Support Us

އާ މަޖިލީސް ހުވައިކޮށް ރައީސް ކަމަށް އަބްދުއްރަހީމު އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުކުރި 93 މެންބަރުން މަގާމުގެ ހުވާކުރައްވައި، މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ ޕީ.އެން.ސީ މެމްބަރު އަބްދުއްރަހީމު އަބްދުﷲ އިންތިހާބުކޮށްފި އެވެ. އަދި ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ ޕީ.އެން.ސީ މެމްބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފި އެވެ.

އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމީޔާތު ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައެވެ. ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ހުވާ ކުރެއްވުމުގެ ރަސްމީޔާތަށްފަހު ބޭއްވި، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމުގެ ޖަލްސާގައި، ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ވެސް ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އަބްދުއްރަހީމާއެކު ރައީސް ކަމަށް ވާދަކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އިބްރާހިމް ނާޒިލެވެ. ނައިބު ރައީސް ކަމަށް ނާޒިމާއެކު ވާދަކުރެއްވީ މަރަދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އަހުމަދު ދީދީއެވެ. ނަމަވެސް މެމްބަރުން ދެއްވި ސިއްރު ވޯޓުގައި ތަފާތު ބޮޑުކޮށް މަގާމު ކާމިޔާބު ކުރެއްވީ އަބްދުއްރަހީމާއި ނާޒިމެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދުގެ އެއްވެސް ވޯޓެއްގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

މަޖިލީހުގެ ރައީސްގެ އިންތިހާބު

  1. އަބްދުއްރަހީމު- 71 ވޯޓް
  2. އިބްރާހިމް ނާޒިލް- 14 ވޯޓް
  3. ބާތިލް- 7 ވޯޓް

މަޖިލީހުގެ ނައިބު ރައީސްގެ އިންތިހާބު

  1. އަހުމަދު ނާޒިމް- 80 ވޯޓް
  2. އަހުމަދު ދީދީ- 12 ވޯޓް
  3. ބާތިލް- 0 ވޯޓް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީ.އެން.ސީގެ 76 މެމްބަރުން ތިއްބަވައެވެ. ދެން ހިމެނެނީ އެމް.ޑީ.ޕީގެ 12 މެމްބަރުންނާއި އެމް.ޑީ.އޭގެ ދެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމް.އެން.ޕީގެ މެމްބަރަކާއި އަމިއްލަ މެމްބަރެކެވެ.

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރިއެވެ. ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުވި 11 މެމްބަރުންގެ ތެރެއިން 10 މެންބަރަކު ސަރުކާރު ހިންގާ ޕާޓީއާ ފަހުން ގުޅިވަޑައިގަތުމުން ޕީއެންސީގެ މެމްބަރުންގެ އަދަދު 76 އަށް އެރީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *