Support Us

ޕޫޓިން ޝަރީއަތަށް ހުށައެޅުމަށް ޚާއްޞަ ކޯޓެއް އުފެއްދުމަށް ޒިލެންސްކީ ގޮވައިލައްވައިފި

ރޫސީ ރައީސް ވްލެޑްމީރު ޕޫޓިންގެ "ހަނގުރާމައިގެ ޖަރީމާތައް" ބެލުމަށް ޓަކައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ގުޅުން ނެތް ޚާއްޞަ ކޯޓެއް އުފެއްދުމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ އެދިވަޑައިގަތްފިއެވެ.

މި ކަމަށް އޭނާ އެދިވަޑައިގަތީ ހޭގްގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ހުސްވި މާރިޗު މަހު ބައިނަލް އަޤްވާމީ ކޯޓުން ވަނީ ރައީސް ޕޫޓިން ހައްޔަރުކޮށް ކޯޓަށް ޙާޒިރުކުރުމަށް އަމުރެއް ނެރެފައެވެ.

ޒިލެންސްކީ މި ކޯޓުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޢަދްލުއިންސާފުގެ ފުރިހަމަ ބާރު ޢުދްވާނީ ޙަމަލާތައް ދޭ ފަރާތަށް އިޙްސާސް ކުރެވެން ޖެހޭނެއެވެ. މިއީ އަޅުގަނޑުމެންގެ ތާރީޚީ މަސްއޫލިއްޔަތެކެވެ."

ޒިލެންސްކީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޢުދްވާނީ ޖަރީމާއަށް ރައްދުދިނުމުގެ ބާރު ލިބިގެންވާ ހަމައެކަނި މުއައްސަސާއަކީ ކޯޓެވެ. މަސްއަލަ ނިމިއްޖެކަމަށް ސިޔާސީ ބޭފުޅުންނަށް ވިދާޅުވެވޭނެ މެދުމިން ޙައްލެއް ނޯންނާނެއެވެ. އެހެނަސް އެކަން ކުރެވޭނީ ޙަޤީޤީ ކޯޓަކަށެވެ. ފުރިހަމަ ބާރުލިބިގެންވާ ކޯޓަކަށެވެ. ނަޒާހަތްތެރި ކޯޓަކަށެވެ."

ބައިނަލް އަޤްވާމީ ޖިނާއީ ކޯޓުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒިލެންސްކީ ވިދާޅުވިގޮތުގައި މި ހުސްވި މަހު އެކަނިވެސް ރަޝިޔާއިން ހަނގުރާމައިގެ 6,100 ޖަރީމާތައް ހިންގައިފައިވެއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ޙަޤީޤީ ސަލާމެކެވެ."

އޭނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ސަލާމެއް ޤާއިމުކުރެވޭނީ ގިޔަމާއި ޤާނޫނުގެ ބާރުންނެވެ. ޢުޤޫބާތުން ފިލައިގެނެއް ނޫނެވެ.

އދ ބުނާގޮތުގައި "ޢުދްވާނީ ޢަމަލު" އަކީ ދައުލަތެއްގެ ޢަސްކަރީ ބާރުން އެހެން ދައުލަތެއްގެ ބިމަކަށް ޙަމަލާދިނުމެވެ. ނުވަތަ ބިން ހިފުމެވެ. ޖިނާއީ ކޯޓަށް ބަލާއިރު އެ ކޯޓުގެ އިޚްތިޞާޞުގެތެރޭގައި ޒިލެންސްކީ އެ ވިދާޅުވާފަދަ ޢުދްވާނީ ޖަރީމާތައް ބެލުމެއް ނުހިމެނެއެވެ.

ޔޫރަޕްގެ ކަމިޝަނުން ޔުކްރޭން ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް މިނިވަން ކޯޓެއް އުފެއްދުމުގެ ޚިޔާލަށް ތާއީދު ކުރެއެވެ. މި ކޯޓުގެ ވެސް މައިމަރްކަޒު ބަހައްޓާނީ ހޭގުގައި ކަމަށް ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *