Support Us

ތުރްކީގެ ދެ ނޫސްވެރިއަކު ޖަރްމަނުން ހައްޔަރުކުރުމުގެ މަސްއަލައިގައި އެމެރިކާ ހަނުއޮތުމުން ފާޑުކިޔައިފި

ޖަރްމަނުގެ ފްރޭންކް ފޯޓްގައި ވަރަށް "ހަރުކަށި ގޮތަކަށް" ތުރްކީގެ ދެ ނޫސްވެރިޔަކު މި ދިޔަ ބުދަދުވަހު ހައްޔަރުކުރި މަސްއަލައިގައި ވޮޝިންގްޓަނުން ހަނުއޮތުމުން ތުރްކީގެ ރިޔާސީ އޮފީހުގެ މުވާޞަލާތާބެހޭ ދާއިރާގެ ވެރިޔާ ފަޚްރުއްދީން އަލްޠޫން ވޮޝިންގްޓަނާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ. ޖަރްމަނު ފުލުހުން މި ދެ ނޫސްވެރީން ހައްޔަރުކުރީ ތުރްކީގެ "ޔޫރަޕް ހެނދުނު" ނަމަކަށް ކިޔާ ނޫހުގެ އޮފީހަށް ވަދެއެވެ.  

ތުރްކީގެ މި މަސްއޫލުވެރިޔާ ވޮޝިންގްޓަނާ ދެކޮޅަށް ފާޑުވިދާޅުވީ  ވޮޝިންގްޓަނުގައި ހުންނަ ތުރްކީގެ "ޓީ އާރ ޓީ ވަރލްޑް" ޗެނެލްގެ ރިޕޯޓަރު އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނުގެ ނައިބާ އެކަމާ ބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބުދެއްވުމާ ދެކޮޅު ހެއްދެވުމުންނެވެ.

ޓުވިޓަރުގައި ލިޔުއްވި ކޮމެންޓެއްގައި އަލްޠޫން (ފޮޓޯގައި) ވިދާޅުވިއެވެ. "ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫސްވެރިކަމުގެ މަސައްކަތް ކުރަމުން ދިޔަ ދެ މީހަކު ހައްޔަރު ކުރުމުން އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނެ ހަނުހުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ." 

އޭނާ ވިދާޅުވިއެވެ. "ތުރްކީގައި ބޭރުގެ އެތައް ސަތޭކަ  ނޫސްވެރީންނެއް މިނިވަންކަމާއެކު މަސައްކަތް ކުރަމުންދާއިރުގައި ވެސް ތުރްކީއަށް ދަރުސްތައް އުނގަންނައިދޭން ބައެއް ޤައުމުތަކުން އޮންނަނީ ފުރްޞަތެއް ލިބޭތޯ ބަލަބަލައެވެ." އޭނާ ވިދާޅުވިގޮތުގައި "އެމީހުން މި ބުނާ ގިޔަމުތަކުގެ ޙަޤީޤަތް މިއަދު މިވަނީ ފަޅައިއަރައިފައެވެ." 

އޭނާ ވިދާޅުވި ގޮތުގައި ޖަރްމަނުގެ މި ޢަމަލަކީ ތުރްކީ ނޫސްވެރީން ބިރުގަންނުވާން ކުރި ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ތުރްކީގެ ރިޔާސީ އިންތިޚާބުގައި އެމީހުންގެ އަޢުވާނުންނަށް ވެރިކަން ލިބޭނެކަމަށް ދެކިގެން ހިންގި "މުޑުދާރު" ޢަމަލެކެވެ. މި ފަދަ ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ ތުރްކީ ހުޅަނގަށް ތަބާވާ ޤައުމަކަށް ވާނެކަމަށް އުންމީދުކޮށްގެންނެވެ. 

އަލްޠޫން ވިދާޅުވި ގޮތުގައި "ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނުގެ ޒަޢާމަތުގައި ތުރްކީ މިއަދު ވަނީ އެ ޤައުމުގެ ޚާޢްޞަ މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭވަރުގެ ބޮޑު ދައުލަތަކަށް ވެފައެވެ. ތުރްކީގެ ރައްޔިތުންނަށް ގޯނާކުރާ މީހުންނާ ދެކޮޅަށް އަހުރެމެން ވެސް ފިޔަވަޅު އަޅައިނަމެވެ."

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނުގެ ނައިބާ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ. "ތިޔަ މަސްއަލައާ ބެހޭ އެއްވެސް ތަފްޞީލެއް މަށަކަށް ނޭނގެއެވެ." އެހިނދު ތުރްކީގެ ރިޕޯޓަރު ބުންޏެވެ. "ނޫސްވެރިކަމުގެ މިނވަންކަމާ ބެހޭ ގިނަ ކަންތައްތަކުގެ ތަފްޞީލުތައް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ."

އެހިނދު އޭނާ ވިދާޅުވިއެވެ. "ތިބާގެ ސުވާލުގައި ތިޔަ ފާހަގަކުރި ކަންތައް އަހުރެން ބަލައެއް ނުގަންނާނަމެވެ. އަހުރެމެން މަޢުލޫމާތު ނެތް މަސްއަލައަކާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަމެވެ. ތިޔަކަމާ ބެހޭގޮތުން ޖަރްމަނު ސަލާމަތީޟބާރުތަކާ ތިބާ ސުވާލު ކުރާށެވެ!" 

ޖަރްމަނުން ހައްޔަރު ކުރި ތުރްކީގެ ދެ ނޫސްވެރީންނަކީ "ޔޫރަޕް ހެނދުނު" ނޫހުގައި މަސައްކަތް ކުރައްވާ އިސްމާޢީލް އުރާލާއި ޖަމީލް އަލްބާއި އެވެ. މި ދެ ނޫސްވެރީންގެ ގެއަށް ފުލުހުން ވަދެ އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު އެމީހުންގެ ލެޕްޓޮޕްތަކާއި މޯބައިލް ފޯނުތައް ގެންދިޔައެވެ. މި ދެ ނޫސްވެރީން ހައެއްކަ ގަޑިއިރަށް ބަންދުކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

މި މަސްއަލައާ ވިދިގެން ތުރްކީގައި ހުންނަވާ ޖަރްމަނު ސަފީރު ތުރްކީގެ ޚާރިޖިއްޔާއަށް ގެންދެވުނު.ކަމަށް ފްރާންސް ޕްރެސް ބުންޏެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *