Support Us

އިސްތިޤުލާލަކީ ކޮބާ؟

އިސްތިޤުލާލު މި ލަފުޒަކީ ޢަރަބި ބަހުގެ "އިސްތަޤައްލަ" މި ކަލިމައިގެ މަސްދަރެވެ. ލަފުޒީ މާނައަކީ ނުފޫޒެއް ނެތި ގޮތް ނިންމުމާއި ނިންމި ގޮތެއް ތަންފިޒުކުރުމުގެ ބާރު ލިބިގެންވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުމަކީ ބޭރުގެ ބާރެއްގެ އެންމެހައި ނުފޫޒުތަކުން މިނިވަންވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުން ނުވަތަ "އިސްތިޤްލާލު ބިއްސިޔާސަތި"ގެ އިތުރުން، "އިސްތިޤްލާލު ބިއްރައުޔި" (ރައުޔުގައި އިސްތިޤުލާލުވުން) އަދި "އިސްތިޤްލާލު ބިލްޤަޟާއި" (ފަނޑިޔާރުކަމުގައި އިސްތިޤުލާލުވުން) ފަދަ މަފްހޫމްތައް ޢަރަބި ބަހުގައި ހުރެއެވެ.

"މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު" މި ލަފުޒުތަކަކީ އަޅުގަނޑުމެންނަށް ފަރަށް ފަރިތަ ތިން ލަފުޒެވެ. ދިވެހި ސިފައިންގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަކީ ދިވެހި އަސްކަރިއްޔާގެ މަގުސަދެކެވެ.

މިނިވަންކަމާއި ސިޔާދަތުގެ މާނަ ދިވެހި ބަސްފޮތުން ފެންނަން އޮތަސް އިސްތިޤުލާލުގެ މާނައެއް ދިވެހި ބަސްފޮތަކު އަދިއެއް ނެތެވެ. އެކަމަކު މި ތިން ލަފުޒު ވެސް ދިވެހީން ބޭނުންކުރާތީ މިއީ މާނައިގެ ގޮތުން ވަރަށް ގާތްކަން ހުރި ތިން ލަފުޒުކަމަށް ވިޔަސް ކޮންމެ ލަފުޒެއްގައި ވެސް ތަފާތު މާނައެއް އޮންނާނެ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހި ބަސްފޮތުގައި މިނިވަންކަމުގައި ތިން މާނައެއް އޮވެއެވެ. އެއީ އަޅުވެތިކަމެއް ނެތްކަމާއި އަމިއްލަކަމާއި މިނިވަން މި ތިން މާނައެވެ. މިނިވަން މި ލަފުޒުގެ މާނަތަކުގެ ތެރޭގައި އަޅުވެތިކަމެއްނެތް، ހުހަށްހުރި، ބަންދެންނެތް، ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވާ، މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތް މި ލަފުޒުތައް ހިމެނެއެވެ.

ސިޔާދަތުގެ ފަސް މާނައެއް ދިވެހި ބަސްފޮތުގައި އޮވެއެވެ. އެއީ މާތްކަމާއި، ވެރިކަމާއި، ރަސްކަމާއި، ސަރުކާރާއި، ޤައުމެއްގެ މިނިވަންކަމެވެ. އިނގިރޭސި ބަހުގައި މިނިވަންކަމާއި އިސްތިޤުލާލަށް ބޭނުންކުރާ ލަފުޒަކީ އިންޑިޕެންޑެންސް (Independence) އެވެ. ސިޔާދަތަކީ ސޮވެރެންޓީ (Sovereignty)އެވެ.

އިސްތިޤުލާލުގެ މާނައަކީ ކޮބައިތޯ ސުވާލު ކުރެވިއްޖެނަމަ އޭގެ އަވަސް ޖަވާބަކަށް ވާނީ އެއީ މިނިވަންކަން ކަމުގައެވެ. އެހެންނަމަވެސް މިނިވަންކަން ކަށަވަރުވެ ފުރިހަމަ ވަނީ އިސްތިޤުލާލު އޮވެގެނެވެ. މި ނަޒަރިއްޔާތުން މިނިވަންކަމާއި އިސްތިޤުލާލުން ތަފާތެއް، ފަރަގެއް ފާހަގަ ވެއެވެ. އިސްތިޤުލާލެއް ނެތް ޤައުމެއްގައި ޙަޤީޤީ މިނިވަންކަމެއް ނޯންނާނެއެވެ. ސިޔާދަތީ ބާރު ނެތް ޤައުމެއްގައި ވެސް ޙަޤީޤީ މިނިވަންކަން ނޯންނަ ފަދައިންނެވެ.

