Support Us

އިންޑިޔާއިން ރާއްޖެ ނުހިފާނެޔޯލައެވެ! އިންޑިޔާ ހާދަހާވާ ހެޔޮފުޅެވެ!

ދާދި ފަހުން 'އަދިވެސް’ގައި ’އިންޑިޔާއިން ރާއްޖެ ނުހިފާނެ’، މި ސުރުޚީގެ ދަށުގައި 'ޒަފަރު’ގެ ނަމުގައި ލިޔެވިފައިވާ ލިޔުމެއް ކިޔާލުމަށް ފަހު، އެއާ މެދު އެއްޗެއް ބުނަން ގަސްދުކޮށް މި ލިޔުން ލިޔަން ހިތަށް އެރީއެވެ. ޒަފަރުގެ އެ ލިޔުމުގައި ބުނަން ބޭނުންވާ ވާހަކައަކީ ކޮބައި ހެއްޔެވެ؟ މި ވާހަކަ ބިނާކުރެވިފައި ވަނީ ކޮން ހެއްކެއްގެ މައްޗަށް ހެއްޔެވެ؟ އެ ލިޔުމުގެ މެސެޖަކީ ކޮބައި ހެއްޔެވެ؟ އެ ލިޔުމުގެ މަގުސަދަކީ، ބޭނުމަކީ ކޮބައި ހެއްޔެވެ؟ 'އިންޑިޔާއިން ރާއްޖެ ނުހިފާނެ’، މި ލިޔުމުގެ މައްޗަށް ބަލާލައި، މި ހަތަރު ސުއާލަށް، ޖަވާބެއް ތިރީގައި ހުށަހަޅާލަމެވެ.

އެންމެ ފުރަތަމަ ލިޔުންތެރިޔާއަށާއި އަދި ލިޔުމުގެ ސުރުޚީއަށް ބަލައިލަމާ ހެއްޔެވެ؟ ލިޔުންތެރިޔާގެ ނަމަކަށް އޮތީ، ކުރިން ނަންގަތް ފަދައިން، 'ޒަފަރު' މިހެންނެވެ. މިނަމުން އެއީ ކާކުކަން ރަނގަޅަށް ސާފެއް ނުވެއެވެ. ފުރަތަމަ އުފެދޭ ސުއާލަކީ ލިޔުންތެރިޔާއަކީ ކާކުކަން އެނގޭ ގޮތަކަށް ލިޔުންތެރިޔާގެ ފުރިހަމަ ނަން ބޭނުން ނުކުރަނީ ކީއްވެބާވައެވެ؟ ދެން އުފެދޭ ސުއާލަކީ މިއީ ހަގީގަތުގައި ވެސް ހަމަ ލިޔުންތެރިޔާގެ ނަން ބާވައެވެ؟ ނޫން ނަމަ، އޭނާގެ ހަގީގަތް ފޮރުވުމަށްޓަކައި، ލިޔުންތެރިޔާ ބޭނުންކުރާ އެހެން ނަމެއް ބާވައެވެ؟ ލިޔުންތެރިޔާ އަޅާފައިވާ ސުރުޚީއަށް ބަލާލުމުން، ކަމެއްގެ ހަގީގަތް ބަޔާންކުރަން އުޅޭ ކަމުގެ އިޝާރާތެއްވާ ކަހަލައެވެ. ކަމެއްގެ ހަގީގަތް ބަޔާންކުރަން އުޅޭކަމަށް ވަންޏާ 'ފަޅި ނަމެއްގެ' ނޫނީ 'ވަނަމެއްގެ' ފުރަގަހުގައި ލިޔުންތެރިޔާ ފިލާ އިންނަން ޖެހެނީ ކީއްވެ ބާވައޭ ހިތަށް އަރައެވެ. ހަގީގަތް ބަޔާންކުރުމުގައި ފިނޑިވެ، ޖެހިލުންވާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ ނޫން ނަމަ، އެ ބަޔާންކުރަން އުޅޭ ހަގީގަތަކީ ހަގީގަތަކަށް ނުވެދާނެ ކަމުގެ ބިރު ހީވަނީ ބާވައެވެ؟ އެހެން ނޫނީ އަނެއްކާ ލިޔުންތެރިޔާގެ ގަލަމަކީ ވެސް، މިހާރު އިވެމުންދާ އަޑުތައް ބުނާހެން، 'ގަނެވިފައިވާ' ގަލަމަކީ ބާވައެވެ؟ ތިމާގެ ގައުމާއި ދީނާއި އަދި ތިމާގެ ޒަމީރު ވިއްކާލުމަކީ މާ އުނދަގޫ ނޫން ދުވަސް ވަރެއްގައި ތިމާގެ ގަލަން، ބޮޑު އަގެއް ދިން ފަރާތަކަށް، ވިއްކާލުމަކީ ވެސް މާ އުނދަގޫ ކަމަކަށް ނުވާނެތާއެވެ! މިއީ މުޅިން ކުށް ހީއަކަށް ވުން ވެސް އެކަށީގެން ވެއެވެ. ކޮންމެއަކަސް، ލިޔުންތެރިޔާއަކީ ކާކުކަން ރަނގަޅަށް ސާފުވާ ގޮތަށް، ނަން ލިޔެވިފައި ނެތުމުން، މި ފަދަ ސުއާލުތައް އުފެދެނީއެވެ!

މި ލިޔުމުގެ މުގައްދިމާގައި ފާހަގަކޮށްލި ހަތަރު ސުއާލުގެ ޖަވާބަކާ ދިމާއަށް ދަތުރުކުރުމުގެ ކުރިން، ޒަފަރުގެ ލިޔުން ކިޔާލުމުން ހަނދާނަށް އައި ވާހަކައެއް ލިޔެލާ ހިތްވެއެވެ. ވިހިވަނަ ގަރުނުގައި އުފެދުނު އަރަބި ބޮޑެތި، ލިޔުންތެރި، އަދީބުންގެ ތެރޭގައި ހިމެނޭ މަރުހޫމް ތާހާ ހުސައިން، އޭނާގެ އަމިއްލަ ހަޔާތުގެ ބައެއް ވާހަކަތައް ލިޔުއްވައިފައި އޮންނަ 'އަލްއައްޔާމު' (ދުވަސްތައް)، މިފޮތުގައި އޭނާ ވިދާޅުވެފައި އޮންނަ ވާހަކައެކެވެ. ފަރަންސޭސިވިލާތުގެ ސަރުބޯން ޔުނިވަސިޓީގައި އޭނާ ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު، އޭނާ ލިޔުއްވި މަޒުމޫނަކާ ބެހޭ ގޮތުން، އޭނާގެ އުސްތާޒު ކަންތައް ކުރެއްވި ގޮތުގެ ވާހަކައެކެވެ. މަރުހޫމު ތާހާ ހުސައިން ވިދާޅުވާ ގޮތުގައި މި އުސްތާޒަކީ، ދަރިވަރުންގެ ލިޔުންތަކާ މެދު، ވަރަށް ފުންކޮށް ބައްލަވައި، ވަރަށް ބޮޑަށް ފާޑުކިޔުއްވާ އުސްތާޒެކެވެ. ކޮންމެއަކަސް، އެއްދުވަހަކު، ކުލާހުގައި، ދަރިވަރުންގެ މަޒުމޫނުތަކާ މެދު ފާޑުކިޔުއްވަމުން ވަޑައިގެން، މަރުހޫމު ތާހާ ހުސައިނުގެ މަޒުމޫނާ ޖެހުމުން، އެއަށް އަވަސް ކަޅިއެއް އެއްލައްވާފައި އުސްތާޒު ވިދާޅުވި ކަމަށްވީ ތާހާ ހުސައިނުގެ ލިޔުމަކީ ފާޑުކިޔުމުގެ ދަރަޖައަށް އަދި ނުދާ ލިޔުމެއްކަމެވެ. ރަނގަޅު ލިޔުމެއްގައި ހުންނަން ޖެހޭނޭ ބައެއް މުހިއްމު ސިފަތައް، މަރުހޫމު ތާހާ ހުސައިނުގެ ލިޔުމުގައި، ނެތުމުންނެވެ. އެންމެ ފުރަތަމަ ލިޔުމުގެ މައިގަނޑު ޒުވާބު (އާގިޔުމެންޓް) ނުވަތަ ދައުވާ ކަނޑައަޅާލުމެވެ. މި ޒުވާބުގެ މައްޗަށް މުޅި ލިޔުން ބިނާކޮށް ހުށަހަޅާލެވޭ ގޮތެވެ. އޭގެ މާނައަކީ ލިޔުމުގެ ޕެރަގުރާފުތަކުގައިވާ ފިކުރާއި ޚިޔާލުތައް މިމައިގަނޑު ޒުވާބާއި ގުޅިފައި އޮތުމެވެ. ދެން، މި ޒުވާބު ނުވަތަ ދައުވާ ސާބިތުކޮށްދިނުމުގު ގޮތުން ގެނެސްދެވޭ ހެކިތަކެވެ. އަދި، މި މައިގަޑު ޒުވާބާ ގުޅޭ ފިކުރުތަކާއި ޚިޔާލުތަކަށް ބާރު ދިނުމުގެ ގޮތުން ގެނެސް ދެވޭ ހެކިތަކާއި މި ހެކިތައް، ޒުވާބުގެ ފިކުރުތަކާއި ޚިޔާލުތަކާ ގުޅުވާލުމުގެ ގޮތުން، ތަހުލީލުކުރެވިފައި އޮންނަ އޮތުމެވެ. މަރުހޫމު ތާހާ ހުސައިނުގެ އުސްތާޒު ދެކިލެއްވި ގޮތުގައި ރަނގަޅު ލިޔުމެއްގައި ހުންނަން ޖެހޭނޭ މި ސިފަތައް، އެއްގޮތަކަށް ވެސް، ނޫނީ އެއިން ބައެއް ސިފަތައް، އޭނާގެ މަޒުމޫނުގައި ނެތުމުން، އިލްމީ ސިފައެއްގައި ފާޑުކިޔުމުގެ ނަޒަރުން އޭގެ މައްޗަށް ބަލާނުލެވުނީއެވެ.

'އިންޑިޔާއިން ރާއްޖެ ހިފާކަށް ނޫޅޭ' މި ލިޔުން، މަރުހޫމު ތާހާ ހުސައިންގެ އުސްތާޒުގެ ދުރުމީ ނަޒަރުގެ ފާޑުކިޔުމުގެ ދަށަށް ދިޔަ ނަމަ، ކިހިނެއް ވީސް ބާވައޭ ހިތަށް އެރިއެވެ! ހަމަ މަރުހޫމު ތާހާ ހުސައިނުގެ ލިޔުމާ މެދު، ވިދާޅުވި ފަދައިން، މި ލިޔުމާ މެދު އެ އުސްތާޒު ވިދާޅުނުވާނެ ބާވައޭ ވެސް ހިތަށް އަރައެވެ. ޝައްކެތް ނެތް ގޮތުގައި، ލިޔުމެއްގައި ހުންނަން ޖެހޭނޭ، ދެންމެ މިނަންގަތް، ސިފަތަކުގެ މައްޗަށް ރިއާޔަތްކޮށް، އިލްމީ ސިފައެއްގައި އެ ލިޔުމުގެ މައްޗަށް ބަލާލައި ފާޑުކިޔާ ނަމަ، މަރުހޫމު ތާހާ ހުސައިނުގެ ހަށުކަށި އުސްތާޒު ފަދަ ބޭކަލުން ފާހަގަކުރައްވައި، އިސްލާހުކުރައްވަން ވިދާޅުވާނޭ ކަންތައްތަކެއް އެ ލިޔުމުން ފެނިދާނެކަން ނޭނގެއެވެ. އެ ލިޔުމުގެ ޒުވާބާއި ލިޔުމުގެ އެކިއެކި ބައިތައް ވަރުގަދައަށް ގުޅިފައި ނެތުމެވެ. ލިޔުމުގެ ޒުވާބާއި ގުޅޭ ހެކިތައް، ސާފުކޮށް އެނގޭނޭހެން ހުށަހެޅިފައި ނެތުމެވެ. އަދި އެ ހެކިތައް ތަހުލީލުކުރެވި ލިޔުމުގެ ބައިތަކުގައި ގެނެސްދެވިފައިވާ ފިކުރުތަކާއި ޚިޔާލުތަކާ ގުޅުވާލެވިފައި ނެތުމެވެ. އަދި، ރާއްޖެއާއި އިންޑިޔާގެ ގުޅުމުގެ ވާހަކަދައްކާއިރު، ދައްކަން ޖެހޭ ބައެއް ވާހަކަތައް ނުގެނެސް، ދޫކޮށްލެވިފައި އޮތުމެވެ. އާދެ، މައްސަލައެއްގެ މައްޗަށް ބަލާލާއިރު، ހަމަ އެކަނި ތިމާގެ ވާހަކަތަކަށް ބާރު ލިބިދީފާނޭ މައުލޫމާތުތައް ހޮވައި، މައްސަލައާ ގުޅުން ހުރި، ނަމަވެސް ތިމާގެ ދައުވާއަށް އުނިކަން ލިބިދާނޭ އެހެން މައުލޫމާތުތައް، އަޅާނުލެވި، ދޫކޮށްލެވިގެން ނުވާނެއެވެ. މިހުރިހާ ސަބަބައްޓަކައި 'އިންޑިޔާއިން ރާއްޖެ ހިފާކަށް ނޫޅޭ' މި ލިޔުމަކީ އިލްމީ ފާޑުކިޔުމުގެ ނަޒަރަކުން ބައްލަވައި، މަރުހޫމު ތާހާ ހުސައިނުގެ އުސްތާޒުގެ ވަގުތު ހޭދަކޮށްލައްވަން ޖެހޭ ލިޔުމެއް ކަމުގައި ދެކިވަޑައި ނުގަތްފާނެއެވެ. ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި މި ލިޔުމުގެ މައްޗަށް ނަޒަރެއް ހިންގާލަން ޖެހެއެވެ. މިލިޔުމުގެ މައުލޫއަކީ ވަރަށް ވެސް ޚުތޫރަތްތެރި މައުލޫއަކަށް ވެފައި، އަދި، ބައެއް އެހެން ބޭފުޅުން ފަދައިން، މިމައުލޫއާ ބެހޭ ގޮތުން ލިޔުންތަކެއް އަޅުގަނޑު ވެސް ލިޔެ، ޝާއިއުކޮށްފައިވާތީއެވެ.

އާދެ، ދެން މުގައްދިމާގައި ލިޔެލައި ކޮށްލި ހަތަރު ސުއާލުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ ފުރަތަމަ ސުއާލަކީ 'އިންޑިޔާއިން ރާއްޖެ ހިފާކަށް ނޫޅޭ' މި ލިޔުމުގައި ބުނަން ބޭނުންވާ ވާހަކައަކީ ކޮބައި ހެއްޔެވެ؟ ލިޔުމުގައި ބުނަން ބޭނުންވާ ވާހަކަ ސުރުޚީގައި އެޅިފައި އެ އޮތީ ފެންނާށެވެ. އަސްކަރީ ބާރުގެ ބޭނުން ކޮށްގެން، އިންޑިޔާއިން ރާއްޖެ ހިފަން ބޭނުން ނުވާ ވާހަކައެވެ! މިހެން ބުނުން ބިނާވެފައި މި އޮތީ ކޮން ކަމެއްގެ މައްޗަށް ހެއްޔެވެ؟ ކޮން ފަރުލުކޮށްލުމެއްގެ، ހީކޮށްލުމެއްގެ، (އެސަމްޝަން އެއްގެ) މައްޗަށް ބިނާކޮށްފައި ހެއްޔެވެ؟ އިންޑިޔާއިން ބޭނުން ވެއްޖެ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ރާއްޖެ ހިފިދާނޭ ކަމުގެ ފަރުލުކޮށްލުމުގެ މައްޗަށެވެ. މިއީ ހަގީގަތެއް ހެއްޔެވެ؟ މިމައްސަލައާ ބެހޭ ލިޔުމެއް، ’ދުނިޔޭގެ ހަމައަކީ ވެސް ހަމަ ޖަންގަލީގެ ހަމަ ހެއްޔެވެ؟' މި ސުރުޚީގެ ދަށުގައި 'އަދިވެސް’ގައި ދާދި ފަހުން ޝާއިކުރެވިފައިވާނެއެވެ. މި ލިޔުމުގައި ބުނެފައިވާ ފަދައިން، ދުނިޔޭގައި ކަންކަން ހިނގަނީ ޖަންގަލީގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންނެއް ނޫނެވެ. ބޮޑެތި ބާރުގަދަ ގައުމުތަކުން، އެ ގައުމުތައް ބޭނުންވެއްޖެ ހިނދެއްގައި، ބާރެއް ނެތް، ކުދި ގައުމުތަކަށް އަސްކަރީ ގޮތުން އަރައިގަތުމަކީ ތަހުޒީބީ ދުނިޔޭގައި ކަންކަން ކުރާ ގޮތެއް ނޫނެވެ. މިކަމުގެ ތަފްސީލީ ވާހަކަތަކެއް، ދެންމެ، މި ނަންގަތް، އަޅުގަނޑުގެ ލިޔުމުން ފެންނަން އޮންނާނެއެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ، އެ ލިޔުމުގައި ފާހަގަކޮށްފައިވާ ފަދައިން، ގައުމެއް ބޮޑުވެ، ބާރުގަދަވުމުން، އެހެން ގައުމަތަކަށް އަރައިގަތުން ލާޒިމެއް ނުކުރާކަމެވެ. އެކަން ލާޒިމުކުރާ ނަމަ، ދުނިޔެއަކު މިނިވަން، ބާރު ނެތް، ކުދި ގައުމުތަކެއް އަދު ނޯތީހެވެ. ދުނިޔޭގައި އޮތީހީ ހައްތަހާ ވެސް ބާރުގަދަ ބޮޑެތި ގައުމުތަކެވެ.

