ޔަހޫދީ ވަޒަންވެރީންގެ ތެރެއިން ހައްދުފަހަނަޅައިފައިވާ އެތައް ބަޔަކު މިއަދު ހެނދުނު އަޤްޞާ މިސްކިތަށް އަނެއްކާވެސް ވަދެގަންފިއެވެ. މިބައިމީހުން ބަރަކާތްތެރި އަޤްޞާ މިސްކިތަށް ވަނީ އިސްރާއީލުގެ ފުލުހުންގެ ޙިމާޔަތާއެކު އެ މިސްކިތުގެ މަޣާރިބާ ދޮރުކޮޅުންނެވެ.
ޤުދްސުގެ އައުޤާފާ ބެހޭ އިދާރާއިން ނެރުނު ނޫސް ބަޔާނެއް ބުނާގޮތުގައި ހައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ބަޔަކު އަޤްޞާ މިސްކިތަށް މިއަދު ވަނީ ހަރުކަށި ޔަހޫދާ ގްލެކްގެ އިސްވާރުކަމުގައެވެ. އެމީހުން މި ބަރަކާތްތެރި މިސްކިތްތެރޭގައި މައްލަވަކުރުމުގެ ހިނގައިލުންތައް މިސްކިތުގެ އިރުމަތީ ބައިގައި ބާއްވަމުން ތަލްމޫދީ އަޅުކަންތައް ބޭއްވިއެވެ.
ފަލަސްޠީނު ނޫސް އޭޖެންސީ ފެތުރި ޚަބަރުތައް ބުނާގޮތުގައި ޔަހޫދީންތައް މި މިސްކިތުގެ ޙުރްމަތް ކަނޑަމުން ދިޔައިރު އިސްރާއީލު ފުލުހުން ވަނީ ފަލަސްޠީނު މީހުންނަށް މި މިސްކިތަށް ވަނުން މަނާކޮށްފައެވެ. ޔަހޫދީންގެ މި ޖެއްސުންކުރުންތައް ނާކާމިޔާބުކޮށްލުމަށް ޓަކައި ފަލަސްޠީނު މީހުން މިސްކިތަށް އަވަހަށް ގޮސް ފުރައިލުމަށް ގޮވައިލިއެވެ.
އަނެއްކޮޅުން ޚަލީލު ސަހަރު އާރާސްތުކުރުމުގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީގެ ރައީސް ޢިމާދު ޙަމްދާން ވިދާޅުވާގޮތުގައި އިސްރާއީލުން ދަނީ މި ސަހަރުގެ 70 ޢިމާރާތަކަށް ވެރިވެގަތުމަށް ރާވަމުންނެވެ. މިއީ ޚަލީލު ސަހަރުގެ މެދުތެރޭގައި ހުރި ޢިމާރާތްތަކެކެވެ.އިސްރާއީލުން ރާވައިފައިވަނީ މި ތަންތާނގައި ޔަހޫދީން ވަޒަންވެރިކުރުވުމަށެވެ. އިސްރާއީލު ބުނާގޮތުގައި 1948ގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ފަލަސްޠީނުން ފައިބައިފައިވާ ފަލަސްޠީނު މީހުންގެ ބިންތަކާއި މިލްކިއްޔާތުތައް ވާނީ އިސްރާއީލުގެ މިލްކިއްޔާތަކަށެވެ.



advertisment