ބާރަ އަހަރަށްފަހު ސޫރިޔާ އަނެއްކާވެސް ޢަރަބިލީގުގެ ޙަރަކާތްތަކުގައި ބައިވެރިވާން ފަށައިފިއެވެ.
މި މަހު 19ގައި ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ސަމިޓަށް ތައްޔާރުކުރުމަށް ޓަކައި ބޭއްވޭ އިޤްތިޞާދާއި އިޖްތިމާޢީ މަޖިލީހުގެ ބައްދަލުވުމުގައި ސޫރިޔާގެ ވަފްދެއް މިއަދު ބައިވެރިވިއެވެ.
ސޫރިޔާގެ ޓީވީ ބުނިގޮތުގައި ޖިއްދާގައި މިއަދު ބޭއްވެމުންދާ ސަމިޓަށް ތައްޔާރުކުރުމުގެ ބައްދަލުވުންތަކުގައި ސޫރިޔާގެ ވަފްދު ބައިވެރިވަމުން އެބަދެއެވެ. މި ވަފްދުގައި ހިމެނެނީ ސޫރިޔާގެ އިޤްތިޞާދާއި ބޭރާބެހޭ ވިޔަފާރީގެ ވުޒާރާގެ ވަޒީރުގެ އެހީތެރިޔާ ރާނިޔާ އަޙަމަދާއި ޢަރަބި ޤައުމުތަކުގެ ގުޅުންތަކާ ބެހޭ އިދާރާގެ ޑިރެކްޓަރ ރިޔާޟު ޢައްބާސާއި ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ އިދާރާގެ ޑިރެކްޓަރ އަނަސުލް ބިޤާޢީއާއި ޚާރިޖީ ވަޒީރުގެ އޮފީހުގެ މުޝީރު އިޙްސާން ރުއްމާނެވެ.
ޢަރަބި އިޤްތިޞާދީ އަދި އިޖްތިމާޢީ މަޖިލީހުގެ ވަޒީރުންގެ ބައްދަލުވުމުގައި ސޫރިޔާގެ ވަފްދުގެ ރައީސަކަށް ހުންނަވާނީ ބޭރުގެ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސާމިރުކަމަށް ސޫރިޔާއިން ބުންޏެވެ. ވަޒީރުންގެ ބައްދަލުވުން ފެށޭނީ މަދަމާއެވެ.
ޢަރަބި ސަމިޓްގެ އެޖެންޑާއާއި ޤަރާރުތައް ޢިބާރާތްކުރައްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތައް ފެށޭނީ މިއަންނަ ބުދަ ދުވަހުއެވެ.
ޢަރަބިލީގްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމަކީ ޖަޒާއިރެވެ. ޖަޒާއިރުގެ ޚާރިޖީވަޒީރު އަޙްމަދު ޢައްޠާފު މިއަދު ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދާ ގުޅުއްވާ ސަމިޓްގެ އެޖެންޑާއާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ސަމިޓް ބޭއްވޭނީ ޖިއްދާގައި މި އަންނަ ހުކުރުދުވަހުއެވެ.
ދެ ޙަރަންފުޅު ޚާދިމު ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒު ވަނީ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ބައްޝާރުލް އަސަދަށް ފޮނުއްވައިފައެވެ.
މި ދިޔަ އާދީއްތަދުވަހު ޢަރަބިލީގުގެ ޚާރިޖީ ވަޒީރުން ޤާހިރާގައި ބޭއްވެވި ބައްދަލުވުމުގައި ވަނީ ސޫރިޔާއަށް އެ ޤައުމުގެ މެންބަރުކަން އަލުން ދެއްވައި ސޫރިޔާ ޢަރަބިލީގަށް އަލުން ވައްދައިފައެވެ.



advertisment