ސޫދާނުގެ ޢަސްކަރީ ރަސްމީ ބާރާއި ވާދަވެރި ފެތުރިގަތުން އަވަސް ބާރުތައް ވެސް އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމަށް އެދޭ ކަމަށް އދ އިން ސޫދާނަށް ކަނޑައަޅައިފައިވާ މަންދޫބު ވޮލްކަރ ޕަރތިސް ވިދާޅުވެއްޖެއެވެ.
އޭނާ ޚުރްޠޫމުގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވި ގޮތުގައި މީގެ ދެ ހަފުތާ ކުރިން ސޫދާނުގައި ފެށިގެން ކުރިއަށްދާ ހަނގުރާމަ ކުރިއަށް ގެންދިޔުމަށް އެއިން އެއްވެސް ފަރާތަކުން ނޭދެއެވެ. މިހާތަނަށް ހަގުރާމަ ހުއްޓުމަށް އެއްބަސްވެވުނު އެއްބަސްވުންތައް ވަނީ ނާކާމިޔާބު ވެފައެވެ.
ސޫދާނުގެ ޢަސްކަރިއްޔާއިން އެ ބާރުތަކުގެ ފޭސްބުކުގައި ޝާއިޢުކޮށްފައިވާ ކުރު ބަޔާނެއް ބުނާގޮތުގައި ވެރިކަމަށް ވެރިވެގަތުމަށް މަސައްކަތްކުރާ އެއްވެސް ޕާޓީއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ކިޔާނަކަށް އެ ކަން ކުރުމަށް ޢަސްކަރިއްޔާއިން ދޫކޮށެއް ނުލާނެއެވެ. ޢަސްކަރިއްޔާއިން ކަށަވެތިވެފައިވަނީ ޤައުމުގައި މަދަނީ ވެރިކަމެއް ޤާއިމުކުރުމަށް ޓަކައި ސިޔާސީ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ.
ސޫދާނަށް ކަނޑައަޅައިފައިވާ އދގެ މަންދޫބާ ޙަވާލާދީ ރޮއެޓަރޒް ބުނިގޮތުގައި ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ބޭއްވުމަށް ޓަކައި ދެ ފަރާތުން ވަނީ މަންދޫބުން ޢައްޔަންކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ވާހަކަދެއްކުންތައް ބޭއްވޭނީ ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައެވެ. ނުވަތަ ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާ ގައެވެ. އޭނާ މިކަމާ ބެހޭ ގޮތުން އެއްވެސް އެޖެންޑާއެއް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވިގޮތުގައި ސުވާލަކީ ދެ ފަރާތުގެ މަންދޫބުންނަށް ވާހަކަތައް ބޭއްވެވުމަށް ޓަކައި އެ ތަންތަނަށް ވަޑައިގެންނެވިދާނެ ބާވައެވެ؟
ދާރިސުން ވިދާޅުވާ ގޮތުގައި ސިފައިންގެ ވެރިޔާ ބުރްހާނާ ފެތުރިގަތުން އަވަސް ބާރުތަކުގެ ވެރިޔާ ޙަމީދަތީއާ ދެމެދުގައި ސީދާ ވާހަކަދެއްކުންތައް ބޭއްވިދާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.
ސިފައިންގެ ވެރިޔާ ބުރްހާން އިއްޔެ ވިދާޅުވިގޮތުގައި ޙަމީދަތީއަކީ ބާޣީއެކެވެ. އޭނާ ޙަމީދަތީއާއެކު އެއްމޭޒެއް ދޮށަށް ދުވަހަކު ވެސް ވަޑައެއް ނުގަންނަވާނެކަމަށް ވިދާޅުވިއެވެ. ޙަމީދަތީ ވިދާޅުވާ ގޮތުގައި އޭނާ ވާހަކަދެއްކުންތައް ފަށްޓަވާނީ ސިފައިން ހަނގުރާމަ ހުއްޓައިލީމައެވެ.
ވޭތުވެދިޔަ ފަނަރަވަރަކަށް ދުވަހުގެތެރޭގައި ސޫދާނުގައި ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމުވެފައެވެ.
އދގެ މަންދޫބު ޕަރތިސް ސަލާމަތީ މަޖިލީހުގައި ވިދާޅުވިގޮތުގައި ސޫދާނުގައި ހަނގުރާމަކުރަމުންދާ ވާދަވެރި ދެ ފަރާތް ދެކޭގޮތުގައި އެއިން ކޮންމެ ބަޔަކަށް ވެސް އަނެއް ބަޔަކު ބަލިކޮށް ނަޞްރު ހޯދިދާނެއެވެ.
ޕަރތިސް ވިދާޅުވާ ގޮތުގައި ކޮންމެ ފަރާތަކުން ވެސް އަނެއް ފަރާތަށް ގޮވައިލަމުންދަނީ "އމާންދިނުމަށެވެ. ނުވަތަ މަރުވުމަށެވެ."
ސިފައިން ބުނާގޮތުގައި ސޫދާނުގެ މުހިއްމު ތަންތަން އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ. ޢާންމު ރައްޔިތުން ބުނާގޮތުގައި ވެރިރަށް ޚުރްޠޫމުގައި ޙަމީދަތީގެ ބާރު ވަރަށް ގަދައެވެ.
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ކަރަންޓާއި ފެނުގެ ވިއުގަތަކަށާއި ބިނާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ޢާންމު ޚިދްމަތްތަކަށް ބުރޫއަރައިފައެވެ. ވައްކަންކުރުމާއި ފޭރުން ވަނީ ފެތުރިފައެވެ.



advertisment