ކެސްޕިއަން ކަނޑުއޮޅިތެރޭގައި އޮންނަ ސިވަސްޓިޕޯލް ސަހަރުގެ އުނދަނަ ތާނގީއެއްގައި އަލިފާންރޯވެ އަނދަމުންދާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު މީޚާއީލް ރަޒަވޮޖައިވް އިޢުލާން ކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ތާނގީގައި އަލިފާން ރޯވީ ޑްރޯން ޙަމަލާއެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
ގަވަރުނަރު މީޚާއީލް ރަޒަވޮޖައިވް އޭނާގެ ޓެލެގްރާމުގައި ޝާއިޢުކުރައްވައިފައިވާ މެސެޖެއް ބުނާގޮތުގައި އަނދަމުންގާ ތާނގީ ހުރީ މަންގަނާރީ މަގުގައެވެ. މި ޙަމަލާގެ ސަބަބުން އެއްހާސް އަކަމީޓަރުގެ ސަރަޙައްދެއް އަނދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި މި އަލިފާނުގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި މަދަނީ އެއްވެސް ޢިމާރާތަކަށް ވެސް އަދި ބިނާއަކަށް ވެސް ގެއްލުމެއް ނުލިބެއެވެ. އޭނާ ރޫސީ ނޮވުސްޓީ ނޫސް އޭޖެންސީއަށް ހާމަކުރެއްވި ގޮތުގައި މި އަލިފާން ނިއްވައިލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
ގަވަރުނަރު މީޚާއީލް ރަޒަވޮޖައިވް ހާމަކުރެއްވި ގޮތުގައި މި މަހުގެ ކުރީކޮޅުގައި ޔުކްރޭންގެ ޑްރޯން އުޅަނދުތަކަކުން ދޭން އުޅުނު ޙަމަލާތަކަކަށް ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓުން ވަނީ ހުރަސްއަޅައިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ ވަޔާއި ކަނޑުގެ ޙަމަލާތައް ވަނީ ނާކާމިޔާބުވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މެރިޔަންކާއަށް ވެރިވުން
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޑޮނަޓްސްކުގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި ރަޝިޔާ ސިފައިން މަރިޔަންކާ ސަހަރުގައި ކުރިއަރަމުން އެބަދެއެވެ. ރަޝިޔާގެ ޢަސްކަރީ އިސްވާރަކު ސްޕްޓްނިކަށް ހާމަކުރެއްވި ގޮތުގައި މި ސަހަރުގައި ރޫސީ ސިފައިން ނުހިފާ ބާކީ އޮތީ ދެތިން ހަތަރު ޢިމަރާތެކެވެ. ރަޝިޔާ ސިފައިންގެ "ގްރޯމް" ނަމަކަށް ކިޔާ ފައުޖުގެ އިސްވާރު ވިދާޅުވާ ގޮތުގައި "ޢަމަލީ ގޮތުން ބަލާއިރު އެ ސަހަރު މިހާރު އެ އޮތީ ހިފިފައެވެ. ޢަމަލީގޮތުން އަހުރެމެން ދުޝްމަނުން ބަލިކޮށްފީމެވެ. ބާކީ އޮތީ ހައެއްކަ އަކަމީޓަރެވެ."
މައިދާނީ ޙާލަތު
ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭންގެ ދެކުނާއި އިރުމަތީ ސަރަޙައްދުގައި ރޫސީ ސިފައިން ޚާރްކޯވާއި ޒަބަރޯޖިޔާއާއި ޑޮނެޓްސްކް ސަހަރުގައި ޔުކްރޭންގެ ފަސް ޑްރޯނާއި މީ-8 މަރުކާގެ ހެލިކޮޕްޓަރެއް ވަނީ ވައްޓައިލައިފައެވެ. މީގެ އިތުރަށް ހަނގުރާމައިގެ ތަފާތު ނާރެސްތަކުގައި 565 ސިފައިންނާއި ކުލީ ސިފައިން ވަނީ މަރައިލައިފައެވެ.
ރޫސީ ދިފާޢި ވުޒާރާއިން މި މަހު 27 ވަނަ ދުވަހުގެ ރޭ ރޫސީ ސިފައިން ދިން ޙަމަލާތަކުގައި މަތީ ދަރަޖައިގެ 20 އޮފިސަރަކު ވަނީ މަރައިލައިފައެވެ. އޭގެތެރޭގައި ޔުކްރޭން ސިފައިންނާއެކު މަސައްކަތްކުރާ ބިދޭސީ އޮފިސަރުންތަކެއް ވެސް ހިމެނެއެވެ. ނިކޮލަޔީވްގައި ސިފައިން ތިބި މަރްކަޒަށް މި ދިން ޙަމަލާ އަކީ މިސައިލް ޙަމަލާއެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަ ކުރިއެވެ.



advertisment