މިއީ ހަގީގަތް ނޫން ކަމަށް ފެންނަން އޮތް އިރު، ދުނިޔޭގައި ބާރުގަދަ ބޮޑެތި ގައުމުތަކާއި އަދި ބާރެއް ނެތް ކުދި ގައުމުތައް ވެސް އޮތްއިރު، އަދި، ރާއްޖޭގެ ދިގު ތާރީޚުގައި، މަދު އަހަރުތަކެއް ފިޔަވައި، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ކަހަލަ މާބޮޑު ބާރެއް ނެތް، ކުޑަ ގައުމެއް ވުޖޫދުގައި ދެމިއޮތް އިރު، އިންޑިޔާއިން ބޭނުން ވެއްޖެ ނަމަ، ރާއްޖެ ހިފިދާނެކަމަށް ފަރުލުކޮށްލައި ލިޔާ ލިޔުންތަކާއި ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ލިޔުންތަކާއި ވާހަކަތަކަކަށް ނުވެއެވެ. އެހެން މީހުންނަށް އުނދަގޫ ނުކޮށް، މިނިވަންކަމާއެކު ދުނިޔޭގައި އުޅުމުގެ ހައްގު ކުދި ގައުމުތަކަށް ނެތީ ހެއްޔެވެ؟ އ.ދ.ގެ ގަވާއިދުތަކާއި ގާނޫނުތަކާ ޚިލާފަށް، ބާރުގަދަ ބޮޑެތި ގައުމުތަކުން ބޭނުންވެއްޖެ ހިނދެއްގައި، ކުދި ގައުމުތަކަށް އަރައިގަތުމުގެ ހައްގު، އެފަދަ ގައުމުތަކަށް ދިނުމަކީ ކާކު ކޮން އިރެއްގައި ނިންމި ނިންމުމެއް ހެއްޔެވެ؟

މަތީގައި ނަންގަނެވިފައިވާ އަޅުގަނޑުގެ 'ދުނިޔޭގެ ހަމައަކީ ވެސް ހަމަ ޖަންގަލީގެ ހަމަ ހެއްޔެވެ؟' މި ލިޔުމާއި އަދި މިނޫންވެސް 'މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު ހަނދާންކޮށްލަންޖެހޭ ބައެއް މުހިއްމު ކަންތައްތައް' (’ދިޔަރެސް’ގައި ޝާއިކުރެވުނު) ފަދަ ލިޔުންތަކުގައި ބުނެވިފައިވާ ފަދައިން، ގައުމުތަކަށް އެހެން ގައުމުތަކުން އަރައިގަނެ، ވެރިވަނީ ގައުމުތައް ކުދިވެ، ބާރެއް ނެތުމަކުން ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ނުވަތަ އެނޫން ވެސް ކޮންމެވެސް އަމިއްލަ މާއްދީ އެދުމެއްގެ ދަހިވެތިކަމުގެ ސަބަބުން، ގައުމުތަކުގައި އެގައުމުތަކަށް ޣައްދާރުވެ ޚިޔާނަތްތެރިވާނޭ ބަޔަކު އުފެދުމުންނެވެ. މިފަދަ ޣައްދާރުވެރި ޚާއިނުން، އެމީހުންގެ އަމިއްލަ ގައުމުތަކަށް އަރައިގަތުމުގެ، މަގު، ބޭރު ގައުމުތަކަށް، ފަހިކޮށް ދިނުމުންނެވެ. މިކަމަށް، ޚުދް ރާއްޖޭގެ ތާރީޚުވެސް ހެކިވާކަން، ކުރީގައި ނަންގަނެވިދިޔަ އަޅުގަނޑުގެ ލިޔުންތަކުގައި، ބަޔާންކުރެވިފައިވާނެއެވެ. މީގެ އިތުރުން، ފަސާދައާއި ރިޝްވަތު ފަދަ ތަން ހަލާކުކޮށްލަނިވި އަމަލުތައް ތަނުގައި ފެތުރި އާންމުވެ، ގައުމުތަކަށް ދިރުން ގެނެސްދޭ އަގުތަކާއި (ވެލިޔުސް) ރީތި އަޚުލާގީ ސިފަތައް ތަނުން ނެތިދިޔުމުން ވެސް ތަނުގެ މިނިވަންކަން ގެއްލި، ބޭރު ބަޔެއްގެ އަތްމައްޗަށް ތަނުގެ ވެރިކަން ފުރޮޅިގެން ދެއެވެ. މައުދޫދީ ފަދަ އިންޑިޔާގެ ބައެއް އިލްމުވެރި މުއައްރިޚުން،  އިންޑިޔާގެ މިނިވަންކަން ގެއްލި، އިނގިރޭސިން އަތް ދަށަށް އިންޑިޔާ ދާން މެދުވެރިވި އެއް ސަބަބުކަމުގައި މިކަން ފާހަގަކުރައްވައެވެ. 'ނޭޝަންސް ރައިސް އެންޑް ފޯލް – ވައި؟' މިލުއިފޮތުގައެވެ. މީގެ އިތުރުން، ގައުމުގެ މަސްލަހަތަށް އިސްކަންދީގެން، ގައުމުގެ ޖަމާއީ ހަޔާތާ މެދު، މުސްތަގިއްލު ގޮތެއްގައި ވިސްނާ ފިކުރުކޮށް، ގައުމަށް ޣައްދާރުވެރިވާ ޚާއިނުންނާ އިދިކޮޅަށް ތެދުވުމުގެ ހިތްވަރާއި ކެރުން، އަދި ސިކުނޑީގެއާއި އަޚުލާގީ ގޮތުން ވެސް ބާރު ހުރި ހޭލުންތެރި ރައްޔިތެއް ތަނުގައި ނެތުމުން ވެސް، ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭން ދިމާވެއެވެ.

ދެން، ދެވަނަ ސުއާލުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ޒަފަރުގެ 'އިންޑިޔާއިން ރާއްޖެ ހިފާކަށް ނޫޅޭ' މި ލިޔުމުގެ ޒުވާބު ނުވަތަ ދައުވާ ބިނާވަނީ ކޮން ހެއްކެއްގެ މައްޗަށް ހެއްޔެވެ؟ މިލިޔުމުގައި އިންޑިޔާއިން ރާއްޖެ ހިފަން ބޭނުންނުވާ ކަމުގެ ހެކީގެ ގޮތުގައި ދެ ކަމެއްގެ ވާހަކަ ގެނެސްފައި ވެއެވެ. ފުރަތަމަ ކަމަކީ، އިންޑިޔާގެ ވެރިކަމުގައި ހަރުކަށި ހިންދީ ދީނީ ގައުމިއްޔަތެއްގެ ފިކުރުގެ ބަޔަކު ތިބި ކަމުގެ ވާހަކައެވެ. އަދި، އިންޑިޔާގެ ވެރިކަމުގައި މިފަދަ ބައެއް ތިބުމަކީ ރާއްޖެ ހިފާފާނެ ކަމެއް ކަމަށް އިޝާރަތްކުރެވޭ ވާހަކައެވެ. ސަބަބަކީ، ލިޔުންތެރިޔާ ފާހަގަކުރާ ގޮތުގައި، މި ޕާޓީއަކީ އިންޑިޔާގެ މުސްލިމުންނާ އިދިކޮޅު ބަޔެއްކަމަށް ވުމެވެ. އަދި، އެ ޕާޓީގެ މިހާރުގެ އިސްވެރިޔާގެ 'އަތޮޅުވެރިކަމުގެ ދަށުގައި' ގުޖުރާތުގެ 'އަތޮޅު’ގައި މުސްލުމިންނާ ދެކޮޅަށް ގަތުލު އާންމެއް ހިންގިފައިވާ ކަމެވެ. މިކަމުގެ ސަބަބުން، ބޮޑުވަޒީރުކަމުގެ މަގާމަށް އެ 'އަތޮޅުވެރިޔާ' އިންތިޚާބުވުމަށް ދާންދެން، އެމެރިކާއަށް ނޭރޭ ގޮތަށް ކަންތައް އޮތުން ވެސް ލިޔުންތެރިޔާ ފާހަގަކުރެއެވެ.

އިންޑިޔާގައި މިހާރު ވެރިކަން ކުރާ މުސްލިމުންނާ އިދިކޮޅު ހިންދީ ހަރުކަށި ދީނީ ގައުމިއްޔަތުގެ ޕާޓީގެ ފަރާތުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތް ވާހަކަ ވެސް ނުވަތަ ނެތް ވާހަކައެއް ވެސް، ސީދާ ގޮތެއްގައި، ލިޔުންތެރިޔާ ފާހަގައެއް ނުކުރެއެވެ. ހަމަ އެކަނި ބުނެފައި އޮތީ މިއާ ގުޅުވާލައިގެން އޮތް އެހެން ވާހަކައެކެވެ. ވެރިކަމުގައި ހިމެނޭ ހިންދީ ދީނީ ހަރުކަށި ފިކުރުގެ ބައެއް މީހުން އިންޑިޔާއިން ރާއްޖެ ހިފަން ގޮވުމަކީ އެމީހުންނަށް ލިބިފައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވާ ކަމެއް ކަމެވެ. އިންޑިޔާގެ ސަރުކާރުގެ މައި ސިޔާސަތާ ބެހޭ ކަމެއް ނޫންކަމެވެ.

މިހެން ބުނެ، ކިޔުންތެރިން ބޭނުންވާ ގޮތަކަށް މިކަން މާނަކުރަން، ލިޔުންތެރިޔާ އޮތީ ދޫކޮށްލާފައެވެ. އާދެ، ސިޔާސީ ޕާޓީއަކީ މުސްލިމުންނާ އިދިކޮޅު ޕާޓީއަކަށް ވިޔަސް، އަދި، ސިޔާސީ ޕާޓީގެ ވެރިކަންކުރާ ބަޔަކު ރާއްޖެ ހިފަން ގޮވިކަމުގައި ވިޔަސް، އެއީ އިންޑިޔާ ސަރުކާރުގެ މައި ސިޔާސަތެއް ނޫންކަމަށް ބުނުމުން، އިންޑިޔާގެ ސަރުކާރުން ރާއްޖެ ހިފަން ނޫޅޭ ކަމަށް ހެކި ލިބުނީކަމަށް ބަލާފައެވެ. މީގެ މިސާލަކީ، ޖަމިއްޔާއަކުން އެޖަމިއްޔާގެ މެމްބަރަކު، މިވެނި ބޭންކެއް ފަޅާލަމާ ހިނގާށޭ ބުނުމުން، އެ ޖަމިއްޔާގެ ފަރާތުން، އެވާހަކަ އެއްގޮތަކަށް ވެސް ކުށްވެރި ނުކޮށް، އެވާހަކައަކީ އެމީހުންގެ އެ މެމްބަރަކުގެ އަމިއްލަ ޚިޔާލެކޭ ބުނުންފަދަ ކަމެކެވެ. މީގެ އިތުރުން، ގަތުލު އާންމެއްގެ ވާހަކަ ލިޔުންތެރިޔާ ޒަފަރު ނަންގަނެފައިވާ އިރު، އެކަން ކުށްވެރި ނުކުރިތާ، އެކަމާ މެދު ނުރުހުމުގެ ކުޑަ ބަހެއް ވެސް ބުނެފައި ނެތުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. ސަބަބަކީ، މިފަދަ ލާއިންސާނީ އަމަލެއް ކުށްވެރި ނުކުރާ ނަމަ، ނުވަތަ އެކަމާ މެދު، ކުޑަވެގެން، ނުރުހުމުގެ ބަހެއް ނުބުނާ ނަމަ، ލިޔުންތެރިޔާ އެކަމަށް ހިތްވަރުދީ، އަދި އެގޮތުން، އެކަމުގައި ބައިވެރިވަނީ ކަމުގައި ވެސް ބެލެވިދާނެތީއެވެ.

