ޣައްޒާގެ ސަހަރެއް ކަމަށްވާ ރަފަހްއަށް އިސްރާއީލު ސިފައިން މިހާރު ކެނޑިނޭޅި ދެމުންދާ ހަމަލާތަކަކީ ޣައްޒާއަކީ ފަލަސްތީނު ރައްޔިތުން އުޅެން އެކަށީގެން ނުވާ ތަނެއް ކަމަށް ހެދުން ކަމަށް މިސްރުން ބުނެފިއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްއިން އިސްރާއީލުގެ ދެކުނު ބޯޑަރު ހުރަސްކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާ ދިނުމުން، ހަމާސް ނައްތާލަނީ ކަމުގެ އުޒުރު ދައްކައި އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސުންނާފަތިކޮށްލައިފައެވެ. ހަލާކުނުވެ ބާކީ އޮތީ ހަމައެކަނި ޣައްޒާގެ ރަފަހް ސަހަރެވެ.
ޣައްޒާ ސުންނާފަތި ކުރަމުން ގެންދިޔައިރު އިސްރާއީލުން އަންގަމުން ދިޔައީ އެއްގަމު މަގުން ހަނގުރާމަ ނުހިނގާ ރަފަހުން ހުރިހާ ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދަން ދިއުމަށެވެ. ނަމަވެސް މިހާރު ވަނީ ރަފަހްގެ މެދުތެރެއަށް ވަދެ ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ޓެންޓްތަކަށް ހަމަލާ ދެމުންނެވެ. އެކަމަކު އަދިވެސް ބުނަމުން ދަނީ ހަމަލާ ދެމުންދަނީ ހަމާސްގެ ޖިހާދު ކުރާ މީހުންނަށް ކަމަށެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ އާދީއްތަ ދުވަހު އެތައް ޓެންޓެއްގައި ރޯވުމުން އެތައް ފަލަސްތީނު ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވުމަށް ހިނގި ހާދިސާއަކީ "އޮޅުމަކުން ދެވުނު" ހަމަލާއެއް ކަމަށެވެ. އަދި ޓެންޓްތަކުގައި ރޯވީ ހަމާސްގެ ބަޑިގުދަނެއް އެ ތާ ކައިރީގައި ހުރީމާ ކަމަށެވެ.
ނަމަވެސް ހަމާސް އާއި އިސްރާއީލު ސިފައިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މިސްރުން ބުނީ އިސްރާއީލުން މިހާރު ކަންތައްތައް ކުރަމުންދަނީ "ވަކި ނިޒާމެއްގެ ދަށުން ކަނޑައަޅާފައިވާ ސިޔާސަތެއްގެ ދަށުން ޣައްޒާއަކީ ފަލަސްތީނު ރައްޔިތުން ދިރިއުޅެން އެކަށީގެން ނުވާ ބިމަކަށް ހަދަން" ކަމަށެވެ.
ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ގަތަރުން ބުނީ އިސްރާއިލުން އާދިއްތަ ދުވަހު ދިން ހަމަލާގައި ފަލަސްތީނުގެ 45 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، މިއީ "ނުރައްކާތެރި ގޮތަކަށް ބައިނަލްއަގުވާމީ ގާނޫނު މުގުރާލުން" ކަމަށެވެ.
"މި ކަމުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅޭނެ،" ގަތަރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
އުރުދުން ބުނީ އިސްރާއީލުން އަދިވެސް ދަނީ "ހަނގުރާމައިގެ ޖަރީމާތައް" ހިންގަމުން ކަމަށެވެ. ސައޫދީ އަރަބިއްޔާއިން ބުނީ އިސްރާއީލުގެ މި އަމަލުތަކަކީ "ގަތުލުއާއްމެއް" ކަމަށެވެ. ތުރްކިޔެގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވިދާޅުވީ އިސްރާއީލުގެ "ނާތަހުޒީބު ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ" ކަމަށެވެ.
މި އަރަބި ގައުމުތަކުގެ އިތުރުން ކުވައިތުން ވެސް ވަނީ އިސްރާއީލުން އާދީއްތަ ދުވަހު ފަލަސްތީނުގެ ރެފިއުޖީން ތިބި ޓެންޓްތަކަށް ހަމަލާ ދިނުމުން އެކަން ކުށްވެރިކޮށްފައެވެ.
އެމެރިކާގެ ހާރިޖިއްޔާއިން ބުނީ އާދިއްތަ ދުވަހުގެ ހަމަލާ ހިނގި ގޮތް ދެނެގަތުމަށް އިސްރާއީލުގެ ސިފައިން އެތެރޭގެ ތަހުގީގެއް ހިންގާ ގޮތް ބަލަމުން ގެންދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލާ ވިދާޅުވީ ހަނގުރާމަ ކުރިއަށް ދަނިކޮށް މި ފަދަ ތަހުގީގުތަކުން ހާމަވާ ހަގީގަތްތަކަކީ ކޮބައިކަން ނޭނގިދާނެ ކަމަށެވެ.
ހަމާސްއިން އޮކްޓޫބަރު މަހު ދިން ހަމަލާގައި 1،200 އެއްހާ ޔަހޫދީން ވަނީ މަރައިލައިފައެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.



advertisment