އުމްރާނީ ތަރައްޤީ ކަމުގައިވިޔަސް، މަގު ހެދުން، ބިން ހިއްކުން، ނަރުދަމާ، މިހެން ގޮސް އިޤްތިޞާދީ މަޝްރޫޢުތައް ހިންގުން ކަމުގައި ވިޔަސް، ރައްޔިތުން އުންމީދުކުރާ ވަރުގެ ތަރައްޤީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ލ. އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ. އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމުގައެވެ. އަދި ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލ. އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އަދި އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެމައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.



advertisment