އެމެރިކާއިން ތައިވާނާއެކު ހަތިޔާރުގެ ބޮޑެތި އެއްބަސްވުންތައް ހަދަމުންދާތީއާއި އެމެރިކާގެ ޢަސްކަރީ މުޝީރުން ތައިވާނަށް ފޮނުވާނެ ކަމަށް ވަޢުދުވަމުންދާތީ ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ. ޗައިނާގެ ސިފައިން ކަށަވަރުކޮށްދޭ ގޮތުގައި ޗައިނާ އޮތީ ތައިވާނުގެ އަމިއްލަ ޒާތީ ވެރިކަން ފުނޑައިލަން ތައްޔާރުވެގެންނެވެ.
ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ޓާން ކާ ވީގެ އިންޓަރނެޓް ޞަފްޙާގައި ވިދާޅުވިގޮތުގައި އެމެރިކާއާއި ތައިވާނުގެ ސިފައިންގެ މެދުގައި ބަދަލުކުރެވޭ ތަފާތު ޙަރަކާތްތައް އިތުރުވަމުންދާދިޔުމާމެދު ޗައިނާ ވަރަށް ކަންބޮޑުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ވަރަށް ކަތި ފިޔަވަޅެކެވެ. އެއީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ."
އޭނާ ވިދާޅުވިއެވެ. "ޗައިނާގެ ރައްޔިތުންގެ މިނިވަން ލަޝްކަރުން ޢަސްކަރީ ތަމުރީނުތައް ކުރިއަށް ގެންދާނެއެވެ. އަދި ކުރިމަތިލުންތަކަށް ތައްޔާރުވާނެއެވެ. ޗައިނާއިން ވަކިވެ މިނިވަންވުމަށް ތައިވާނުންކުރާ ކޮންމެ މަސައްކަތެއް ހަރުދަނާ ފިޔަވަޅުތަކުން ފުނޑުފުނޑުކޮށްލާނެއެވެ. މި މަސްއަލައާ ބޭރުގެ އެއްވެސް ފަރާތަކުން ބެހުމަކީ ޗައިނާ ބަލައިގަންނާނެ ކަމެއްނޫނެވެ. ޗައިނާއިން އެ ޤައުމުގެ ބިން ސަލާމަތް ކުރުމަށާއި ވަޠަނީ ސިޔާދަތު ދިފާޢު ކުރާނެއެވެ."
ޗައިނާގެ މި މަސްއޫލުވެރިޔާ މި ގޮތަށް ކޮމެންޓް ކުރެއްވި ބޭރުގެ ރިޕޯޓަރަކު އެމެރިކާގެ ރައީސް ޖޯ ބައިޑްން ތައިވާނަށް 500 މިލިއަން ޑޮލަރު ހަތިޔާރު ވިއްކަވަން ތައްޔާރުވެވަޑައިގަންނަވަން އުޅުއްވާތީ އެކަމާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދި ރައީސް ބައިޑްން ތައިވާނުގެ ސިފައިންނަށް ތަމްރީނު ދިނުމަށް ޓަކައި އެމެރިކާއިން 100 ތަޖްރިބާކާރުން ފޮނުއްވާނެކަމަށް އޭނާ ވިދާޅުވެފައިވާތީއެވެ.
ތައިވާނަށް އެހީވެ ޙިމާޔަތްދިނުމުގެ މަސްއަލައިގައި އެމެރިކާގެ ކޮންގްރެސްގެ ދެ ޕާޓީގެ މެންބަރުން ވެސް މި ކަމަށް ތާއީދު ކުރައްވައެވެ. އެމެރިކާގެ ކޮންގްރެސް އިން ވަނީ ތައިވާނަށް 19 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރައީސް ބައިޑްނަށް ދަންނަވައިފައެވެ.



advertisment