ނ. އަތޮޅު މަނަދޫގައި ޢީދު ފާހަގުކުރުމުގެ ގޮތުން ޒަމާނުއްސުރެ ކުޅެމުން އަންނަ އެންމެ ޚާއްޞަ ކުޅިވަރަކީ ދަނޑިޖެހުމެވެ. ދެ އަވަށުގައި ދެ އަވަށް ވަކިން ޖަހަމުންދާ ދަނޑިޖެހުމެވެ. ކުރީގައި ދެ އަވަށުގެ ނަމުގައެވެ. މިހާރު ދެ އަވަށް ތަމުސީލުކުރާ ދެ ކުލަބުގެ ނަމުގައެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ދަނޑިޖަހައެވެ. އެކަމަކު މަނަދޫގައި ޖަހާ ދަނޑީގައި ޚާއްޞަ ސަގާފަތެއްގެ ގޮތުގައި މަނަދޫ މީހުންގެ ބޮލަށްކޮށްޕި ފާހަގަކުރެވެއެވެ.
ދިވެހި ބަސްފޮތުގައި އޮންނަ ގޮތުން ބޮލަށްކޮށްޕީގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ "ބޮލުގައި އަޅާން ކައިރީގައި ރޫޖައްސައިފައި ގޮނިކޮށް ފޮތިން ފަހައިފައި ހުންނަ އެއްޗެއް" މިއެވެ. ދެވަނަ މާނައަކީ "މޫނު ފިޔަވައި، ބޮލާއި ކަނދުރާޔާ ކަރާއެކު ނިވާވާނޭހެން ބޮލަށް ފައްތާން ވިޔެފައި ހުންނަ އެއްޗެއް" މިއެވެ.
މަނަދޫ މީހުން ކިޔާ ބޮލަށްކޮށްޕި މި މާނަތަކާ ތަފާތެވެ. ދަނޑި ޖަހާއިރު މަނަދޫ މީހުން އަޅާ ބޮލަށްކޮށްޕިއަކީ ރޫޖައްސާފައި ހުންނަ އެއްޗެއް ނޫނެވެ. އެއީ ބޮލުގެ ސައިޒަށްވުރެ ބޮލުގެ ބޭރަށް ދެތިން އިންޗި ހުންނަގޮތަށް ވަށްކޮށް ފަހާފައި ހުންނަ ބޮލުގައި އަޅާ ކޮށްޕިއެކެވެ. ވަށް ދެގަނޑު ފޮތި ވަށައިގެ ފަހައި، ބޮލަށް ހެޔޮވަރުވާވަރަށް އެއް ފޮތިގަނޑުގެ މެދުން ވަށްކޮށް ބައެއް ނަގައި ބޮލުގައި ޖެހޭ ތަނުގައި ވަށައިގެން ރިމް އެޅީމައި އެހެރީ ބޮލަށްކޮށްޕި ފެހިފައެވެ. ކުރީ ޒަމާނުގައި ބޮލަށްކޮށްޕީގެ ދަށް ފަރާތުގައި ފޮތިން ހަދާފައި ހުންނަ ކުޑަ ޓައީއެއް ހަރުކޮށްފައި ހުރެއެވެ. ބޮލަށްކޮށްޕި އަޅާފައި ހުންނައިރު ހުރިހާ އެންމެންގެ ވެސް މި ޓައީ ހުންނާނީ ކަނާތު ކަންފަރާތާ ދިމާވާގޮތަށެވެ.
ބޮލަށްކޮށްޕި ބޮލުގައި އެޅީމާ ފަތިކޮށް އަދި ވާންކޮށް ވަށައިގެން ހުންނަނީ އެތެރެއަށް އިލޮށި ނުވަތަ ހިމަކޮށް މަށާފައި ހުންނަ ފަންތޮށީގެ ހިލަ ފަރާތްފަދަ އެއްޗެއް ލެއްވީމައެވެ.
މަނަދޫ ހުޅަނގު އަވަށު މީހުން ކުރީ ޒަމާނުއްސުރެ ބޭނުންކުރަނީ މަޑު ހިޔާތޮށި ކުލައިގެ ބޮލަށްކޮށްޕިއެވެ. އިރުމަތީ އަވަށު މީހުން ބޭނުން ކުރަނީ ފެހިކުލައިގެ ބޮލަށްކޮށްޕިއެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ވެސް މަނަދޫގައި ޒަމާނުއްސުރެ ޖަހަމުންދާ ފިރިހެނުންގެ ދަނޑިޖެހުމުގެ ވައްޓަފާޅި އަމިއްލަވަންތަ، ފަޚުރުވެރި ސަގާފަތެއްގެ ގޮތުގައި ދަމަހައްޓާތީ ފެނެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދަނޑިޖަހާއިރު ބޭނުންކުރާ ހެދުމެވެ. ހުދު އަތްދިގު ގަމީހާއި ހުދު މުންޑާއި ބޮލަށްކޮށްޕިއެވެ. މިއީ ދަނޑިޖަހާ މީހުންނާއި ނަގާކިޔާ މީހުންނާއި ބެރުވެރިންނާއި ތާރަވެރިންގެ ހެދުމެވެ. މި ހެދުން ލައިގެން ބަޔަކު ދަނޑިޖަހާނަމަ އެއީ މަނަދޫ ދަނޑިކަން ގިނަ ބަޔަކަށް ފާހަގަކުރަން އެނގެއެވެ.
