Support Us

ޢިރާޤުގައި އެމެރިކާގެ ވުޖޫދެއް ނުބޭއްވުމަށް އީރާނުން ގޮވައިލައިފި

ޢިރާޤުގެ ރައީސް ޢަބްދުއްލަޠީފު ރަޝީދު އީރާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި އިއްޔެ އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނައީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގެ ތެރޭގައ ޢިރާޤުގައި އޮތް އެމެރިކާގެ ވުޖޫދު ފުހެލުމަށް ޚާމަނައީ އެދިވަޑައިގެންނެވި ކަމަށް ޖަޒީރާއިން ބުންޏެވެ.

ޚާމަނައީ ވިދާޅުވިގޮތުގައި ގަލްފު ސަރަޙައްދުގައި އަމްނާއި އަމާންކަން ގެއްލިގެން ގޮސްފައިވަނީ އެމެރިކާއިން އެ ސަރަޙައްދުގެ ކަންތައްތަކާ ޢަސްކަރީގޮތުން ބެހޭތީއެވެ. މިހެންވެ އެމެރިކާއަށް ޢިރާޤުގައި ޢަސްކަރީ ވުޖޫދެއް ނުދިނުމަށް އޭނާ ޢިރާޤުގެ ރައީސަށް ގޮވައިލެއްވިއެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީތައް ޚާމަނައީއާ ޙަވާލާދީ ބުނިގޮތުގައި ޚާމަނައީ ވިދާޅުވިއެވެ. "އެމެރިކާއަކީ ޢިރާޤުގެ ރަޙްމަތްތެރިއެއް ނޫނެވެ. އެއީ އެއްވެސް ބައެއްގެ ރަޙްމަތްރިއެއް ނޫނެވެ. ޔޫރަޕްގެ ރަޙްމަތްތެރީންނަށް ވެސް އެމެރިކާ އިޚްލާޞްތެރިއެއް ނޫނެވެ."

އީރާން – ޢިރާޤު ގުޅުންތައް ބަދަހިކުރެއްވުމަށް ޓަކައި ބޮޑު ވަފްދަކާއެކު އީރާނަށް ވަޑައިގެން އުޅުއްވާ ޢިރާޤުގެ ރައީސް ރަޝީދަށް ޚާމަނައީ ވިދާޅުވިއެވެ. "އެމެރިކާގެ އެންމެ މީހަކު ވިޔަސް ޢިރާޤުގައި ހުރުމަކީ ވަރަށް ބޮޑު ކަމެކެވެ."

މި ވަގުތު ޢިރާޤުގައި އެމެރިކާގެ 2500 ސިފައިން އެބަ ތިއްބެވެ. އެއީ ޢިރާޤު ސަރުކާރަށް ސަލާމަތީ ކަންކަމުގައި މަޝްވަރާދިނުމަށާއި ދާޢިޝާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައެވެ. 2014 ން ފެށިގެން ދާޢިޝް ޖަމާޢަތުން ވަނީ ޢިރާޤުގެ ބައެއް ބިންތަކަށް ވެރިވެގަންފައެވެ.

ރަޝީދުގެ މި ދަތުރުފުޅަކީ 2022ގައި އިންތިޚާބުވެ ވަޑައިގަންފަހުން އީރާނަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އޭނާގެ މި ދަތުރުފުޅުގެ މަޤްޞަދުތަކުގެތެރޭގައި ގުޅުން ބަދަހިކުރުމާއި އެ ދެ ޤައުމުގެ ދެމެދުގައި ހުރި ބައެއް މަސްއަލަތައް ޙައްލުކުރުމާ ބެހޭގޮތުން ބަހުސްކުރެއްވުން ހިމެނެއެވެ.

ޚަމަނައީއާ ބައްދަލު ކުރެއްވުމުގެ ކުރިން ރައީސް ރަޝީދު އީރާނުގެ ރައީސް އިބްރާހީމު ރައީސީއާ ބައްދަލު ކުރެއްވިއެވެ. އީރާން ނޫސް އޭޖެންސީތައް ބުނާގޮތުގައި ޢިރާޤުން އީރާނަށް އަދާކުރަންޖެހޭ ދަރަނީގެ މަސްއަލައާއި އީރާނުން ޢިރާޤު ގަންނަ ކަރަންޓު ބިލްތައް އަދާކުރުމުގެ މަސްއަލައާމެދު ދެ ރައީސުން ބަހުސްކުރެއްވިއެވެ.

ދެ ރައީސުން ބޭއްވެވި ނޫސް ބައްދަލުވުމުގައި ރައީސީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެ ސަރަޙައްދުގައި އެމެރިކާގެ ޢަސްކަރީ ވުޖޫދެއް އޮތުމަކީ ޠަހަރާނުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އެ ސަރަޙައްދުގެ އަމްނު ވަރުގަދަ ކުރެވޭނީ އެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށްނެވެ.

ރައީސީ ވިދާޅުވިއެވެ. "ޢިރާޤުގެ އަމްނަށް ލޮޅުން އަރުވަން ކުރެވޭ ކޮންމެ މަސައްކަތަކީ އީރާނުގެ އަމްނަށް ލޮޅުންއަރާނެ ކަމެކެވެ."

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރަޝީދު ވިދާޅުވިއެވެ. "ޢިރާޤު- އީރާން ގުޅުމަކީ ސާބިތު ހަރުދަނާ ގުޅުމެކެވެ. މި ގުޅުމަށް ބަދަލެއް ނުގެނެވޭނެއެވެ." ރައީސް ރަޝީދުގެ ވާހަކަފުޅުގައި ސުޢޫދީ އީރާން ގުޅުންތައް ރަނގަޅުވަމުން އަންނާތީ އެކަމަށް ތަހްނިޔާ ވިދާޅުވިއެވެ.

ރަޝީދުގެ ވާހަކަފުޅުގައި "ޢިރާޤަށް ލިބެން ޖެހޭ ފެނުގެ ޙިއްޞާއަށް ރިޢާޔަތް ކުރަން ޖެހޭނެ" ކަމަށް ވިދާޅުވިއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފަހަކަށް އައިސް ޢިރާޤަށް ވާރޭ ވެހޭ މިންވަރު ވަނީ މަދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *