އދ.ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ހެދުމަށް އާއްމު މަޖިލީހުން ރޭ ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާ ގަރާރަށް އދ.ގެ 143 ގައުމަކުން ތާއީދު ކުރުމާ ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ މިއީ އިންސާފު ހޯދުމަށް ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށެވެ.
ރައީސް ވިދާޅުވީ އާ މެންބަރުންނަށް އދ.ގެ މެންބަރުކަން ދޭން އާއްމު މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން ފަލަސްތީނަށް އިތުރު ހައްގުތަކެއް އދ.ގައި ލިބިގެންދިއުމަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް ފާހަގަ ކުރެއްވީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ކުރިމަގު އަމިއްލައަށް ކަނޑައެޅުމަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި ހިތްމަތުން ދިވެހީން ވެސް ހިތްވަރު ލިބިގަނޭ،" އެކްސްގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނު މިނިވަން މުސްތަގިއްލު ގައުމަކަށްވުމަކީ ރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ގޮތް ކަމަށެވެ. އަދި ފަލަސްތީނުގެ ދައުލަތް ވާން ޖެހޭނީ 1967 ގެ ކުރީގެ އިމުގެ ތެރޭގައި، އިރުމަތީ ގުދުސް ވެރިރަށް ކަމުގައި ހަމަޖެހިގެންދާ ގޮތަށް ކަމަށެވެ.
ރޭ ފާސް ކުރި ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓު ދިނެވެ. އަދި 25 ގައުމުން ވަކި އަތަކަށް ވޯޓު ނުދޭން ނިންމިއެވެ.
އދ.ގެ އާއްމު މަޖިލީހުން ފާސް ކުރާ އެއްވެސް ގަރާރަކީ އެ ގަރާރަކަށް އަމަލު ކުރުން ވާޖިބު ގަރާރެއް ނޫނެވެ. ނަމަވެސް ސަލާމަތީ މަޖިލީހުން ފާސް ކުރާ ކޮންމެ ގަރާރަކަށް އދ.ގެ މެންބަރު ގައުމުތަކުން އަމަލު ކުރުމަކީ މަޖުބޫރު ކަމެކެވެ. އާއްމު މަޖިލީހުން ފާސް ކުރާ ގަރާރުތަކާ ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމުތަކަކީ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސި ވިލާތް އަދި އެމެރިކާއެވެ.
އދ.ގެ ފުރިހަމަ މެންބަރުކަން ދޭން އަލްޖަޒާއިރުން މިދިޔަ މަހު ހުށަހެޅި ގަރާރަށް އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށްފައެވެ. އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭނީ ސަލާމަތީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުންނެވެ. ނަމަވެސް ރޭ ފާސްކުރި ގަރާރުގެ ސަބަބުން މިހާތަނަށް ފަލަސްތީނަށް 2012 ވަނަ އަހަރުގެ ފަހުން ލިބިފައިވާ "އޮބްޒާވަރ" ސްޓޭޓަސްގެ އިތުރުން އާ ހައްގުތަކެއް ލިބެއެވެ. އެ ގޮތުން އދ.ގެ ބަހުސްތަކުގައި ފުރިހަމައަށް ބައިވެރިވެވި، މަޝްވަރާ ކުރާ އެޖެންޑާތަކަށް މައްސަލަތައް ހުށަހަޅާ، އދ.ގެ ކޮމިޓީތަކަށް ފަލަސްތީނުގެ މެންބަރުން އައްޔަނު ކުރެވޭނެއެވެ.
މި ގަރާރު ފާސް ކުރުމުން އިސްރާއީލުން އދ.އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޖިލާޑް އާޑަން ވަނީ އދ.އިން މި ވަނީ "ޓެރަރިސްޓު ދައުލަތެއް" އދ.ގެ މެންބަރަކަށް ހަދާފައިވާ ކަމަށް ބުނެ އެންމެންގެ ކުރިމަތީގައި އދ.ގެ ޗާޓަރު ވީދާލައިފައެވެ.



advertisment