އަނެއް ކަމަކީ ލަވަތަކާއި ހަމަތަކެވެ. ކޮންމެ ދަނޑިއެއްގައި ވެސް ލަސްލަވައަކާއި އަވަސް ލަވައެއް އޮތުމެވެ. އެއީ ދިވެހިވަންތަ އަމިއްލަ ރާގުގެ ދިވެހި ލަވައެވެ. އެ ލަވަތަކުގެ ހަމަތައް ހިފަހައްޓަނީ ޖަހަމުންދާ ދަނޑީގެ އަޑާއި ނަގާކިޔާ މީހުންގެ ބެރާއި ތާރައިގެ އަޑުންނެވެ. އަވަސް ލަވައިގައި ފޯރި އިތުރުވަނީ ހަރަކާތްތައް އަވަސްވެފައި ހުޅުތަކުން ލަނބާލައި ކުޑަކޮށް ތިރިވެލާފައި ފަހެލިކަމާއެކު ލެނބޭ ލެނބުންތަކާއެކުގައެވެ. އަދި އެވަގުތު ވަށައިގެން ގުރުސް ޖަހަން ނިކުންނަ މީހާގެ ފާޑުވެރި ކަމުންނެވެ. ހަމައެއާއެކު އެ ވަގުތު "ފިނިފެން" ޖަހަން ނިކުންނަ އަންހެން ކުދިންގެ ނެށުމުގެ ފަރިކަމުންނެވެ. މި ފިނިފެނަނީ އައިސް ފެނެއް ނޫނެވެ. އަދި ރޯސްވޯޓަރ މިކިޔާ ފިނިފެނެއް ވެސް ނޫނެވެ. ހަގީގަތުގައި މިއީ ފިނިފެން އަތަރެވެ. ފިނިފެންމަލުން އުފައްދާފައި ހުންނަ އަތަރެކެވެ. އޭގެ ތިއްކެއް ކުޅިބަލާ މީހެއްގެ ގަތަށް ދިޔަޔަސް އެއީ މައްސަލައެއް ނޫނެވެ. އެހާ މީރުވަސް އެ އަތަރުގައި ހުންނާނެއެވެ. އެއީ ގިނައިރު އެވަހެއް ހުންނަ ލުއިލުއި މީރުވަހެކެވެ.
ދަނޑިޖެހުމުގެ ތެރޭގައި ބިލެތްދަފި ނެގުމަކީ ދަނޑިޖެހުމުގެ އެންމެ ފަހު ހަރަކާތެވެ. ބިލެތްދަފި ނެގުމަށް އެންމެން ވަށްވެ، ދަނޑި ޖަހަމުން ދާއިރު ކުޅިބަލާ މީހުންނަށް ބިލެތްދަފި ނަގާނީ ކާކުގެ ބޮލަކަށްކަމެއް ނޭނގޭނެއެވެ. އެ މީހަކު އެނގޭނީ ބޯ މަތީގައި ބިލެތްދަފި ބަހައްޓައި، ދަތްދޮޅިއާއެކު ބަނދެލައިގެން ހިންދެމިލައި ނަށަށް ފެށީމައެވެ. ބިލެތްދަތްޕަކީ އަތުން ނަގައިގެން ބޯމަތީގައި ހޫރަމުން އަނބުރަމުން ނަށާއެއްޗެއް ނޫނެވެ. އެއީ ބޯމަތީގައި ބަހައްޓައި ރަނގަޅަށް ބަނދެގެން އެ މީހަކު ނަށަމުންދާ، ބަނޑިތަކާއި ހަރަކާތްތައް އަވަސް ފަރި ނެށުމެކެވެ. ދަފި ނަގައިގެން އެދާގޮތަށް ދާނީ ދަނޑިޖަހަން ދަނޑިޖަހާ މީހުން ނިކުމެގެން މައިދާނަށް އަންނަ ގެއަށެވެ.
މިއީ ކުރީގައި މިކަން ކާބަފައިން ކުރި ގޮތެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކުގައި މަނަދޫ ދަނޑިޖެހުމުގެ ބައެއް ކަންކަން ކުރާގޮތަށް ބައެއް ބަދަލުތައް އައިސްފައި ވިޔަސް މަނަދޫ ދަނޑިއަކީ އޭގެ އަސްލު ދަމަހައްޓަމުން މަނަދޫ ރައްޔިތުން ދިރުވާއާލާކުރާ ސަގާފީ ކުޅިވަރެކެވެ. މީގެ ހެއްކަކަށް ބޮލަށްކޮށްޕި ފުދެއެވެ.
- ފޮޓޯއާއި ވީޑިއޯ މީސްމީޑިއާއިން
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން



advertisment