މިތަނުގައި ވަރަށް ވެސް މުހިއްމު އިތުރު ވާހަކައެއް ލިޔެލަން ބޭނުމެވެ. ރާއްޖެ ހިފަން ގޮވާ އިންޑިޔާގެ ބައެއް ސިޔާސީ ހިންދީ ދީނީ ހަރުކަށި ފިކުރުގެ މީހުން ގޮވާ ގޮވުމަކީ ހަމަ އެކަނި އެކަހެރި، އެންމެ މީހެއްގެ ޚިޔާލެއް ނޫންކަން ބުނެދިނުމުގެ ގޮތުންނެވެ. އިންޑިޔާގެ މިފަދަ ފިކުރުގެ ސިޔާސީ މީހުން ދެކޭ ގޮތުގައި އިންޑިޔާއިން މުސްލިމުން ނެތިކޮށްލައި ހުސްކޮށްލަން ޖެހެއެވެ. މިފަދަ ބައެއް މީސް މީހުން ގާތު، މިއީ ނުވާނޭ ކަމަށް ބުނުމުން، އެމީހުން ބުނަނީ ކީކޭ ކަމަށް ހެއްޔެވެ؟ އެމީހުން ބުނަނީ އެއީ ކުރެވިދާނޭ ކަމެއް ކަމެވެ. އަދި ތާރީޚުގެ މައްޗަށް ބަލައި އެކަމަށް ހެކި ދައްކައެވެ. އެމީހުން ބުނަނީ އަންދަލުސް، އާދެ، މުސްލިމު އިސްޕޭނުން، ވެސް މުސްލިމުން ބާލައި ހުސްކުރެވުނު ކަމުގައެވެ. އަދި، އެހެންވެ، މިފަދަ ހަރުކަށި ފިކުރުގެ މީހުން ދެކޭ ގޮތުގައި، އިންޑިޔާއިން ވެސް މުސްލިމުން ބާލައި ހުސްކުރެވިދާނެއެވެ. (އަންދަލުސްގެ ވާހަކައާ ބެހޭ ތާރީޚީ ލިޔުމެއް 'އަބުލް ބަގާއު އައްރަންދީގެ އަންދަލުސް ގެއްލުމުގެ ހިތާމައިގެ ރުއިން' މި ސުރުޚީގެ ދަށުގައި 'އާފަތިސް' އޮންލައިން ނޫހުގައި ޝާއިއުކުރެވިފައިވާނެއެވެ.)

ހިންދީ ދީނީ ހަރުކަށި ފިކުރުގެ މީހުން ދައްކާ މިފަދަ ވާހަކަތަކުގެ ހެކިތައް ހޯދަން ބޭނުން މީހަކަށް ފެންނާނެއެވެ. އިންޑިޔާގެ މުސްލިމުންނާ ވާހަކަދެއްކުމުންނެވެ. އަދި، މިފަދަ މައުލޫއުތަކާ ބެހޭ ލިޔުންތަކަށާއި އެލިޔުންތަކާ ގުޅޭ ގޮތުން ހިންދީ ދީނީ ގައުމިއްޔަތުގެ ހަރުކަށި ފިކުރުގެ މީހުންގެ ކޮމެންޓުތަކަށް ވެސް ބަލާލާށެވެ. ޔޫޓިޔުބުން ލިބެން ހުރި، މިފަދަ މައުލޫތަކާ ބެހޭ ވާހަކަތަކުގެ ވީޑިޔޯތައް ބަލާލާށެވެ. އަދި، އެވީޑިޔޯގެ ކޮމެންޓުތައް ވެސް ކިޔާލާށެވެ. އިންޑިޔާގެ ހުރިހާ މުސްލިމުންނަކީ ހިންދީ ދީނާ އިދިކޮޅު، އަދި، ނަފުރަތުގެ ލޮލުން މުޅި ދުނިޔެ އިންޑިޔާގެ މައްޗަށް ބެލުމުގެ މަސައްކަތްކުރާ ބައެއް ކަމުގެ ތުހުމަތު އިންޑިޔާގެ ހުރިހާ މުސްލިމުންގެ ބޮލުގައި ހިންދީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޅުވާކަން މިތަންތަނުން ފެންނަން އޮންނާނެއެވެ. އިންޑިޔާގެ ހުރިހާ މުސްލިމުންނަކީ ހިންދީންނާ އިދިކޮޅު، އަދި، އިންޑިޔާއާ ދުޝްމަނު، ބައެއްގެ ގޮތުގައި ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އާދެ، އެކަމަކީ ހިންދީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ކުރެވޭނޭ ކަމަކަށް ވާނަމަ، އިންޑިޔާއިން މުސްލިމުން ބޭރުކުރުމެވެ.

އިންޑިޔާގައި ރާއްޖެ ހިފުމަށް ގޮވާގޮވުން ފަދަ، މުސްލިމުންނާ އިދިކޮޅު ގޮވުންތަކުގެ ގޮތުގައި މާނަކުރެވޭ ގޮވުމަކީ، ޒަފަރުގެ ލިޔުމުގައި ބުނެފައިވާފަދައިން ހަމަ އެންމެ މީހަކު ފާޅުކުރާ އެކަހެރި ޚިޔާލެއް ނޫންކަން އަންގައި ދިނުމުގެ ގޮތުން އަދިވެސް، އިތުރު ބައެއް ހެކި ލިޔެލާނަމެވެ. އިންޑިޔާގައި އިންޑިޔާގެ އިސްލާމީ އަސަރުތައް ނެތިކުރުމުގެ ހަރަކާތުގެ ވާހަކައެވެ. 2018ގައި އިންޑިޔާގެ އުއްތަރު ޕަރްދޭޝުގެ ރަށެއް ކަމުގައިވާ އައްލާހުއާބާދުގެ ނަން ޕްރާޔާގް، މި ނަމަށް ބަދަލުކުރެވުނެވެ. އިންޑިޔާގެ ސަރުކާރުގެ އޮފިޝަލުން މިކަމާ ބެހޭ ގޮތުން ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ އައްލާހުއާބާދު އެއީ އިސްލާމީ ނަމަކަށްވެފައި އަދި ހިންދީ ނަމަކަށް ނުވުމުން އެއީ ކުށް ނަމެއްކަމެވެ. އަދި އެނަން ޕްރާޔާގުގެ ނަމަށް، ހިންދީ ނަމަކަށް ބަދަލުކުރަމަކީ، ކުށެއް އިސްލާހުކުރުން ފަދަ ކަމެއް ކަމެވެ. އައްލާހުއާބާދުގެ އުތުރުން 160ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފާއިޒުއާބާދު، މި ރަށުގެ ނަން ވެސް، ހިންދީ އިލާހު ރާމްގެ އުފަން ބިމާ ގުޅޭ ނަމަކަށް، އާދެ، އަޔޯދާ، މިނަމަށް ބަދަލުކުރިއެވެ. އަދި މުސްލިމު މުޣޫލުންގެ ވެރިކަމުގެ ރަށެއް ކަމުގައިވާ އަގުރާގެ ނަން އަގަރު-ވާން، (ޖަންގަލިތަކުގެ ރަށް) ނޫނީ އަގަރު-ވާލް (ވިޔަފާރިވެރިންގެ ރަށް) މިނަމަށް ބަދަލުކުރަން އިންޑިޔާގެ ހިންދީ ދީނީ ގައުމިއްޔަތުގެ ހަރުކަށި ފިކުރުގެ ވެރިކަން ކުރާ ޕާޓީއިން ބޭނުންވާކަން ވެސް ނޫސްތަކުގައި ލިޔެވިފައިވެއެވެ. އާގުރާއަކީ މުސްލިމު ނަމެއް ވެސް ނޫނެވެ. ނަމަވެސް، މުސްލިމުންގެ ވެރިކަމާ މިނަން ގުޅިފައި އޮތުމުން ނަން ހިންދީންނާއި ގުޅޭ ނަމަކަށް ބަދަލުކުރަން ބޭނުންވީއެވެ. މީގެ އިތުރުން، ހިންދީ ދީނީ ހަރުކަށި މީހުން، މީގެ 30އަހަރު ކުރިން ތަޅާ ނެތިކޮށްލި ބާބަރީ މިސްކިތް ހުރި ތަނުގައި މި ހިނގާ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު، އިންޑިޔާގެ ބޮޑުވަޒީރު މޯދީ، ހިންދީ ފައްޅިއެއްގެ ބިންގާ އަޅައިދިނެވެ. އާދެ، އިޒުރޭލުގައި އަރަބި އިސްލާމީ އަސަރުތައް ފޮހެލަމުންދާ ފަދައިން، އިންޑިޔާގައި ވެސް އިސްލާމީ އަސަރުތައް ފޮހެލެވެމުން ދަނީއެވެ. މިއިން އަންގައި ދެނީ ކޮން ކަމެއް ހެއްޔެވެ؟ އިންޑިޔާގެ ވެރިކަންކުރާ ޕާޓީގެ މެމްބަރުން، ރާއްޖެ ހިފުމަށް ގޮވާ ގޮވުންތައް ފަދަ މުސްލިމުންނާ އިދިކޮޅު ގޮވުންތަކަކީ، ޒަފަރު އެބުނާ ފަދައިން، ހަމައެކަނި މީޑިޔާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ގޮވާ އެކަހެރި، އެންމެ ފަރުދެއްގެ ވާހަކައެއް ނޫންކަމެވެ. ހިންދީ ދީނުގެ މައްޗަށް ބިނާވާ ހިންދީ ދީނީ ގައުމިއްޔަތުގެ ހަރުކަށި ފިކުރަށް ތަބާވާ އެތައް ބަޔެއްގެ ވާހަކަ ކަމެވެ. ދެންމެ މިނަންގަތް އެމީހުންގެ އަމަލުތައް ވަރަށް ސާފުކޮށް ބުނެ އަންގައިދެނީ، އިންޑިޔާގެ ވެރިކަމުގައި މިއަދު ތިބީ އެފަދަ ހަރުކަށި ފިކުރެއްގެ ބަޔެއް ކަމެވެ.

