13:00
މަޖީދިއްޔާ ސްކޫލްގެ ކުއްޖަކު ޓީބީ އަށް ޕޮޒިޓިވްވުމުން، އޭނާއާ އެއް ކްލާހުގައި އުޅުނު ކުދިންތަކެއް ޓެސްޓުކުރަން ފަށައިފިއެވެ.
މަޖީދިއްޔާގެ ބެލެނިވެރިޔަކު މިއަދު ބުނީ މިދިޔަ އަހަރު ގްރޭޑް އަށެއްގައި ކިޔެވި އަންހެން ކުއްޖެއް ޓީބީއަށް ޕޮޒިޓިވްވިކަން އެނގުނީ މި އަހަރަށް ސްކޫލް ފެށުނު ފަހުން ކަމަށެވެ. އެ ދަރިވަރު ސްކޫލަށް ނުކުތީ ސްކޫލް ހުޅުވުނު ދުވަހު އެކަނި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެހެންވެ އެ ކުއްޖާ މިދިޔަ އަހަރު އުޅުނު ކްލާހުގެ ކުދިންނާއި މި އަހަރު ބަދަލުވި ކްލާހުގެ ކުދިން (ޓީބީއަށް) ޓެސްޓްކުރަނީ. ސްކޫލް ފަރާތުން އިންތިޒާމްކޮށްގެން އައި.ޖީ.އެމް.އެޗުން ނަރުހުން ގެނެސްގެން އެ ކުދިންގެ ސާމްޕަލް ނަގަމުން ދަނީ،" ގްރޭޑް ނުވައެއްގެ ބެލެނިވެރިޔަކު ބުންޏެވެ. "ޓެސްޓްކޮށްފަ ބުނީ މޭގެ އެކްސްރޭ ނަގަން ދާން ދަރުމަވަންތަ ހޮސްޕިޓަލަށް. މެމޯ ވެސް ދީފި."
ކުދިންގެ ސާމްޕަލް ނަގަމުން ދަނީ މަޖީދިއްޔާގައި، ހިމާޔަތް ކޮށްފައި ހުންނަ "ދާރުލް އުލޫމް" ހޯލްގައެވެ. "ދާރުލް އުލޫމް" ހޯލަކީ ރާއްޖޭގެ ތާރީހުގެ މުހިންމު ކަންތައްތަކެއް ހިނގައިފައިވާ ހޯލެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓީބީ އަށް ޕޮޒިޓިވްވި ދަރިވަރު މިހާރު ހުރީ އެކަހެރިކޮށްފައެވެ.
މި ކަމާ ބެހޭ ގޮތުން މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ ބަހެއް ހޯދުމަށް "އަދިވެސް" އިން ކުރި މަސައްކަތް، އޭނާ އާ ނުގުޅޭތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ޓީބީއަކީ އޭގެ ޖަރާސީމު ހަށިގަނޑުގައި ދައުރުވާތާ އެތައް ދުވަހެއް ފަހުން ވެސް ޕޮޒިޓިވްވެދާ، ވައިގެ ތެރެއިން އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ، ނުރައްކާތެރި ބައްޔެކެވެ.



advertisment
One Response
ޅަފަތުގައި ވެކްސިން ނުދީ ސޫކްލަށް ވައްދަން ވީމަ ލާރިދީގެން ވެކްސިން ކާޑްގައި ސްޓޭމްޕު ޖަހައިގެން ސޫކްލަށް ވައްދަނީ. ކީއްކުރާނީ.