Support Us

ހަފުތާއެއްގެ ތެރޭގައި ސޫދާން ބަނޑަށްޖެހޭނެ

މުސްލިމުންގެ 91 ޕަސެންޓް މީހުން ދިރިއުޅޭ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ސޫދާންގެ ބޮޑު އާބާދީއެއް ހަފުތާއެއްގެ ތެރޭގައި ބަނޑަށްޖެހޭނެ ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެފިއެވެ.

އަހުލީ ހަނގުރާމައެއް ފެށިތާ އަހަރެއް ވާން ގާތްވެފައިވާއިރު، ހަނގުރާމަ ކުރަމުންދާ ދެ ފަރާތުން، އެއް ފަރާތުން އަނެއް ފަރާތުގެ މީހުން ގަސްދުގައި ބަނޑަށް ޖެއްސުމުގެ އުކުޅުތައް ބޭނުން ކުރަމުންދާ ކަމަށް އދ.އިން ބުންޏެވެ. އެ ގޮތުން އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ ސޫދާންގެ ބަނދަރަށް އެހީ ހިފައިގެން އަންނަ އުޅަނދުފަހަރުން މުދާ އެތެރެކުރަން އެތައް ހުރަހެއް އަޅާފައިވާ ކަމަށްވެއެވެ. މިހެންވުމުން އާއްމު ރައްޔިތުންނަށް އެހީ ފޯރު ނުކޮށްދެވި އެތައް މަހެއް ވަންދެން މަޑު ކުރަން ޖެހުނެވެ. މިދިޔަ ޖެނުއަރީ މަހު ވެސް 70 ލޮރީގެ އެހީއަށް ހުއްދަ ނުދީ ދެ ހަފުތާ މަޑު ކުރުވިއެވެ.

ގައުމުން ބޭރުގައި މަސައްކަތް ކުރާ މީހުންގެ އާއިލާތަކަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމުތަކަށް ވަނީ ހުރަސްއަޅައިފައެވެ. މީގެ އިތުރުން ތަކެތީގެ އަގު އުފުލުމާއި ގައުމުގެ ދަނޑުވެރިކަން ދަށަށް ދާން ފެށުމަކީ  ވެސް ބަނޑަށްޖެހުމަށް ކުރިމަތިވެފައިވާ ސަބަބުތައް ކަމަށްވެއެވެ.

ސޫދާނަށް މިހާރު ކުރިމަތިވެފައިވާ "އިންސާނީ ކާރިސާ"ގައި އެތައް ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަމުގައި މަރުވަމުންނެވެ. އަދި ތަފާތު ބަލިތައް ޖެހިފައިވާ މީހުން ބޭސް ނުގަނެ ފައިސާ ހަރަދު ކުރަނީ ބަނޑުފުރާނަމުއްތި ކުރުމަށެވެ.

ސޫދާނުގެ އަހުލީ ހަނގުރާމަ ފެށުނީ މިދިޔަ އަހަރު އެޕްރިލް މަހުއެވެ. އެއްކޮޅުން ހަނގުރާމަ ކުރަނީ އަސްކަރީ ވެރިޔާ އަބްދުލް ފައްތާހު އަލް-ބުރްހާންގެ ފައުޖުތަކުންނެވެ. އަނެއްކޮޅުން ހަނގުރާމަ ކުރަނީ ހަތިޔާރު އެޅި ރެޕިޑް ސަޕޯޓް ފޯސަސް ނުވަތަ އާރް.އެސް.އެފް.ގެ މުހައްމަދު ހަމްދާން ދަގަލޫގެ ހަނގުރާމަވެރިންނެވެ.

ގައުމު ބަނޑަށް ޖެހުމުގައި ކާބޯތަކެތީގެ އަގު ބޮޑުވުން ވެސް ހިމެނެއެވެ.

"އާއްމު ރައްޔިތުން ހިމޭންކަމުގައި ތިބެ ދަނީ މަރުވަމުން،" މުހްތާރު އާތިފް ވިދާޅުވިއެވެ. އޭނާއަކީ ސޫދާނުގެ ހުރިހާ ކަންކޮޅަކަށް އެހީ ފޯރުކޮށްދެމުން އަންނަ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "އެމަޖެންސީ ރެސްޕޮންސް ރޫމްސް"ގެ ތަރުޖަމާނެވެ.

އާތިފުގެ ޖަމާއަތަށް ފޯރުކޮށްދެވެނީ ދުވާލަކު އެއް ކެއުމެވެ. އެއީ 40،000 މީހުންނަށެވެ. ވެރިރަށް ހާތޫމްގެ އުތުރުގައި ގާއިމު ކޮށްފައިވާ 70 ބަދިގޭގެ ޒަރީއާއިންނެވެ.

އާތިފުގެ ޖަމާއަތުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައިރާތުން ލިބޭ ވަސީލަތްތަކުންނެވެ. ގިނައިން ބޭނުން ކުރަނީ މޮބައިލް ބޭންކިން އެޕް ބޭނުން ކޮށްގެންނެވެ. ނަމަވެސް މިދިޔަ މަހު ގާތްގަނޑަކަށްހެން މުޅި ގައުމުގެ މުވާސާލާތީ ހިދުމަތް ކެނޑިފައިވާތީ އާއްމުން ބަނޑަށް ޖެހުމާ ވަނީ ގާތްވެފައެވެ.

މިހެންވެ އާތިފު އެތައް ބަދިގެއެއް ބަންދު ކުރަން ޖެހުނެވެ. ކާނެ އެއްޗެއް ހޯދަން ތިބޭ މީހުންގެ ކިޔުތައް ދިގުވިއެވެ. "ފާވާ" އޮށުން ތައްޔާރު ކުރާ ކާނާ ހޯދުމަށް ވެސް އެތައް ގަޑިއިރެއް ވަންދެން މަޑު ކުރަން މީހުންނަށް ވަނީ ޖެހިފައެވެ.

އަހުލީ ހަނގުރާމަ ފެށުނީ ހާތޫމުންނެވެ. ނަމަވެސް މުޅި ގައުމަށް ފެތުރިގެންދިޔައީ ހަނގުރާމަވެރި ދެ ފައުޖުތަކުން އެ ބަޔަކު ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް ހަނގުރާމަ ފަތުރާލުމުންނެވެ. މިހެންވެ، ކާބޯތަކެއްޗާއި އެހެނިހެން އެހީ ހިފައިގެން އަންނަ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅި، ސޫދާނު މީހުން ބަނޑަށް ޖެހުމުގެ މައްސަލަ މިހާރު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ.

"ސޫދާންގެ ދެބައިކުޅައެއްބައި މީހުންނަށް އެހީ ބޭނުންވޭ. އެއީ ގާތްގަނޑަކަށް 25 މިލިއަން މީހުން،" އދ.ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ގާތްގަނޑަކަށް އަށް މިލިއަން މީހުންނަށް ގެދޮރު ދޫކޮށްފައި ދާން ޖެހިފައިވެއެވެ.

އާރް.އެސް.އެފް. ކަންތައްތައް ރާވާފައިވާ ގޮތުން އެ ގްރޫޕްގައި މަތީ ފަންތީގެ އޮފިޝަލުންނާއި ދަށު ފަންތީގެ އޮފިޝަލުންގެ ދެމެދުގައި މުވާސަލާތީ ހުރަސްތަކެއްވެއެވެ. މި ކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް އެހީ ލިބުމަށް ހުރަސްއެޅެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއްސުރެ 70 ލޮރީގެ އެހީ އުތުރު ކުރުދުފާން ސަރަހައްދުގައި ތާށިވެފައިވެއެވެ. އެއީ، އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ މި ސަރަހައްދު، އާރް.އެސް.އެފް.އިން ހިސޯރު ކޮށްފައިވާތީއެވެ. މި ލޮރީތައް މި ސަރަހައްދުން ބޭރުވާން ބޭނުން ނަމަ، ޖިޒީއެއްގެ ގޮތުގައި ޓެކްސް ނުވަތަ ފައިސާ ނުވަތަ މުދާ ނުވަތަ ތެޔޮ އާރް.އެސް.އެފް. އަށް ދޭން މަޖުބޫރެވެ.

މިދިޔަ ތިން ހަފުތާއެއްހާ ދުވަހު، ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ ސޫދާން މީހުން، ސޫދާންގައި ތިބި އެ މީހުންގެ އާއިލާތަކަށް ފައިސާ ފޮނުވަނީ ބިލިއަނަރު އީލޯން މަސްކްގެ "ސްޓާލިންކް" މުވާސަލާތީ ހިދުމަތް ބޭނުންކޮށްގެންނެވެ. ނަމަވެސް މި ކަމުން ވެސް ބައެއް ފަރާތްތަކުން ދަނީ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެ ގޮތުން ގައުމުގެ އެކި ސަރަހައްދުތަކުގައި ސްޓާލިންކުން 10 މިނެޓްގެ މުއާމަލާތް ކުރުމަށް ހަ އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ. އެއީ ސޫދާން ފައިސާއިން ނަމަ 4،000 ސޫދާން ޕައުންޑްއެވެ.

