ރަޝިޔާއިން އެ ޤައުމުގެ ބިމަށް އިތުރުކޮށްފައިވާ ކްރިމިޔާ ސަރަޙައްދުގެ އެކި ތަންތަނުގައި ނިރުބަވެރި ޙަމަލާތައް ދިނުމަށް ޔުކްރޭނުގެ ޖާސޫސީ އިދާރާއިން ރޭވި ރޭވުންތަކެއް ނާކާމިޔާބުކޮށްލައިފި ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ ބާރުތަކުން ބުނެފިއެވެ.
ރަޝިޔާގެ މަރްކަޒީ ސަލާމަތީ ބާރުތަކާ ޙަވާލާދީ ޓާސް ބުނާގޮތުގައި ރަޝިޔާގެ ސަލާމަތީ ބާރުތަކުން ޔުކްރޭންގެ ހަތް އޭޖެންޓަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ކްރެމިޔާތެރެއިންނެވެ. މި މީހުން ހައްޔަރުކުރީ "ނިރުބަވެރި ޙަމަލާތަކެއް ދިނުމަށާއި ކްރިމިޔާގެ ބައެއް އިސްވާރުން އަވަހާރަކޮށްލުމަށް ތައްޔާރުވަމުން ދަނިކޮށްނެވެ. އަވަހާރަކޮށްލަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ކްރިމިޔާގެ ގަވަރުނަރު ސަރްގީ އެކްސްޕޮނޯވް ވެއެވެ."
ހައްޔަރުކުރި ހަތާގައި ހިމެނެނީ ރޫސީންނާއި ޔުކްރޭނުންނާއި ބުލްގޭރިޔާގެ ބައެއް ކަމަށް ޖަޒީރާއިން ބުންޏެވެ. މި މީހުން އަތުން ގޮވާއެއްޗެއްސާއި ބަޑިއާއި ކަރަންޓް ޝޮކް ހަތިޔާރާއި ދާދިވަރުކޮށް ކޮންޓްރޯލްކުރާ އާލަތްތަކާއި ފަސްފަހަތުން ގޮސް ޙަމަލާދޭ ބާވަތުގެ އާލަތްތައް ފެނުނުކަމަށް ރަޝިޔާގެ ސަލާމަތީ ބާރުތައް ބުންޏެވެ.
ރަޝިޔާގެ މަރްކަޒީ ސަލާމަތީ ބާރުތައް ބުނާގޮތުގައި ޔުކްރޭންގެ ނިރުބަވެރި މި ހަތާގެ އިސްވާރަކަށް ހުރީ ޔުކްރޭންގެ ދިފާޢީ ވުޒާރާގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއެއް ކަމުގައިވާ ކެރެލް ބޮޑަނޯވެވެ.
ރިޔާ ނޮވޮސްޓީ ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭންގެ ޖާސޫސީ އިދާރާއިން ގޮވާ ތަކެތި ކްރިމިޔާ ސަރަޙައްދަށް ވެއްދުމަށް ޓަކައި ބުލްގޭރިޔާ ތެރެއިން ވަނީ ޗެނެލެއް ހުޅުވައިފައެވެ. މި ތަކެތި ކްރިމިޔާއަށް ވައްދައިފައި ވަނީ މި ޗެނެލުން ލައިފާ ތުރްކީ މަގުންނާއި ޖޯރޖިޔާ މަގުންނެވެ.
8 ފައުޖު
އަނެއްކޮޅުން ޔުކްރޭންގެ ދާޚިލީ ވަޒީރު ޔުކްރޭންގެ އިންޓަރފެކްސް ނޫސް އޭޖެންސީއަށް މިއަދު ހާމަކުރެއްވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ދޭން ތައްޔާރުކުރެވޭ ޙަމަލާއަށް ޓަކައި ސިފައިންގެ އަށް ފައުޖު ތައްޔާރުކުރެވިއްޖެއެވެ. އެއީ ޖުމްލަ 40 ހާސް ސިފައިންނެވެ. މި ޙަމަލާގައި ރަޝިޔާގެ އެތައް އަމާޒުތަކަކަށް ޙަމަލާދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކަނޑައެޅި ރޭވިފައިވާ ޙަމަލާތައް ފެށުމަށް ޓަކައި ދެތިން ހަފުތާގެ ވަގުތުކޮޅަކަށް ބޭނުންވާނެއެވެ. ކިޔީވް ބުނާގޮތުގައި އިދިކޮޅު ޙަމަލާ ފެށޭނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެވުމުންނެވެ.
ނޫސް އޭޖެންސީތައް ބުނާގޮތުގައި ހެދިހަނދު ފޮޓޯތައް ދައްކާގޮތުގައި ޔުކްރޭން ދޭން އުޅޭ ޙަމަލާތަކަށް ރަޝިޔާއިން ދަނީ ތައްޔާރުވަމުންނެވެ. ރަޝިޔާއިން ވަނީ ދިފާޢީ ދަފަރާތައް ވަރުގަދަކޮށްފައެވެ. ދިފާޢީ ދަފަރާތައް ވަރުގަދަކޮށްފައި ވަނީ ރަޝިޔާގެ ހުޅަނގު ފަރާތުންނާއި އިރުމަތީ ޔުކްރޭނާ ވީ ފަރާތުންނެވެ. މި ދަފާރާތައް އިރުމަތީ ޔުކްރޭނުން ފެށިގެން ކްރިމިޔާ ސަރަޙައްދާ ހަމައަށް ކޮޅުންކޮޅަށް ދަމައިލައިފާ ކަމަށް ހެދިހަނދުގެ ފޮޓޯތައް ދައްކައެވެ.



advertisment