ދެން، ޒަފަރުގެ ލިޔުމުގައި މައިގަނޑު ވާހަކައަކަށް އޮތީ މިޒަމާނުގައި ގައުމުތަކުން، ކޮންމެހެން، ތަންތަން ހިފަން ބޭނުންނުވާނޭ ކަމުގެ ވާހަކައެވެ. މިޒަމާނުގައި ބާރުގަދަ ބޮޑެތި ގައުމުތަކުން ބޭނުންވާ ގޮތަކީ އެ ގައުމުތަކުގެ ނުފޫޒު ފޯރުވޭ ގޮތަށް އެހެން ގައުމުތަކާ ގުޅުންތައް އުފެއްދުމުގެ ވާހަކައެވެ. މިކަމަށް ހެކި ގެނައުމުގެ ގޮތުން އެތައް ގައުމެއްގެ ނަންތައް ލިޔެފައިވެއެވެ. އިރާގާއި އަފްޣާނިސްތާނުގެ ނަމެވެ. ލީބިޔާއާއި ކުވޭތާއި ޕެނަމާގެ ނަމެވެ. ކުރޭމިޔާގެ ނަމެވެ. އަދި ޖަޕާނާއި ޖަރުމަނުގެ ނަން ވެސް މެއެވެ. މާބޮޑު ތަފްސީލެއް ނެތެވެ. ރޫސީން ކުރޭމިޔާގައި އެމީހުންގެ ވެރިކަމެއް އޮތުމުގެ ބަދަލުގައި އެމީހުންގެ ނުފޫޒު އޮންނަން ބޭނުމޭ ބުނުމުގެ އިތުރުން، ނަންގަނެވުނު އެހެން އެއްވެސް ގައުމެއްގެ ވާހަކަ، ކިޔުންތެރިޔާއަށް ސާފުވާނޭ ފަދަ ގޮތެއްގައި ލިޔެވިފައެއް ނެތެވެ. އެ ގައުމުތަކަށް ނުފޫޒު ފޯރުވަން ބޭނުންވަނީ ކޮން ބަޔެއްކަމާއި އެކަން އޮތް ގޮތުގެ ހަގީގަތުގެ މައްޗަށް ބަލާލެވިފައެއް ނެތެވެ. އެހެންވީމާ، އެ ނަންގަނެވިފައިވާ ގައުމުތަކުގެ މައްސަލައިގެ މައްޗަށް ތަންގީދީ ނަޒަރެއް ހިންގާލައި އެއްޗެއް ބުނެވޭކަށް ނެތެވެ.

ދެން ޒަފަރުގެ ލިޔުމުގައި ގެނެއްސައިވަނީ ރާއްޖޭގައި އޮތް އިންޑިޔާގެ ހެލިކޮޕްޓަރުގެ ވާހަކައެވެ. އެ ވާހަކައިގައި ލިޔުންތެރިޔާ ބުނެދޭން ހަމައެކަނި ބޭނުންވީ މި ދެހެލިކޮޕްޓަރު ރާއްޖޭގައި ދުއްވެނީ ރާއްޖޭގެ އަސްކަރިއްޔާއަށް އޭގެ ހަރަކާތްތައް އެނގޭ ފަދަ ގޮތެއްގައި ކަމެވެ. އެ ދެ ހެލިކޮޕްޓަރު ގެންދަން އިންޑިޔާއަށް އެންގުނު ވާހަކަ ލިޔުނު އިރު، އެ ނުގެންދިޔައީ ކީއްވެގެން ކަމެއް އޮޅުން ފިލުވައެއް ނުދެވުނެވެ. އަދި، އެ ދުއްވަން ތިބި އިންޑިޔާގެ މީހުން ރާއްޖޭގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވެ، ރާއްޖޭގައި ޣައިރު ގާނޫނީ ސިފައެއްގައި އެމީހުން ތިބި އިރު، އެ ގޮތުގައި އެމީހުންނަށް ތިބެވުނީ ކީއްވެގެން ކަމުގެ ވާހަކަ ނަންވެސް ނުގަނެއެވެ. އަނެއްކާ ފޮރުވަން ބޭނުންވާ ވާހަކައެއްވީމައި ނަންނުގަތީބާވައޭ ހިތަށް އަރައެވެ. ދެންވެސް، ކަމުގެ ހަގީގަތް ސާފުނުވާ ގޮތެއްގައި، އިންޑިޔާއަށް ދާން ދައުވަތުތަކެއް ބަޔަކަށް ލިބޭ ކަމާއި 'ހައިބަތު ހުރި' އެޕާޓުމަންޓެއް ހުޅުމާލޭގައި ހުންނަ ވާހަކައެއް ވެސް ލިޔެފައި އޮތެވެ. ނަމަވެސް، މީގެ އެއްވެސް ތަފްސީލެއް ނެތުމުން، މީގެ މާނަ ސާފެއް ނުވެއެވެ. އަދި، ލިޔުމުގައި ދައްކަން އުޅޭ ވާހަކަ، އިންޑިޔާއިން ރާއްޖެ ހިފުމާއި ނުވަތަ ނުހިފުން، މިމައްސަލައާ މިކަންކަން ގުޅެނީ ކިހިނެއް ކަމެއް ވެސް ބުނެދީފައެއް ނުވެއެވެ.

ދެން، އިންޑިޔާގެ ބައެއް އަވައްޓެރި ގައުމުތަކާ ބެހޭ ވާހަކައެއް، ޒަފަރު ލިޔެފައި އޮތެވެ. އެ ގޮތުން ނޭޕާލުގެ ނަން ގަނެވި، ސަރަހައްދީ ބިމެއްގެ މައްސަލައިގައި، ނޭޕާލާއި އިންޑިޔާއާއި ދެމެދު ދެބަސްވުމެއް އޮތްކަމަށް ދޭހަވާ ވާހަކައެއް ޒަފަރުގެ ލިޔުމުގައި އޮތެވެ. އަދި، މި މައްސަލައެއް ޖެހިފައި އޮތް ކަމުގައި ވިޔަސް، މައްސަލަ ޖެހިގެން އުޅޭ ސަރަހައްދީ ބިމުގައި އިންޑިޔާއިން ހިންގަމުން ގެންދާ މަޝްރޫއު ކުރިޔަށްދާ ވާހަކަވެސް ލިޔެވިފައި އޮތެވެ. ނަމަވެސް، މިވާހަކަ ވެސް، ލިޔުމުގެ މައިގަނޑު މައުލޫއާ ގުޅެނީ ކިހިނެއް ކަމެއް ލިޔުންތެރިޔާ ޒަފަރު ބުނެދީފައެއް ނެތެވެ. މިވާކައާއި އިންޑިޔާއިން ރާއްޖެ ހިފުމާއި ނުވަތަ ނުހިފުމާ ގުޅެނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ.