ފައިސާ ނެތުމުން ސޫދާން ރައްޔިތުން ދަނީ ކާނެބޯނެ އެއްޗެއް ހޯދުމަށް ވަރަށް ހިތްދަތި ކަންތައްތައް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ދަރިންނަށް ކާންދޭން ވެގެން ތިމާ މީހާ ނުކައި ހުރުމާއި އަތުގައި ހުރި އެންމެ ފަހު މުދާކޮޅު ވިއްކާލުމާއި ސަލާން ޖެހުމާއި ބޭސް ކުރަން ހުންނަ ފައިސާ ކާބޯތަކެއްޗަށް ހޭދަ ކުރުން ހިމެނޭ ކަމަށް އދ.ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ.)ގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ފަސް މިލިއަން މީހުން މިހާރު ތިބީ ބަނޑަށްޖެހުމާ އެއް ފިޔަވަޅު ގާތުގައި. އިތުރު 18 މިލިއަން މީހުންނަށް ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް. މިއީ 2019 އާ އަޅާބަލާއިރު ތިން ގުނަ އިތުރުވުމެއް،" އޭނާ ވިދާޅުވިއެވެ.

ހިލޭސާބަހަށް މަސައްކަތް ކުރާ "ފިކްރާ"ގެ އޮފިޝަލެއް ކަމަށްވާ ދައްލިއްޔާ އަބްދުލްމުންއިމް ވިދާޅުވީ ކާބޯއެއްޗެހި ހޯދުމަށް އަންހެނުން ހަށި ވިއްކާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި އާރް.އެސް.އެފްގެ ހަނގުރާމަވެރިންގެ "ވަގު އަނބިން" ނުވަތަ "މިސްޓްރެސް"ގެ ގޮތުގައި އަންހެނުން ތިބެން ފަށާފައިވާ ކަމަށެވެ. އެއީ އާއިލާއަށް ރައްކާތެރިކަން ހޯދައިދިނުމަށާއި ކާބޯތަކެތި ލިބޭތޯއެވެ.

"ދިރިހުރުމަށް ހަށި ވިއްކުމުގެ ހާދިސާތައް ދަނީ އިތުރުވެ، އާއްމުވަމުން،" ސޫދާނުގައި ގެވެށިއަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއްގެ އެކްޓިވިސްޓަކު ބުންޏެވެ.

ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ "ލޭންސެޓް" ޖޯނަލްގައި މި މަހު 16 ގައި ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ހާތޫމްގައި ކުޑަކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދެވޭ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް-ބަލޫކް ހޮސްޕިޓަލްގައި ހަފުތާއަކު ދެތިން ކުދިން ބަނޑަށްޖެހިގެން މަރުވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ ހިލޭސާބަހަށް މަސައްކަތް ކުރާ "ސޭވް ދަ ޗިލްރަން"އިން ބުނީ ކުރިއަށް އޮތް މަސްތަކުގައި 230،000 މީހުން ބަނޑަށް ޖެހިގެން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އަލަށް މައިންނަށް ވާ އަންހެނުން ހިމެނެއެވެ.

އަންނަ މޭ މަހަކީ ދަނޑުތަކުން ގޮވާން ކަނޑާ ނިންމާލާ "ލީން ސީޒަން" ކަމަށްވާތީ ކާބޯތަކެތި ލިބުމުގައި އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭއިރު ތަކެތީގެ އަގު ވެސް އެންމެ މައްޗަށް އަރާނީ މޭ މަހު ކަމަށްވެއެވެ.

އދ.އިން ބުނީ މޭ މަސް އައުމުގެ ކުރިން ވެސް މިހާރު މި ވަނީ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ. ސަބަބަކީ އަހުލީ ހަނގުރާމައިގެ ސަބަބުން ދަނޑުތައް ދޫކޮށް ދަނޑުވެރިން ދާން ޖެހުމުންނެވެ.

މިދިޔަ އަހަރު ސޫދާންގެ ފުށުގެ އުފެއްދުންތެރިކަން ވަނީ ދެބައިކުޅައެއްބައި ދަށަށް ގޮސްފައި ކަމަށް އދ.ގެ ދަނޑުވެރިކަމާ ބެހޭ ޖަމާއަތް "ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން" (އެފް.އޭ.އޯ.)އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. އެންމެ ދަށަށް ދިޔައީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކާއި ކުރުދުފާނު ސްޓޭޓާއި ދަރުފޫރުގައެވެ. ދަރުފޫރުގައި ފުށުގެ އެކި ބާވަތްތައް ހެއްދުން ވަނީ އެވްރެޖް މިންވަރަށް ވުރެ 80 ޕަސެންޓް ދަށަށް ގޮސްފައެވެ.

މިދިޔަ ޑިސެމްބަރު މަހު އާރް.އެސް.އެފް.އިން ވަނީ ގަޒީރާ ސްޓޭޓް ހިފައިފައެވެ. މި ތަނަކީ ވިޔަފާރީގެ މަރުކަޒެކެވެ. އިންސާނީ އެހީ ވިލަރެސް ކުރާ ވިއުގައެއް ހުރި ތަނެކެވެ. އަދި ސޫދާންގައި އުފައްދާ ހުރިހާ ފުށުގެ ބާވަތުގެ ގޮވާން، މުޅި ގައުމުގެ ނިސްބަތުން ދެބައިކުޅައެއްބައި އުފައްދާ ދަނޑުވެރި މާހައުލެކެވެ.

"އަހަރެމެންނަށް ލަފާ ކުރެވޭ ބަނޑަށް ޖެހުމުގެ މައްސަލަ ބޮޑު އިންސާނީ ކާރިސާއަކަށް ބަދަލުވެގެން ދާނެ ކަމަށް،" ސޫދާނުގައި ހުންނަ ޑަބްލިޔު.އެފް.ޕީ.ގެ ތަރުޖަމާނު ލެނީ ކިންޒްލީ ވިދާޅުވިއެވެ.

ހިލޭސާބަހަށް މަސައްކަތް ކުރާ ނެދަލެންޑްސްގެ "ކްލިންޖަންޑައިލް އިންސްޓިޓިއުޓް"އިން ބުނީ އަންނަ ޖޫން މަހާ ހަމައަށް ބައި މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި މަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފަހަރެއްގައި މި އަދަދު އެއް މިލިއަނަށް އެރުން ވެސް އެކަށީގެންވާ ކަމަށެވެ.

އަލްޖަޒީރާއިން ބުނީ އެންމެ ނިކަމެތި މީހުން މިހާރު ވެސް މި ވޭން ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ. މިސާލަކަށް، އަލްޖަޒީރާއަށް މި މަހު ކުރީކޮޅު ލިބުނު ފޮޓޯތަކުގެ ތެރޭގައި ހިކިއަނަރޫފަވެ އިންސާނެއްގެ ކަށިގަނޑެއްގެ ސިފަ ޖެހިފައި ހުރި އުމުރުން އެންމެ ތިން އަހަރުގެ އިހްސާން އާދަމް އަބްދުﷲ ހިމެނެއެވެ. އެއީ ދަރުފޫރުގެ ރެފިއުޖީ ކޭމްޕެއްގެ ކުއްޖެކެވެ.

ދަރުފޫރުގެ ރެފިއުޖީންނާއި ގެދޮރު ގެއްލިފައިވާ މީހުންގެ ކަންތައްތައް ބަލަހައްޓާ "ޖެނެރަލް ކޯޑިނޭޝަން އޮފް ދަރުފޫރު ޑިސްޕްލޭސްޑް ޕީޕްލް އެންޑް ރެފިއުޖީޒް"ގެ ތަރުޖަމާނު އެޑަމް ރޮޖަލް ވިދާޅުވީ ދަރުފޫރުގެ އާއިލާތަކަށް ދުވާލަކު އެއް ނާސްތާ ވެސް ނުލިބޭ ކަމަށެވެ. ސަބަބަކީ އެއްވެސް ކަހަލަ އެހީއެއް އެ ސަރަހައްދަށް ނުފޯރާތާ 11 މަސް ވެފައިވާތީއެވެ.

"ލިބެންޏާ ލިބެނީ ވެސް ދޮނަޅައިން ހަދާފައިވާ ފުށާއި ބޯފެން،" އޭނާ ވިދާޅުވިއެވެ.

އަލްޖަޒީރާއަށް އެޑަމް އިހުސާންގެ ފޮޓޯ ފޮނުވިތާ ހަފުތާއެއް ފަހުން އަލްޖަޒީރާއަށް "އަޕްޑޭޓް" އެއް ލިބުނެވެ؛ ލިބުނު ހަބަރަކީ ބަނޑަށްޖެހިގެން ތުއްތު އިހުސާން މަރުވި ވާހަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *