ތުރްކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރަޖަބު ޠައްޔިބު އުރްދުޣާން ކުރިހޯއްދަވައިފައިވާ ކަމަށް އިންތިޚާބުގެ ނަތީޖާތަކުގެ 99% ދެއްކި ކަމުގައި ވިޔަސް، އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންފުޅުވާ 50% ލިބިވަޑައިނުގަތުމުގެ ސަބަބުން، ތުރްކީގައި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކާ ދިމާއަށް މިސްރާބުޖަހައިފިއެވެ.
ތުރްކީގައި 2003 ވަނަ އަހަރަށްފަހު ބޭއްވި ހުރިހާ އިންތިޚާބުތަކެއް ރައީސް އުރްދުޣާން ވަނީ ކާމިޔާބުކުރައްވައިފައެވެ. މިއީ ތުރްކީގައި ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާންޖެހުނު ފުރަތަމަ ފަހަރެވެ.
ރައީސް އުރްދުޣާން ވިދާޅުވި ގޮތުގައި "ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ޚިދްމަތްކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބޭނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ."
ތުރްކީގައި ބޭއްވުނު ރިޔާސީ އިންތޚާބުގައި މިހާތަނަށް ގުނައިފައިވާ 99% އަށް ބަލާއިރު އުރްދުޣާންގެ ކޯލިޝަނަށް ބަރްލަމާނުގައި ވަނީ ފުރިހަމަ އަޣްލަބިއްތު ލިބިފައެވެ. އުރްދުޣާންގެ ކެބިނެޓް ވަޒީރުންގެތެރެއިން 26 ވަޒީރަކަށް އެބޭފުޅުންގެ ބަރްލަމާނީ ގޮނޑި ވަނީ ލިބިވަޑައިގަތްފައެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް އުރްދުޣާންގެ ޖުމްހޫރީ ކޯލިޝަނަށް ލިބިފައިވަނީ 49.42% އެވެ. އިދިކޮޅު ޒަޢީމު ކްލެޖްދާރު އުޣުލޫގެ ކޯލިޝަނަށް ލިބިފައިވަނީ 44.95% ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ސިނާން އޫޣާންގެ ކޯލިޝަނަށެވެ. މި ކޯލިޝަނަށް 5.2% ވޯޓު ލިބިފައި ވެއެވެ.
ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވޭނީ 28 މޭގައެވެ. އިދިކޮޅު ޒަޢީމު ކްލެޖްދާރު އޫޣުލޫ ދަޢުވާ ކުރައްވާގޮތުގައި ފެންނަނުފެންނަ ވޯޓުތައް ދައްކައިފައިވާ ގޮތުގައި އޭނާ ވަނީ އުރްދުޣާނަށް ވެސް ކުރީގައެވެ. އޭނާ ވިދާޅުވާގޮތުގައި ދެވަނަ ބުރުގައި އޭނާއަށް ނަޞްރު ލިބޭނެއެވެ. އަދިއުރްދުޣާން ބަލިކުރެއްވޭނެއެވެ.
ތުރްކީގެ އިންތިޚާބާ ބެހޭ އެންމެ މަތީ އިދާރާ ބުނާގޮތުގައި މި ފަހަރުގެ އިންތިޚާބުގައި 90% އަށްވުރެ ގިނަމީހުން ވޯޓުލައިފައި ވެއެވެ.
ޖުމްލަ 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރްކީ ވަނީ އުރްދުޣާންގެ ވެރިކަމުގައި ދުނިޔޭގެ ޢަސްކަރީ މައިދާނާއި ޖިޔޯސިޔާސީ މައިދާނުގައި ބުރަދަންތަކެއް ޙާޞިލްކޮށްފައެވެ. އަދި ތުރްކީއަކީ ނޭޓޯގެ މެންބަރެކެވެ. އޭނާގެ ވެރިކަމުގައި ތުރްކީ ވަނީ ޞިނާޢާތާއި ހަކަތައިގެ މައިދާނު ވެސް ކުރިއެރުންތަކެއް ހޯދައިފައިވާ ޤައުމެކެވެ. އުރްދުޣާންގެ ޢަދާލަތާއި ތަރައްޤީ ޕާޓީއަކީ އިސްލާމީ އުޞޫލުތަކަށް ތަބާވާ ޤައުމަކަށް ތުރްކީ ބަދަލުކުރުމަށް މަސައްކަތް ކުރާ ޕާޓީއެކެވެ. އިދިކޮޅު ކްލެޖްދާރު އޫޣުލޫގެ ރައްޔިތުންގެ ޕާޓީއަކީ އަތާތޫރްކުގެ ޢަލްމާނީ (ސެކިޔުލަރ) އުޞޫލުތައް ތުރްކީގައި ދެމެހެއްޓުމަށް މަސައްކަތް ކުރާ ޕާޓީއެކެވެ.



advertisment