރިކަމުގެ ސިފައެވެ. އެ އަދުލުވެރިކަމުގެ ސިފަ ގޮސް ހުއްޓެނީ އެ މީހެއްގެ ކިބައިގައި ހުންނަ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަބުރުވެރިކަމާއި އަދިވެސް ކިތަންމެ ސިފަތަކެއްގެ މައްޗަށެވެ. ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން ކޯޓުތަކަށް ފަނޑިޔާރުން ވެއްދުމުގައި އުސޫލުން ބޭރުވެފައިވާ ކަމަށާއި އަދި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ސިޔާސީ އެކުޓިވިސްޓުންނާއި އަދި ތަފާތު ތުހުމަތުތައް ކުރެވިފައިވާ މީހުން ފަނޑިޔާރުގެއަށް ވައްދައިފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ވާހަކަ ފެތުރިފައިވާތީވެ ސަރުކާރުގެ ލެޖެސްލެޓިވް އެޖެންޑާގައި ފަނޑިޔާރުންގެ ހަގީގަތް މުރާޖާކުރުމަކީ ކޮންމެހެންވެސް ބޭނުންތެރި، ގައުމީ ވާޖިބެެއް ކަމުގައި ބެލެވެއެވެ.

ކުރީގެ ސަރުކާރުތަކުން ފަނޑިޔާރުގެއާ ކުޅެފައި ވާކަމީ ހުރިހާ ރައްޔަތުން ހެކިވާ ކަމެކެވެ. ސުޕްރީމް ކޯޓު އުފެދުނު ފަހުން ބެންޗަށް ގެނެސްފައިވާ ބަދަލުތަކަކީ އެކަމުގެ ހެއްކެކެވެ. ހުރިހާ ސަރުކާރެއްގައި ވެސް ސުޕްރީމް ކޯޓް އެފުށްމިފުށަށް ޖަހައި ވެރިކަމުގެ ނުފޫޒުން އެތަނަށް ފަނޑިޔާރުން ވައްދައި ދުރުކުރުކޮށްފައިވާކަމީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއްނޫނެވެ. އެއް ދުވަސްވަރަކު ސުޕްރީމް ކޯޓުގެ ބެންޗުގެ ޢަދަދު ހަތަކުން ފަހަކަށް ބަދަލުކުރިއެވެ. ވެރިކަމުގެ ނުފޫޒުންނެވެ. އެހެން ފަހަރަކު ސުޕްރީމް ކޯޓު އެފުށްމިފުށަށް ޖަހައި އެ ވަގުތުގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރު ކުރައްވައި، އިތުރު ފަނޑިޔާރަކު ވެސް މަޤާމުން ދުރުކުރައްވައި ދެވަނަ ފަހަރަށް މިވެނި ބޭކަލަކަށް އުއްތަމަ ފަނޑިޔާރުކަން ދެއްވިއެވެ. ވޭތުވެދިޔަ ސަރުކާރުން ސުޕްރީމް ކޯޓަށް ގެނެސްފައިވާ ބަދަލުތަކާއި އެ ކަންތައް ކުރިގޮތް ފެންނަން އެ އޮތީއެވެ. ދަންނަވަން ބޭނުންވަނީ ސުޕްރީމް ކޯޓަށް އެގޮތަށް ގެނެވޭ މިފަދަ ބަދަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ކަންބޮޑުވުން އުފެދިފައިވާ އަދި ޖުޑިޝަރީގެ މުސްތަގިއްލުކަމާމެދު ޝައްކު އުފެދޭ ކަންތައްތަކެވެ. ދިވެހި ތާރީޚުގައި މިފަދަ ޢަމަލުތައް ކޯޓުތަކުގެ މައްޗަށް ތަކުރާރުވަމުން ގޮސް އެންމެފަހުން ޔޫގަންޑާގެ ޢަސްކަރިއްޔާ އިން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ވަދެ ފަނޑިޔާރުން ނަގައިގެން ގެންދިޔަ ގޮތަށް މި ޤައުމުގައި ވެސް ވަނީ ފުރާޅު ނައްޓާލައިގެން ފަނޑިޔާރުން ނަގައި ގެންގޮސްފައެވެ. ވުމާއެކު ސަރުކާރު ބޭނުންވިޔަސް ކޯޓުތަކާ ހިތުހުރި ގޮތަކަށް ނުކުޅެވޭ ގޮތް ހެދުމަށްޓަކައި ކޯޓުގެ މަރުހަލާތަކަށް ފަނޑިޔާރުން ބަދަލު ކުރުމުގައި ގާނޫނުގައި މިންގަނޑެއް އޮތުމަކީ މުހިންމު ކަމެކެވެ.

ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރިކަމުގެ ސިފައަށް ބަލާއިރު މި ވަގުތު ތިބި ފަނޑިޔާރުންގެ ތެރޭގައި ސަރުކާރުގެ މުއައްސަސާއެއްގެ ތަހުގީގުން ކަރޮޕްޝަނުގެ ތުހުމަތު ކުރެވޭ މީހެއް ހުރިތޯބަލައި މުރާޖައާކުރަންޖެހެއެވެ.

ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ އަބުރުވެރިކަމުގެ ސިފައަށް ބަލާއިރު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ މަގުމަތީގައި ކުރިމަތިލުމުގެ ހަރަކާތަކަށް ގޮސްފައި ހުރި މީހެއްތޯ ބަލަން ވެސް ޖެހެއެވެ. ފަހުގެ ދެ ސަރުކާރުން ބައެއް ފަރާތްތަކަށް ޤާޟީކަން ދީފައިވަނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ސޯޝަލް މީޑިޔާގައި އަޑު އުފުލިފައިވާތީ އެކަމުގެ ހަގީގަތާއި އެ ފަދަ ފަނޑިޔާރެއްްގެ ބެކްގުރައުންޑު ވަރަށް ރަނގަޅަށް ރައްޔަތުންނަށް އޮޅުންފިލުވައިދިނުމަކީ ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ޓަކައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ފަނޑިޔާރު ކަމަށް ޢައްޔަންކުރެވޭ މީހުންނަކީ ކުރީގައި ޤާނޫނީ ވަކީލުކަމުގެ ވަޒީފާ ނުވަތަ ދައުލަތުގެ ތަފާތު މަޤާމުތައް ފުރާފައިވާ މީހުން ކަމުގައި ނުވުމަކީ އެދެވިގެންވާ ގޮތެވެ. އެހެނީ ބައެއް ގާނޫނީ ވަކީލުންނަކީ ހުނަރުގެ ގޮތުން ހައްގު ބާޠިލަށް އަދި ބާޠިލު ހައްގަށް (ތެދު ދޮގަށް އަދި ދޮގު ތެދަށް) ބަދަލުކޮށްލުމުގެ ހުނަރުވެރި ބަޔެކެވެ. އަދި އެ ދާއިރާގައި ގިނަ ދުވަހު މަސްކަތްކުރުމުގެ ސަބަބުން ބައެއް ވަކީލުންގެ ހަށިގަނޑުގައި އެކަމުގެ ދެވިހިފައިފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއާ ޚިލާފަށް ފަނޑިޔާރުންނަކީ ހައްގު ނޫން އެއްޗެއް ނޫނީ ނޭނގޭ ބަޔަކަށް ވާންޖެހެއެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ޝަރުޢީ ގާނޫނު ކިޔަވައިގެން އަލަށް ކުރިމަތިލައްވާ ފަރާތަކަށް އިސްކަންދިނުމުގެ އުސޫލު ގާނޫނުގައި ކަނޑައެޅުމަކީ ފަނޑިޔާރުން މިނިވަންކުރުމަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ކުރީގެ ސަރުކާރުތަކުގެ އަނިޔާވެރި އެއް ސިޔާސަތަކީ ޕޮލިސީ ލެވަލުގައި ސިވިލް ސާވިސްއަށާއި އެހެނިހެން ވަޒީފާތަކަށް ޚާއްސަކޮށް ރިޔާސީ އިންތިޚާބަށް ގާތްވެފައި ވަނިކޮށް ހިތުހުރި ގޮތަކަށް އެ ބަޔެއްގެ މަސްލަހަތާ އެއްގޮތަށް އެ މީހުންގެ އެކުޓިވިސްޓުން ޖުޑިޝަރީއަށް ވެއްދުމެވެ. ޖުޑިޝަރީއަށް މިފަދަ ދޮރަކުން ޚާއްސަކޮށް ރިޔާސީ އިންތިޚާބަށް ގާތްވެފައިވަނިކޮށް ނުވަތަ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރަކު ވައްދައިފައިވޭތޯއާއި އަދި ވައްދައިފައިވާ ނަމަ އެ ފަދަ މީހުން މި ސަރުކާރުގެ ލެޖެސްލެޓިވް އެޖެންޑާގެ ދަށުން މުރާޖައާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

ވުމާއެކު އިސްވެދިޔަ ކަންތައްތަކަށް ރިއާޔަތްކުރުމުގެ އިތުރުން ކޯޓުގެ މަރުހަލާތަކަށް ފަނޑިޔާރުން ބަދަލު ކުރުމުގައި މިންގަނޑެއް އޮތުން މުހިންމެވެ. މިސާލަކަށް މެޖިސްޓުރޭޓު ކޯޓެއްގައި 10 އަހަރު ނުވަނީސް ސުޕީރިއާ ކޯޓަކަށް ބަދަލުނުވާ ގޮތަށް ގާނޫނަކުން ޝަރުޠު ކަނޑައެޅުމެވެ. އަދި ސުޕީރިއާކޯޓެއްގައި 10 އަހަރު ނުވަނީސް ހައިކޯޓަކަށް ބަދަލުނުވާ ގޮތަށް ގާނޫނަކުން ޝަރުޠު ކަނޑައެޅުމެވެ. އަދި ހައިކޯޓެއްގައި 10 އަހަރު ނުވަނީސް ސުޕްރީމްކޯޓަށް ބަދަލުނުވާ ގޮތަށް ގާނޫނަކުން ޝަރުޠު ކަނޑައެޅުމެވެ. ސަބަބަކީ ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބިނާވާ އެއްކަމަކީ އެބައިމީހުންނަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއެވެ. ނަމަވެސް ތަފާތު ސިޔާސީ ނުފޫޒުގެ ދަށުން ސުޕުރީމް ކޯޓަށް ވައްދައިފައިވާ ފަނޑިޔާރުންގެ ތާރީޚަށް ބަލާއިރު ޝަރީއަތަށް ބީރައްޓެހި ނުވަތަ ދުވަހަކުވެސް ކޯޓެއްގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްތަކުގެ ތަޖުރިބާއެއް ނެތް މީހުން ވެސް ހިމެނެއެވެ.