Support Us

ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައިފި

މުޅި ރާއްޖެއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރައްވައިފިއެވެ. އާރް.ޓީ.އެލްގެ ޚިދުމަތް ފެށުން ރަސްމީގޮތުން ފާހަގަކުރެއްވުމަށް "ހުވަދު އަތޮޅު ގުޅާލުން" މިނަމުގައި، ގދ. ތިނަދޫ ބަނދަރު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުސްވި ޖުލައި މަހު އާރް.ޓީ.އެލްގެ ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފަށާފައިވާއިރު، 20 އިން 26 ޖުލައި އަށް އާރް.ޓީ.އެލްގެ ޚިދުމަތަށް މީހުން އަހުލުވެރިކުރުމަށްޓަކައި އެ މުއްދަތުގައި ޚިދުމަތް ދީފައި ވަނީ ހިލެއެވެ. މީގެ އިތުރުން، ޢުމުރުން ތިން އަހަރު ނުވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާރް.ޓީ.އެލް ފެރީ މެދުވެރިކޮށް ހިލޭ ދަތުރުފަތުރު ކުރެވޭނެ އެވެ.

ހުވަދު އަތޮޅަކީ، ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށް ވުމާއިއެކު، މީގެ ކުރިން އެއަތޮޅުގެ މަރުކަޒީ ރަށް ގދ. ތިނަދޫއަށް ޚިދުމަތްތައް ހޯދުމަށް ބައެއް ރަށްރަށުން ފަސް ގަޑިއިރަށްވުރެ ދިގު ދަތުރެއްކުރަން ޖެހިފައި އޮތުމަކީ، ވިޔަފާރިއާއި އިޖުތިމާއީ ގުޅުންތަކަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ނަމަވެސް އާރް.ޓީ.އެލްގެ ޚިދުމަތާ އެކު ދަތުރަށް ހޭދަކުރަންޖެހޭ ވަގުތު އެތައްގުނައެއް ކުޑަވެގެން ދިޔުމާ އެކު، ވިޔަފާރިއާ އިޖުތިމާއީ ގުޅުންތައް ބަދަހިވެ އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިބޮޑު ބަދަލާއި ފަސޭހައާއެކު ހުވަދު އަތޮޅުގެ ރަށްތައް އަމުނައި ގަތައި ގުޅާލެވިގެންދާ އާރް.ޓީއެލް. ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރުމުގެ ގޮތުން ހުވަދުގެ އަރޮޅުގެ ކޮންމެ ރަށަކުން ފަރިވަޅެއްވެސް ވަނީ އަރުވާފައެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ޚިދުމަތުން މުޅިރާއްޖެ ގުޅާލުމަކީ، ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ. ރާއްޖެ ހަ ޒޯނަކަށް ބަހާލައި، ފިޔަވަހިތަކަކަށް ބަހާލައިގެން އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދަށުން މިހާތަނަށް، ޒޯން 1 ގައި ހިމެނޭ، ހއ.، ހދ.، އަދި ށ. އަތޮޅުގަޔާއި، ޒޯން 2ގައި ހިމެނޭ، ޅ. އަތޮޅުގަޔާއި، ޒޯން 6 ގައި ހިމެނޭ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި، އާރް.ޓީ.އެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. އާރް.ޓީ.އެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީ އާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *