Support Us

ކުއްލި ފަރުވާއަށް ބަލިމީހުން މާލެ ގެނައުމުގައި ޢަމަލުކުރާ ނިޒާމު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

އަތޮޅުތެރޭގެ ބަލި މީހުން ކުއްލި ފަރުވާއަށް މާލެ ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެންގެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވުމާ ގުޅިގެންނެވެ. ޖާހުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށް ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ޖާހު ޚާލިދު ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުގައެވެ. މި ހިތާމަވެރި ވަގުތުގައި، މަރްޙޫމްގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވިއެވެ.

"މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ ދުޢާތައް ވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކުއެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ތުއްތު ތުއްތު މަޢުޞޫމް ފުރާނަ، ކީރިތި ﷲގެ ރުއްސެވުމާއި އޯގާވަންތަކަމުގައި ލަހައްޓަވާށިއެވެ. އަދި އެ މަރުޙޫމްގެ މައިންބަފައިންނާއި ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރުކުރައްވާށިއެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *