ރިޔާސީ އިންތިހާބާ ގުޅޭ ފޮޓޯތަކާއި ޕޯސްޓަރުތައް މާލޭގެ އެކި ދިމަދިމާލުގައި ގިނަވަމުން އަންނައިރު، ދެ ވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ކެމްޕޭން ޕޯސްޓަރު ބަހައްޓައިފައި ހުރީ އެމް.ޑީ.ޕީގެ ސޯސަން ޖަގަހައިގައެވެ.
ސޯސަންމަގު އިރުމަތީކޮޅުގައި ހުރި މި ބޮޑު ޖަގަހަ އަކީ އަލަށް ހަދައިފައިވާ ޖަގަހައެކެވެ. މީގެ މަހެއްހާ ކުރިން މަސައްކަތް ފަށައި، ބޮޑު އީދުތެރޭގައި މަސައްކަތް މުޅިން ނިންމާލައި ބޭނުންކުރަން ފެށި ނަމަވެސް، މި ޖަގަހަ ރަސްމީކޮށެއް އަދި ނުހުޅުވައެވެ. މައުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް މި ޖަގަހަ ރައީސް ސޯލިހު ހުޅުއްވައިދެއްވާނެއެވެ. އޭގެ ފަހުން އެމް.ޑީ.ޕީގެ މައި ޖަގަހައެއްގެ ގޮތުގައި، އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން ބޭނުންކުރާނީ ސޯސަން ޖަގަހަ ކަމަށް މައުލޫމާތު ލިބެއެވެ.
އިސްކަންދަރު މިސްކިތާ ޖެހިގެން ހުރި މި ޖަގަހައަކީ އެއްފަހަރާ އެތައް ސަތޭކަ ބަޔަކަށް ވަދެވޭ ގޮތަށް މޭޒާއި ގޮނޑި ޖަހައިގެން ހަދައިފައިވާ، ތަނަވަސް ޖަގަހައެކެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އާއި ސަން އަހުމަދު ސިޔާމު މުހައްމަދުގެ އެމް.ޑީ.އޭ އާއެކު ކޯލީޝަން ހައްދަވައިގެން، ސެޕްޓެމްބަރު 9 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރައީސް ސޯލިހު ފައްޓަވައިގެން ކުރިއަށް ގެންދެވި ނަމަވެސް އެ މަނިކުފާނުގެ ރަނިންމޭޓެއް އަދި މިހާތަނަށް އިއުލާން ކުރައްވައިފައެއް ނުވެއެވެ. މަހުޖަނު ސަން ސިޔާމު ވިދާޅުވެފައި ވަނީ "ރަނިންމޭޓު ކަމަށް ޝައުގުވެރިކަމެއް ނެތް" ކަމަށާއި ރަނިންމޭޓުކަން ގަބޫލްކުރައްވާނީ "މަޖުބޫރީ ހާލަތެއްގައި" ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމުގައިވާ ނައިބު ރައީސް ފައިސަލް ނަސީމު ވަނީ ދެ ވަނަ ދައުރެއްގައި ވެސް ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ދާދި ފަހުން ފާޅުކުރައްވައިފައެވެ.
ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރަނިންމޭޓަކާ ބެހޭ ގޮތުން ކޯލީޝަން ޕާޓްނަރުންނާއެކު ކޮންމެ ރެއަކުހެން މަޝްވަރާ ކުރައްވާ ކަމަށާއި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.



advertisment