ނޭޕާލުގެ އިތުރުން ދެން ގެނެވިފައި އޮތީ ސިކިމްގެ ވާހަކައެވެ. އެ ގައުމު އިންޑިޔާގެ ބައެއް ކަމަށް ހަދާލެވުނީ ސިކިމްގެ މީހުންގެ ރުހުމާ އެކުގައި ކަމެވެ. އާދެ، ސިކުމުގައި އާންމު ވޯޓެއް ނަގައި، ސިކިމްގެ ގިނަ ބަޔަކު، އެތަނަކީ އިންޑިޔާގެ ބަޔެއް ކަމަށް ހެދުމަށް ވޯޓުދިނުމުގެ ސަބަބުން ކަމެވެ. ޝައްކެއް ނެތް ގޮތުގައި މިއީ އެންމެ ފަހުން އެކަން ނިމި ދިޔަ ގޮތެވެ. ނަމަވެސް، މިކަން މިހެން ވާން ދިމާވި ސަބަބުތަކާއި، އެ ބުނާ ވޯޓެއް ނެގިއިރު، ގާތްގަނޑަކަށް، ސިކިމްގެ އާބާދީގެ ކޮންމެ ހަތަރު މީހަކަށް އިންޑިޔާގެ ސިފައިންގެ މީހަކު ހުންނަން ޖެހުނީ ކީއްވެގެން ކަމެއް، ޒަފަރަށް ބަޔާންކޮށެއް ނުދެވެއެވެ. ރާއްޖޭގައި ވެސް، ރިޔާސީ އިންތިޚާބުތަކުގައި ވޯޓު ނެގޭތާ ހަތްދިހަ ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް، ވޯޓުގެ ނަތީޖާ ދައްކާ ގޮތަކީ ހަގީގަތުގައި ވެސް ރައްޔިތުން އެދޭ ގޮތް ހެއްޔެވެ؟ މިސާލަކަށް ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގައި 'ކުޑަ ކާފާއި' 'ބޮޑު ކާފު' ޖަހައިގެން އިންތިޚާބުތައް ކާމިޔާބުކުރެވޭ ވާހަކަވެސް ދައްކައެވެ. އަދި، ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުން އައި 'ހަގީގީ ޑިމޮކުރަސީގައި' ވޯޓު ގަނެ ވިއްކުމަކީ ވެސް އާންމު ވާހަކައެކެވެ. ވޯޓަކީ މިފަދައިން އޮންނަ ކަމެއްކަމަށްވާ އިރު، ވޯޓަކީ އާންމު މީހުން ދެކޭ ގޮތް ބުނެ، ކަނޑައަޅައިދޭ ހަމަ އެކަނި މިންގަނޑަކަށް ވެދާނެ ހެއްޔެވެ؟ އެހެން ނޫނަސް، ސިކިމްގެ ވާހަކައާއި އިންޑިޔާއިން ރާއްޖެ ހިފަން އުޅޭ ނުވަތަ ނޫޅޭ ވާހަކައާ ގުޅުން ހުރި ގޮތް، ޒަފަރު ބަޔާން ކޮށެއް ނުދެއެވެ. ފަހަރެއްގައި ލިޔުންތެރިޔާގެ ބޭނުމަކީ، ރާއްޖެއަކީ އިންޑިޔާގެ ބަޔަކަށް ހަދާލަން އިންޑިޔާއިން ގަސްދުކޮށްފި ނަމަ، އެކަން ކުރާނީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނެގޭ އާންމު ވޯޓެއްގެ ނަތީޖާއަށް ބަލާފައި ކަމުގައި ބުނުން ބާވައެވެ؟

މި މަގާމުގައި އަނެއްކާ ވެސް، ޒަފަރުގެ ލިޔުމުގައި ލިޔެވިފައި ނުވާ، ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި، މައުލޫއާ ގުޅުން ހުރީތީ، ލިޔަން ޖެހޭ، ވާހަކައެއް ނޯޓުކޮށްލަން ޖެހެއެވެ. އެއީ އިންޑިޔާއާ ބޫޓާނުގެ ގުޅުމުގެ ވާހަކައެވެ. އިންޑިޔާގެ ބާރުގެ ދަށަށް ބޫޓާނު ގެނެސްފައިވާ ވާހަކައެވެ. މިއީ އިންޑިޔާއިން ރާއްޖެ ހިފުމާއި ނުވަތަ ނުހިފުމުގެ މައުލޫއާ ވަރަށް ވެސް ގުޅުން ހުރި ވާހަކައެކެވެ. ސަބަބަކީ މިވަގުތު އިންޑިޔާއިން ރާއްޖޭގައި ކުރަމުން ގެންދަނީ ބޫޓާނުގައި ވެސް އިންޑިޔާއިން ހަމަ ކުރި ފަދަ ކަންކަމެވެ. ތަފާތު ނަންނަމުގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ ބާރު ހިންގޭނޭ ގޮތްތައް ހެދުމެވެ. ތަނުގެ ވިޔާފާރިއާއި ޚާރިޖީ ސިޔާސަތުގެ މިނިވަކަން ގެއްލުވާލައި، މި ދާއިރާތަކުގެ މައްޗަށް އިންޑިޔާގެ ފުރިހަމަ ބާރު އޮންނަގޮތް ހެދުމެވެ. ރުހޭ ވަގުތުތަކުގައި ލޯނާއި އެހީދީގެންނެވެ. ނުރުހޭ ވަގުތުތަކުގައި އެކިގޮތް ގޮތުން ފިއްތުންތައް މެދުވެރިކޮށް ގެންނެވެ. 2013ގައި އިންޑިޔާއިން ރާއްޖެއަށް ލޯނުތައް އަދާކޮށް ޚަލާސްކުރަން އެންގި ފަދައިންނެވެ. އަލުވި ފިޔާފަދަ ކާނާގެ އަސާސީ ބާވަތްތަކާއި ހިލަވެލި ފަދަ ބިނާކުރުމާ ގުޅިފައިވާ ސާމާނު ލިބުމަށް ހުރަސްއަޅައިގެންނެވެ. މިކަމުގެ ތަފްސީލީ ވާހަކަތައް، އަޅުގަނޑުގެ ބައެއް ލިޔުންތަކުން ފެންނަން އޮންނާނެއެވެ. 'އަދިވެސް’، 'ދިޔަރެސް’، 'ސަންދާނު’، އާއި އަދި މިނޫންވެސް މިފަދަ ބައެއް އޮންލައިން ނޫސްތަކުގައި އެ ލިޔުންތައް ޝާއިއު ކުރެވިފައިވާނެއެވެ. އެހެންވެ، އެކަމާ ބެހޭ އިތުރު ތަފްސީލެއް މިތާގައި ނުލިޔެ، ތަފްސީލު ބޭނުން ބޭފުޅަކު، މި ލިޔުންތަކަށް ރުޖޫއަވެވަޑައިގަތުމަށް އެދެމުން، ލިޔުންތެރިޔާ ޒަފަރު، ބޫޓާނުގެ ވާހަކަ ނުގެނެސް އޮތްކަން، އަދިވެސް އެއްފަހަރު، ފާހަގަކޮށްލައި، މިވާހަކަ ކުރުކޮށްލާނަމެވެ.

ދެން ލިޔުންތެރިޔާ ޒަފަރު އެންމެ ފަހުން ލިޔެފައި އޮތް ވާހަކައެވެ. އަނެއްކާ ވެސް، ތަކުރާރުކޮށް، އިންޑިޔާއިން ރާއްޖެ ހިފަން ބޭނުން ނުވާކަމުގެ ވާހަކައެވެ. ފަހަރެއްގައި ވެސް، އެއީ ޣައިރު ގާނޫނީ އަމަލަކަށްވާތީއެއް ނޫނެވެ. އެކަން ނުކުރުމުގެ ސަބަބަކީ، ޒަފަރުގެ ނަޒަރުގައި، އިންޑިޔާއިން ބޭނުން ކަމެއް، ރާއްޖޭގެ މިހާރުގެ ސަރުކާރުން ކޮށްދޭތީއެވެ. އެހެން އިބާރާތަކުން ބުނާނަމަ، މިހާރުގެ ދިވެހި ސަރުކާރަކީ، ޒަފަރު ދެކޭ ގޮތުގައި، އިންޑިޔާގެ ބާރުގެ ދަށުގައި އޮތް، އިންޑިޔާގެ 'ގޮނޑިކޮއްކޮ' (ޕަޕެޓް) ސަރުކާރަކަށްވާތީއެވެ. މިފަދަ ގޮތަކަށް އިބާރަތްކުރާއިރު، އަދުގެ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ ގޮތަށް މި ބުނެވެނީ އިހާނެތި، ބަދު ބަހެއްކަން ޒަފާރަށް އިހިސާސުވޭ ބާވަޔޭ ހިތަށް އަރައެވެ. އިންޑިޔާ ދިފާއުކޮށް، އިންޑިޔާގެ އަމަލުތައް ރަނގަޅުކުރުމުގެ ބޭނުން އޮތްލެއް ބޮޑުކަމުން، އަދުގެ ސަރުކާރަކީ ސީދާ އިންޑިޔާގެ ބާރުގެ ދަށުގައި، އާދެ، ޒަފަރު ކުރިން ބުނި ފަދަ، އިންޑިޔާގެ ހިންދީ ދީނުގެ މައްޗަށް ބިނާވާ ގައުމިއްޔަތުގެ ހަށުކަށި ފިކުރުގެ ވެރި ސިޔާސީ ޕާޓީގެ މުށުގެ ދަށުގައި، އޮތް ސަރުކާރެކޭ ބުނުމަކީ، އަދުގެ ދިވެހި ސަރުކާރަށް ރައްދުވާ ދެރަ ނިކަމެތި ބަހެއްކަމުގެ އިހުސާސު ކުޑަކޮށް ވެސް ވޭބާވައޭ ހިތަށް އަރައެވެ. ޒަފަރުގެ އިބާރަތަށް ބަލާލާށެވެ! "އިންޑިއާއިން އެދޭ ކޮންމެ ކަމެއް، މިހާރު ވެރިކަމުގައި އޮތް ސަރުކާރުން ކޮށްދެއެވެ. އަދި ރާއްޖެއިން އެދޭ ކޮންމެ ކަމެއް ހެން އިންޑިއާ އިން ވެސް ކޮށްދެއެވެ." ދެން، އަދި އެއްފަހަރު މީގެ މާނައާ މެދު ވިސްނާލާށެވެ! މިއިން ދޭހަވަނީ ރާއްޖޭގައި މިވަގުތު އިންޑިޔާގެ ފުރިހަމަ ނުފޫޒު އޮތްކަމެވެ. މިހާރު ރާއްޖެ އޮތީ ސީދާ އިންޑިޔާގެ ބާރުގެ ދަށުގައި، އިންޑިޔާއިން ރާއްޖޭގައި ބޭނުން ކަމެއް ކުރެވޭ ގޮތަށް ކަމެވެ. މީގެ ބަދަލުގައި ރާއްޖެއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ޒަފަރު ބުނާ ގޮތުން، ރާއްޖެއިން ބޭނުންވާ ބައެއް ކަންތައްތައް ކުރެވިދާނޭ ގޮތަކަށެވެ. އާދެ، ޒަފަރުގެ އިބާރާތުން ނަމަ "ރާއްޖެއިން އެދޭ ކޮންމެ ކަމެއް ހެން އިންޑިޔާއިން ވެސް ކޮށް ދެއެވެ." މިތާގައި ކުރީގެ އިބާރާތާއި ތަފާތުވެފައިވަނީ ކިހިނެތްކަމާއި އޭގެ މާނައާ މެދު ވިސްނާލުން މުހިއްމެވެ. އާދެ، ރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއް "ހެން"، މިހެން އޮތް އޮތުމެވެ. މާނައަކީ ހެއްޔެވެ؟ އިންޑިޔާއިން ބޭނުންވާ ކޮންމެ ކަމެއް ރާއްޖެއިން ކޮށްދޭން ޖެހޭ އިރު، ރާއްޖެއިން އެދޭ ކަންތައްތައް ކޮށްދިނުމާއި ނުދިނުން އެއީ އިންޑިޔާގެ ބާރާއި އިޚްތިޔާރުގެ ދަށުގައި އޮތް ކަމެކެވެ. ޝައްކެތް ނެތް ގޮތުގައި މިއީ ހަގީގަތެކެވެ. މިސާލަކަށް ކާޑުގެ ބާވަތް އެތެރެކުރުމުގެ ކޯޓާ މައްސަލައަށް ބަލާލާށެވެ. މިކޯޓާ ކަނޑައެޅުމާއި މިކޯޓާއަށް ބަދަލު ގެނައުމަކީ އިންޑިޔާގެ ބާރުގެ ދަށުގައި އޮތްކަމެވެ. ކޯޓާ ކަނޑައެޅުމަށް ފަހު ވެސް ކޯޓާއަށް ބަދަލުގެނައުމުގެ ބާރު އިންޑިޔާއަށް ލިބިފައިވެއެވެ. ކޮންމެ ރޯދަމަހެއްގައި ފިޔާ އަލުވިފަދަ ތަކެތި ރާއްޖޭގެ ބާޒާރުން ލިބުން ދަތިވަނީ މި ކޯޓާގެ ސަބަބުން ކަމާއި އަދި އެކަމަށް އިންޑިޔާއިން ގެންނަ ބަދަލުންކަން، ރާއްޖޭގެ ކަމާ ބެހޭ އިދާރާގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ހިލަވެލި ފަދަ ބިނާކުރުމުގެ ކަންކަމަށް ބޭނުންވާ ސާމާނުގެ ކަންތައް ވެސް އޮތީ މިފަދަ ގޮތަކަށެވެ. މީގެ ދެތިން އަހަރެއް ކުރިން، ހިލަވެލި އިންޑިޔާއިން ލިބުން ދަތިވުމުން، އެހެން ތަނަކުން ހިލަވެލި ގަންނަން ރާއްޖެއިން ނިންމިއެވެ. ދެން، އިންޑިޔާއިން ނުލިބޭނެކަމަށް ބުނި ހިލަވެލި، ލިބެން ހުރިކަމަށް އިންޑިޔާގެ އެމްބަސީއިން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އެންގިކަމަށް ވެއެވެ. މިފަދަ ބައެއް ވާހަކަތަކުގެ ތަފްސީލު އަޅުގަނޑު ލިޔުނު އުތުރު ކަރައިގެ ސާރިދޯޅުގެ ވާހަކައާއި ސިންގާގެ ދަތްތައް ދައްކާލުން މި ލިޔުންތަކުން ފެންނާނެއެވެ. ކުރިން ވެސް ނަންގަނެވި ދިޔަ ފަދައިން، ދިވެހި ބައެއް އޮންލައިން ނޫސްތަކުގައި މިލިޔުންތައް ޝާއިއުކުރެވިފައިވާނެއެވެ.

ކޮންމެ އަކަސް، ޒަފަރުގެ ލިޔުން ނިންމާލަމުން ޗައިނާގެ ގަދީމީ ފިލޯސަފަރެއް ބުނެފައިވާ ވާހަކައެއް ލިޔެވިފައި ވެއެވެ. ހަނގުރާމަ ނުކޮށް ތަންތަން ހިފާ ގޮތުގެ ވާހަކައެވެ. އާދެ، ޒަފަރު ދެކޭ ގޮތުގައި، ޗައިނާގެ މި ފަލްސަފާވެރިޔާގެ ބަހާ އެއްގޮތްވާ ގޮތުގެ މަތިން، ހަނގުރާމަ ނުކޮށް، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ގެނެވިފައި އޮތުމުން، އިންޑިޔާއިން އަސްކަރީ ބާރުގެ އެހީގައި ރާއްޖެ ހިފުމުގެ ބޭނުމެއް ނެތެވެ. މިވާހަކަ އިތުރަށް ތަފްސީލުކޮށްލުމުގެ ގޮތުން ޗައިނާގެ މިފަލްސަފާވެރިޔާއާއި އަދި އޭނާގެ ވާހަކައިގެ ޚުލާސާއެއް ލިޔެލާނަމެވެ.

ޒަފަރު ހަވާލާދީފައިވާ ފޮތުގެ މައްޗަށް ބަލާލާއިރު، އެ އިޝާރަތްކުރަނީ ޗައިނާގެ ސުން ޓްޒޫއަށް ކަމަށް ލަފާކުރެވެއެވެ. ހުޅަނގު ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ މާސްޓަ ސުންގެ ނަމުންނެވެ. މި ފަލްސަފާވެރިޔާ ދުނިޔޭގައި އުޅުނު ކަމަށް ބުނަނީ މީލާދުގެ ފަސް ގަރުނެއްހާ އަހަރު ކުރިންނެވެ. ހަނގުރާމަ ކުރުމާ ބެހޭ ގޮތުން މި ފަލްސަފާވެރިޔާގެ ޚިޔާލާތުތަކާއި ފިކުރުތައް ހިމަނާލެވިފައިވަނީ އޭނާގެ 'ދަ އާޓް އޮފް ވޯ' (ހަނގުރާމައިގެ ފަންނު) މި ފޮތުގައެވެ. މި ފޮތުގައި ހަނގުރާމަ ނުކޮށް ތަންތަން ހިފާނީ ކިހިނެއް ކަމާއި އެ ގޮތުން ބޭނުން ކުރެވިދާނޭ އުކުޅުތަކަކީ ކޮބައިކަން ބަޔާންކުރެވިފައިވެއެވެ. މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން ކަންތައް ކުރުމެވެ. ޖާސޫސީ ހަރަކާތްތައް ހިންގުމެވެ. ގުޅުންތައް ގާއިމުކުރުމެވެ. އާދެ، ފޮތުގައި ބަލާލެވެނީ ޖިސްމާނީ ގޮތެއްގައި ހަނގުރާމަ ނުކޮށް، މި ނަންގަތް އުކުޅުތައް ބޭނުންކޮށްގެން ގައުމުތައް ހިފައި އަޅުވެތިކުރާނެ ގޮތެވެ.

ނިންމާލަމުން ޒަފަރު ލިޔެފައި އޮންނަނީ މި ފަލްސަފާވެރިޔާ ބުނާ ބުނުމެކެވެ. "ހަނގުރާމަ ނުކޮށް ކާމިޔާބު ހޯދުމަކީ އެންމެ މޮޅު" ގޮތް ކަމެވެ. ރާއްޖެއާ މެދު، އިންޑިޔާއިން ކަންތައް ކުރަމުން ގެންދަނީ މިފަދައިންކަން ޒަފަރު އިޝާރަތްކުރާ ކަހަލައެވެ. ޝައްކެއް ނެތް ގޮތުގައި، އިންޑިޔާގެ ދަށަށް ރާއްޖެ ގެންދިޔުމައްޓަކައި، ތަފާތުކަންތަކެއް އިންޑިޔާގެ ފަރާތުން ރާއްޖޭގައި ސިއްރިއްޔާތުގައްޔާއި އަދި ފާޅުގައި ވެސް ކުރަމުން އެބަ ގެންދެއެވެ. ޖާސޫސީ ހަރަކާތްތަކެވެ. ބޫޓާނުގައި ގާއިމުކުރެވި ދިޔަ ފަދަ، ތަމްރީނު ކުރުމުގެ ނަމުގައި ގާއިމުކުރެވޭ އަސްކަރީ މަރުކަޒުތަކެވެ. އަސްކަރީ މަރުކަޒުތަކޭ ބުނަންޖެހެނީ މި ތަމްރީނުކުރުމުގެ މަރުކަޒުތަކަކީ އިންޑިޔާގެ އަސްކަރީން، އެމީހުން ބޭނުން އަދަދަކަށް، ރާއްޖޭގައި ތިބުމަށް މަގުފަހިވެގެންދާނޭ ކަމަކަށްވާނެތީއެވެ. ބޫޓާނުގައި ވެސް މިކަން އޮތީ މިފަދައިންނެވެ. މީގެ އިތުރުން، ކުރިން ވެސް ނަންގަނެވުނު ފަދައިން، ރާއްޖޭގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ކާޑާއި ބޭހާއި އަދި އުމްރާނީ މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމާއި ނުލިބުމުގެ ބާރުވެސް އޮތީ އެމީހުންގެ އަތްދަށުގައެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުވެސް، ބޫޓާނުގައި އޮތްފަދައިން، އިންޑިޔާގެ ނުފޫޒުގެ ދަށަށް އެބަ ދެއެވެ. (މިކަމުގެ ބައެއް ތަފްސީލު ކުރިން އަޅުނގަޑު އިޝާރަތްކުރި އަޅުގަނޑުގެ ބައެއް ލިޔުންތަކުން ފެންނަން އޮންނާނެއެވެ.)

މިފަދަ ގޮތެއްގައި ކަންތައް ވަމުންދާއިރު، އަދި، މަޑުމަޑުން އިންޑިޔާގެ ބާރުގެ ދަށަށް، މާސްޓަރ ސުން ބުނެފައިވާ ފަދައިން، ހަނގުރާމައަކާ ނުލައި، ރާއްޖެ ފަސޭހައިން ގެނެވޭ ކަމަށްވާ އިރު، ޒަފަރު ބުނާ ފަދައިން، ހަނގުރާމަކޮށް އިންޑިޔާއިން ރާއްޖެ ހިފާކަށް ބޭނުމެއް ނުވާނެތާއެވެ. އެހެންވީމާ އިންޑިޔާ ވަރަށްވެސް ހެޔޮފުޅުތާއެވެ!! ތަނުގައި ތިބި، ސިޔާސީ ކަސްބީން، ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރުވަން ތިބި ކަމަށް ވަންޏާ، އަދި އެފަދަ ކަސްބީންގެ 'ޕިންޕުންގެ' ގޮތުގައި ބޭނުންކުރަން ގަލަން ގަލަން ލިބޭ ކަމަށް ވަންޏާ، އަސްކަރީ ބާރު ބޭނުންކޮށް ގެން، އިންޑިޔާއިން ރާއްޖެ ހިފާކަށް ބޭނުމެއް ނުވާނެއެވެ. މާސްޓަރ ސުން ކުރަހާލަދީފައިވާ އޮޅުވާލުމާ ހީލަތުގެ ޕުލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްކޮށް، ހިފިފައި އޮތް ތަނެއް އިތުރަށް ހިފާކަށް ނުޖެހޭނެތާއެވެ؟

ދެން އޮތީ މުގައްދިމާގައި ލިޔެލެވުނު އެންމެ ފަހު ދެ ސުއާލެވެ. ޒަފަރުގެ ލިޔުމުގެ މެސެޖަކީ ކޮބައި ހެއްޔެވެ؟ އަދި އެ ލިޔުމުގެ މަގުސަދަކީ، ބޭނުމަކީ ކޮބައި ހެއްޔެވެ؟ މި ދެ ސުއާލުގެ ޖަވާބު ކޮންމެ ވެސް ވަރަކަށް މަތީގައި ދެވިފައިވެއެވެ. ނަމަވެސް، ހަނދާންކޮށްލުމުގެ ގޮތުން އަދިވެސް ލިޔެލާނަމެވެ. ޒަފަރުގެ ލިޔުމުން ލިބޭ މެސަޖަކީ އިންޑިޔާއިން ރާއްޖެ ހިފަން ބޭނުން ނުވާނޭކަމެވެ. އާދެ، އަސްކަރީ ބާރު ބޭނުން ކޮށްގެންނެވެ. ނަމަވެސް، ފަލްސަފާވެރި ސުންގެ ފަލްސަފާއާ އެއްގޮތްވާ ގޮތުގެ މަތިން، އިންޑިޔާއިން ރާއްޖެ ހިފާނީ އޮޅުވާލުމާއި ހީލަތް ބޭނުންކޮށްގެންނެވެ. ރާއްޖޭގެ ކަސްބީ ސިޔާސީވެރިން ގަނެގެންނެވެ. ސިންގާގެ ދަތްތައް ދައްކާލާފަދައިން، އެހީވުމުގެ ދަތްތައް ދައްކާލައި ހިނިތުންވާ ކަމަށް ދައްކައިގެންނެވެ.

ޒަފަރުގެ ލިޔުމުގެ މަގުސަދު، އޭނާ ބުނެފައިވާ މިބުނުމުން ފެނެއެވެ. އޭނާ ބުނަނީ "އިންޑިއާ އިން ރާއްޖެ ހިފާފާނެކަމުގެ ބިރު، ޤައުމިއްޔަތުގެ ލޯބި ހުރި ވަރަށް ގިނަ ދިވެހިން، ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޅުކުރަމުން ގެންދެ އެވެ." މިއިން ދޭހަވަނީ، މިސަބަބައްޓަކައި، އިންޑިޔާ ދިފާއުކޮށް، އިންޑިޔާއިން ރާއްޖެ ނުހިފާނޭ ކަމުގެ ވާހަކަ ބުނުމެވެ. ނަމަވެސް ބުނެވުނީ ކީކޭ ބާވައެވެ. ހަނގުރާމައެއް ނުކޮށް، އިންޑިޔާއިން އޮތީ ރާއްޖޭ ހިފާފައިކަމެވެ. ރާއްޖޭގައި އޮތް އިންޑިޔާގެ 'ގޮނޑިކޮއްކޮ' ސަރުކާރުގެ އެހީގައެވެ! ޒަފަރުގެ ލިޔުމުގައި މިހެން ބުނެވޭކަން، އޭނައަށް އިހުސާސުކުރެވޭ ބާވައޭ ހިތަށް އަރައެވެ!

މިމަގާމުގައި ހަނދާން ކޮންލަން ޖެހޭ މުހިއްމު ކަމެއް އެބަ އޮތެވެ. ގައުމެއްގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެން ދަނީ ހަމައެކަނި ހަނގުރާމަތަކުގެ ނަތީޖާއެއްގެ ގޮތުން ނޫންކަމެވެ. ސިކިމްގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެން ދިޔައީ ހަނގުރާމައެއްގެ ނަތީޖާ ދެއްކި ގޮތަކުން ނޫނެވެ. ވެރިކަމާއި އަދި އެކަމާ ގުޅިފައި އޮންނަ މާއްދީ ފައިދާގެ ދަހިވެތިކަމުގައި ގައުމުތައް ވިއްކާލާ ކަސްބީ ސިޔާސީ ވެރިންނާއި އެފަދަ ކަސްބީންގެ ކިބައިން ލިބިދާނޭ ފައިދާއެއްގެ ދަހިވެތި އެދުމުގައި، އެފަދަ ސިޔާސީ މީހުންގެ ވާހަކަތައް، އަމިއްލަ ވިސްނުމުގެ މީޒާނުން މިނެނުލައި، ގުރާތަކެއް ފަދައިން، ކިޔައި ލިޔަން ތިބޭ 'ޕިންޕީ' ލިޔުންތެރިންގެ ވެސް ސަބަބުންނެވެ.

މިކަމުގެ ހައްލު އޮތީ އާންމު ރައްޔިތުންގެ އަތް މަތީގައެވެ. މީހުން ދައްކާހާ ވާހަކަތައްކަށް ނުހެއްލި، ތިމާގެ އަމިއްލަ ސިކުނޑިއާއި ބުއްދި ބޭނުންކޮށްގެން، އެކިޔާ އެއްޗެއްގެ އަގު ވަޒަންކުރަން ދަސްކުރުމެވެ. މައްސަލައަކާ ބެހޭ ދެފަރާތުގެ، މާނައަކީ، އެއްކޮޅު ލިޔުންތަކާއި އިދިކޮޅު ލިޔުންތައް ވެސް ބަލައި، ތިމާގެ މައުލޫމާތު މުއްސަނދިކޮށް، ހަގީގަތް ހޯދުމައްޓަކައި އަމިއްލައަށް މަސައްކަތްކުރުމެވެ. އަދި، ހަނގުރާމަ ނުކޮށް ގެއްލޭ މިނިވަންކަމަކީ، މިނިވަންކަން ގެއްލުމެއް ނޫނޭ ބުނާ ފަދަ ހަމަނުޖެހޭ ވާހަކަ ދައްކާ ލިޔުންތެރިންގެ ލިޔުންތައް ވެސް ބަލައި، އޭގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރު ހިންގައި، ތިމާގެ ނަފްސަށާއި ތިމާގެ ގައުމަށް ތެދުވެރިވެ ހުރެ، އެފަދަ ލިޔުންތަކާ މެދު ތިމާގެ އަމިއްލަ ޚިޔާލުފާޅުކުރަންވީއެވެ. ތިމާމެންނަކީ، ހަމަ ޖަހާހާ ބެރަކަށް ނަށަން ތިބި، އަމިއްލަ ވިސްނުން ބޭނުންކުރަން ނޭނގޭ ގުނބޯލުން ފަދަ ބަޔެއް ނޫންކަން އަންގައި ބުނެދިނުމައްޓަކައެވެ. އަދި، ނަފަރުތުގެ މައްޗަށް ބިނާކޮށް، އެހެން މީހުން ނުހޮވުމުގެ ނިޔަތުގައި، ނާގާބިލު، ގޮތެއް ފޮތެއް ނެތް، ޣައްދާރުވެރި ޚާއިނުންގެ ބަޔަކު ވެރިކަމަށާއި ރައްޔިތުން ތަމްސީލުކުރަން ނުގެނެސް، ގައުމަށް ތެދުވެރި، އިޚުލާސްތެރި، ގާބިލު، މީހުންނާ ގައުމު ހިންގުމުގެ ލަގަން ދިނުމުގެ ހިތްވަރާއި ކެރުން، ދަތުމާއި ކުޅަދާނަކަން ހުރި ބަޔަކަށް އަޅުގަނޑުމެންވާންވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
56
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *