ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި މަހު އޮންނަ ބައިނަލްއަޤްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި އެތުލީޓް ފާޠިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މުޅި ރާއްޖެ ފަޚުރުވެރިވާކަން ފާހަގަކުރައްވައި ދީމާއަށް މަރްޙަބާ ވިދާޅުވެ އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ.
ދީމާގެ ޢާއިލާއާ މިއަދު ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ޙާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅި ރާއްޖެ ފަޚުރުވެރިވާކަން ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ ޢުމުރުގައި ދީމާ ހޯދަމުން އަންނަ ހަލުވި ކާމިޔާބީތަކާއި ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ. އަދި މިގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ދީމާ އަށް މި ލިބުނު ފުރުޞަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ދީމާ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީޚުގަައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުޞަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ދީމާ ވާނެއެވެ.



advertisment