ޤައުމެއްނެތި ދައުލަތެއް ނޯންނާނެއެވެ. ސިޔާދަތަކީ ދައުލަތުގެ ހުންނަންޖެހޭ އަސާސީ ސިފައެކެވެ. ސިޔާދަތު ގެއްލިއްޖެނަމަ ދައުލަތެއްގެ ސިފަ ގެއްލިދާނެއެވެ. ހަމަ މިފަދައިން އިސްތިޤުލާލު ގެއްލިއްޖެނަމަ ޤައުމެއް ސިފައާއި ދައުލަތެއްގެ ސިފައަށް ވެސް އުނިކަން ނުވަތަ ގެއްލުން ލިބިދާނެއެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް އެ ޤައުމެއްގެ ސަރަޙައްދަށް ބާރު ހިނގުމަށް އެހެން ބަޔަކު ހުރަސްއަޅާނަމަ އެއީ އެ ޤައުމެއްގެ އިސްތިޤުލާލު ނެތީއެވެ. ޤައުމެއްގެ ރައްޔިތުންނަށް އިޙްތިރާމު ނުކޮށް ބޭރުގެ ފަރާތަކުން އެބަޔަކު ބޭނުންވާހާ ގޮތަކަށް އެ ޤައުމެއް ނިސްބަތްވާ ސަރަޙައްދެއްގައި ޢަމަލުކުރާނަމަ އެއީ ވެސް އިސްތިޤުލާލު ނެތީއެވެ. އެ ޤައުމެއްގެ ރައްޔިތުން އެދޭގޮތަށް އެ ޤައުމެއްގައި އެ ރައްޔިތަކަށް މިނިވަންކަމާއެކު ބަސްބުނެ ޢަމަލުކުރުމުގެ ފުރުސަތު ނެތްނަމަ، އެ ޤައުމެއްގެ ރައްޔިތުންގެ އިސްތިޤުލާލަށް އެވަނީ އުނިކަން ލިބިފައެވެ. ނުވަތަ އިސްތިޤުލާލު އެވަނީ ގެއްލިފައެވެ. ބޭރުގެ ނުފޫޒެއްނެތި ގޮތް ނިންމުމުގެ ބާރު އޮތުމަކީ އިސްތިޤުލާލު އޮތުމެވެ. އެ ބާރު ތަންފީޒުކުރުމުގެ ބާރު އޮތުމަކީ ސިޔާދަތީ ބާރު އޮތުން ކަމަށް ބެލިދާނެއެވެ. އެހެންކަމުން އެނގިގެން މިދަނީ ސިޔާދަތަކީ ދައުލަތަށް ޚާއްޞަ ސިފައެއްކަމެވެ. އަދި އިސްތިޤުލާލަކީ ދައުލަތުގެ އިތުރުން ފަރުދުންނަށް ވެސް ނިސްބަތްކުރެވޭ ޚާއްޞަ ސިފައެއްކަމެވެ.

މިނިވަންކަން ނެތް ނަމަ އިސްތިޤުލާލެއް އަދި ސިޔާދަތެއް ވެސް ނޯންނާނެއެވެ. މިނިވަންކަމަށްވުރެ ކުރިން ގެއްލިގެން ދާނީ އެބައެއްގެ ސިޔާދަތާއި އިސްތިޤުލާލެވެ. މި ޒަމާނަކީ އެއް ޤައުމުން އަނެއް ޤައުމު އަޅުވެތިކޮށް ހިފައި ހަދާ ޒަމާނެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ އެހެން ގޮތްގޮތުން ކުރެވޭ މަސައްކަތްތަކެވެ. ކޮންމެ ބަޔަކު ވެސް އެބައެއްގެ ޤައުމީ މަޞްލަޙަތު ކުރިއަރުވަން މަސައްކަތް ކުރާ ތަނެވެ. މިއަދު ދުނިޔެއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބާރުގަދަ ޤައުމުތަކުން އެއަށްވުރެ ބާރުދެރަ ޤައުމުތަކަށް އަރައި، ހިފައި އަޅުވެތި ކުރުމަށް ދުނިޔެ ނުރުހޭ ނުރުހުމެވެ. އެކަން ދުނިޔެއިން ބަލައިނުގަތުމެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *