Support Us

ޗައިނާގެ އަސްކަރީ ސިއްރުތަކުގެ ހަތަރު ފޮތް އެއް ޑޮލަރަށް

އަސްކަރީ ކަންތައްތަކަށް ޝައުގުވެރިވާ ޗައިނާ މީހަކު، އަސްކަރީ ސިއްރުތައް އެކުލެވޭ ހަތަރު ފޮތް ގާތްގަނޑަކަށް އެއް ޑޮލަރަށް ގަތުން ބޮޑު މައްސަލައަކަށް ވެއްޖެއެވެ.

ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ މި ހަތަރު ފޮތް ފެނިފައިވަނީ ރިސައިކަލް ކުރާ މަރުކަޒަކުން ކަމަށެވެ.

ހަމައެކަނި ޒަންގްގެ ނަމުން ނަން ހާމަކޮށްފައިވާ މި މީހާއަށް އެ ހަތަރު ފޮތް ފެނުމުން ވުޒާރާގެ ހޮޓްލައިނަށް ވަގުތުން ގުޅައި، އެ ފޮތްތައް ހަވާލުކޮށްފައިވާތީ ވުޒާރާއިން ވަނީ އޭނާއަށް ތައުރީފުކޮށްފައެވެ.

މި ފޮތްތަކުގައި ހުރީ ކޮން ކަހަލަ މައުލޫމާތެއް ކަމެއް އެ ވުޒާރާއިން ހާމައެއް ނުކުރެއެވެ.

"މި ފޮތްތަކުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހަކަށް މި ފޮތްތައް ލިބުނު ނަމަ ހީވެސް ނުކުރާ ފަދަ ގެއްލުމެއް މި ގައުމުގެ ސަލާމަތީ ކަންތައްތަކަށް ކުރިމަތިވާނެ،" ވުޒާރާއިން ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

މި ހާދިސާ މި ހިނގީ ޗައިނާ އާއި އެމެރިކާގެ ގުޅުން ހީނަރުވަމުންދާ ދުވަސްކޮޅެއްގައެވެ. އަދި އެއް ގައުމަކުން އަނެއް ގައުމުގެ ސިއްރު މައުލޫމާތު ހޯދައިފާނެ ހީތައް ކުރެވެން ފަށައިފައިވަނިކޮށެވެ.

ވުޒާރާއިން ބުނީ ޒަންގަކީ ދައުލަތުގެ ކުންފުންޏެއްގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށެވެ. ރިސައިކަލް ކުރާ މަރުކަޒުން ދެ ދަބަހުގެ ފޮތް އޭނާ ގަނެފައިވާ ކަމަށާއި އޭގެ ތެރެއިން އަސްކަރީ ސިއްރު ހިމެނޭ ހަތަރު ފޮތް ގަތީ ގާތްގަނޑަކަށް އެއް ޑޮލަރަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ޒަންގް އެ ވުޒާރާގެ ހޮޓްލައިނަށް ގުޅުމުން އެ ވުޒާރާގެ އޮފިޝަލުން ވަގުތުން އެ ރިސައިކަލްކުރާ މަރުކަޒަށް ދިޔައެވެ. އަދި ތަހުގީގެއް ފެށިއެވެ. ތަހުގީގުން އެނގުނީ އެ މަރުކަޒުގައި މަސައްކަތްކުރާ ދެ އަސްކަރީ މުވައްޒަފުންނާ 200 ފޮތް ހަލާކުކޮށްލަން އަމުރުކޮށްފައިވާ ކަމެވެ. އެއީ ޝްރެޑަރަކަށްލައި ކުދިކުދިކޮށްލައިގެންނެވެ. ނަމަވެސް މި ދެ މުވައްޒަފުން ވަނީ އޭގެ ބަދަލުގައި އެ 200 ފޮތް ރިސައިކަލްކުރާ މަރުކަޒަށް ގާތްގަނޑަކަށް ތިން ޑޮލަރަށް ވިއްކައިފައެވެ. އެ ފޮތްތަކުގެ ބަރުދަނުގައި 30 ކިލޯ ހުއްޓެވެ.

ވުޒާރާގެ މުވައްޒަފުން ވަނީ ވަގުތުން އެ ފޮތްތައް އަތުލައިފައެވެ. އަދި މި ފަދަ ކަމެއް ބޮއްސުންލައިގެން ދިއުމަށް މެދުވެރިވި ގާނޫނީ ސަބަބުތަކަކީ ކޮބައިތޯ ބަލައިފައެވެ.

ޗައިނާގެ ދެފުށް ނުފެންނަ ސަލާމަތީ މަރުކަޒުތަކާއި ޝަރުއީ ނިޒާމު އޮތް ގޮތުން "ދައުލަތުގެ ސިއްރު"އަކީ ކޮބައިކަން ރަނގަޅަށް ދޭހައެއްނުވެއެވެ. ފަހުގެ ތާރީހުގައި ޗައިނާގެ ކޮންސަލްޓަންޓުންނާއި ބޭރުގެ ކޮންސަލްޓަންޓުން ވެސް ޗައިނާގެ އިގުތިސާދާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ވެސް ވަނީ ދައުލަތުގެ ސިއްރުތައް ކަމުގައި ކަނޑައަޅައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *