ކެނެޑާގެ ބަރްލަމާނީ މެންބަރެއް ކަމުގައިވާ މައިކަލް ޗޮންގަށް ޗައިނާއިން ބިރުދައްކަމުންދާ ކަމަށް ކެނެޑާގައި ހުންނަވާ ޗައިނާގެ ސަފީރު ކެނެޑާގެ ޚާރިޖިއްޔާއަށް ގެންގޮސް ތުހްމަތުކުރުމުން ބޭޖިންގުން އެކަން ކުށްވެރިކޮށް އެއީ ރޯމަރު ބުހުތާން ދޮގެއް ކަމަށާއި އެއީ ޗައިނާ ފަޟީޙަތްކުރުމަށް ކުރި ކަމެއް ކަމަށް ބުނެފިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން މައޮ ނިންގް ނޫސްވެރީންނަށް ވިދާޅުވިއެވެ. "ކެނެޑާގައި ހުންނަ ޗައިނާގެ އެންބެސީއާއި ކޮންސަލްތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާބެހޭގޮތުން ކެނެޑާއިން މި ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ."
ކެނެޑާގެ މި ޢަމަލާމެދު ބޭޖިންގ ނުރުހޭ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކެނެޑާގައި ހުންނަވާ ޗައިނާ ސަފީރު އެއީ ބޭޖިންގް އެކަމާ ދެކޮޅުހަދާ ކަމެއް ކަމަށާއި އިޙްތިޖާޖު ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ކެނެޑާގެ ގްލޯބަލް އެންޑް މޭލް ދުވަހު ނޫސް ބުނާގޮތުގައި ކެނެޑާގެ ކަންތައްތަކާ ޗައިނާއިން ބެހެމުންދާކަން ކެނެޑާއިން ފާހަގަ ކުރެއެވެ.
ކެނެޑާގެ ކޮންޒަރވެޓީވް ޕާޓީގެ ބަރްލަމާނު މެންބަރު މައިކަލް ޗޮންގް (ފޮޓޯގައި) އުޅުއްވަނީ ހޮންގް ކޮންގްގައެވެ. ޗައިނާ ސަރުކާރާ ދެކޮޅަށް އޭނާ ފާޑުވިދާޅުވަމުންގެންދަވާތީ ޗައިނާ ސަރުކާރުން އޭނާއަށް ފިއްތުންތައް ފިއްތާ ކަމަށް ކެނެޑާއިން ބުނެއެވެ. އީގޯރުންނާމެދު ޗައިނާ ސަރުކާރުން މުޢާމަލާތު ކުރާގޮތް ކުށްވެރިކޮށް އެއީ "ނަސްލު ނައްތައިލުން" ކަމަށް ބުނާ ޤާނޫނެއް ފާސްކުރުމަށް 2021ގައި ކެނެޑާ ބަރްލަމާނުގައި ނެގި ވޯޓުގައި ޗޮންގް ވަނީ މި ޤާނޫނަށް ތާއީދުކުރައްވައިފައެވެ.



advertisment