ދޭދޭ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތަކުގައި ވަޠަނީ ފައިސާ ބޭނުންކުރުން ހުއްޓުވައިނުލެވޭނެ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތުގައި މިފަދަ މުޢާމަލާތުތައް އެމެރިކާ ޑޮލަރުން ކުރުމަކީ އެ ޤައުމުތަކަށް ހުރި ވަރަށް ބޮޑު ތުރާލެކެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އިޤްތިޞާދު ޑޮލަރުކުރުމަކީ ބައެއް ފަރާތްތަކަށް ފައިދާ ހުރި ކަމަކަށް ވިޔަސް އެއީ އަނެއްބައި ފަރާތްތަކަށް ގެއްލުން ހުރި ކަމެކެވެ.
ޑޮލަރުކުރުމުގެ މާނައަކީ ޤައުމަކުން އެ ޤައުމުގެ ވަޠަނީ ފައިސާގެ ބަދަލުގައި ނުވަތަ އެ ފައިސާއާއެކު ރަސްމީކޮށް އެމެރިކާ ޑޮލަރުގެ މައްޗަށް ބަރޯސާވުމެވެ.
ލެވްރޯވް ނިވްޔޯރކުގައި އިއްޔެ ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ މުޢާމަލާތުން ޑޮލަރު ބޭރުކުރުމުގެ މަސައްކަތް ފެށީ ހަމަ އެމެރިކާއިންނެވެ. އެމެރިކާގެ ސިޔާސީ މުޙައްލިލުންނާއި އިޤްތިޞާދީ މުޙައްލިލުން މި ކަން ދަނީ ދިރާސާކުރައްވަމުންނެވެ. އެ ބޭފުޅުން މި ކަމާމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވައެވެ."
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޢާލަމީ މާލީ ނިޒާމުގެ ކުރިމަގުގައި ފައިސާގެ ނިޒާމު އޮތްގޮތެއް ނޭނގެއެވެ. ދުނިޔޭގެ ބޭންކަށާއި ބައިނަލްއަޤްވާމީ ފައިސާ ފަންޑަށް ވެސް ކުރިމަގު ސާފެއް ނުވެއެވެ."
އޭނާ ވިދާޅުވިއެވެ. "ދޭދޭ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތަކުގައި ވަޠަނީ ފައިސާއިން މުޢާމަލާތުތައް ކުރުން ހުއްޓުވައެއް ނުލެވޭނެއެވެ. މި މުޢާމަލާތުތައް މިހާރުވަނީ ޑޮލަރާއި ޔޫރޯއާއި ޔެން ފަހަނަޅައިގޮސްފައެވެ."
ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވިގޮތުގައި އެތައް ދަހަރުތަކެއް ވަންދެން އެމެރިކާއާއި ހުޅަނގުން ސަނާކީ ބަވަނަކުރުމުގެ ނިޒާމު ފުނޑައި ހަލާކުކުރަމުން ދަނީ ހަމަ އެމެރިކާއިންނެވެ. އެމެރިކާއިން ބުނަމުން އައި ގޮތުގައި ބަވަނަކުރުމުގެ ނިޒާމަކީ މުޅި އިންސާނިއްޔަތަށް އެންމެ ފައިދާހުރި ނިޒާމެވެ. އެއީ ޢާލަމީ އިޤްތިޞާދީ ނިޒާމުގެ އެންމެ ވަފާތެރި ޚާދިމެވެ.
ރޫސީ ވަޒީރުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވި ގޮތުގައި ގިނަ ތަނޑިތަކެއް ހިމެނޭ ޢާލަމެއް ބައްޓަންވެގެން ވުޖޫދުވެގެން އައުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އެމެރިކާއާއި ހުޅަނގުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރިއަސް އެކަން މަނައެއް ނުކުރެވޭނެއެވެ.
އިންޑޮނޭޝިޔާ ސަރުކާރުން ބުނާގޮތުގައި އާސިޔަނުން ރާވަމުންދަނީ އެ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތަކުގައި އެ ޤައުމުތަކުގެ ވަޠަނީ ފައިސާ ބޭނުންކުރުމަށެވެ. މީގެ އިތުރަށް ބްރިކްސް ޖަމާޢަތުގެ ޤައުމުތަކުން މިހާރު ވިސްނަމުން ދަނީ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ޓަކައި އެ ޤައުމުތަކަށް ޚާއްޞަ ފައިސާއެއް އުފެއްދުމަށެވެ. ބްރިކްސް ޖަމާޢަތުގެ ބާނީންނަކީ ބްރެޒީލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ.
އެމެރިކާގެ ބިލިޔަނޭރެއްކަމުގައިވާ ރާއި ޑާލިޔޯ ވިދާޅުވެފައިވާ ގޮތުގައި ރިޒަރވް ފައިސާއެއްގެ ގޮތުގައި ޑޮލަރު ގެންގުޅެން ބޭނުންވާ ޤައުމުތަކުގެ ޢަދަދު ދުވަހެއްދުވަހަކަށް ދަނީ މަދުވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޢާލަމީ އިޤްތިޞާދުގައި އެމެރިކާގެ ޑޮލަރުގެ ދައުރު ދަނީ ފަހަތަށް ޖެހެމުންނެވެ. މި ކަމުގެ ސަބަބަކީ ދުނިޔޭގައި ވިޔަފާރީގެ މުޢާމަލާތުތަކުގެ ޠަބީޢަތަށް އަންނަމުންދާ ބަދަލުތަކެވެ. ޑޮލަރުން މުޢާމަލާތު ކުރާން ބޭނުންވާއިރު އެއީ ދަރަންޏެކެވެ. މި ޤައުމުތަކުން މިހާރު ދަނީ އެހެން ފައިސާތަކާ ދިމާއަށް އެނބުރެމުންނެވެ. ޗައިނާގެ ދައުރު މި ކަމުގައި ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއިން ދަނީ އެހެން ޤައުމުތަކާއެކު މުޢާމަލާތުކުރާއިރު ޔުވާން ބޭނުންކުރާން ފަށައިފައެވެ.
ރޫސީ މާލީ ވަޒީރު ސިލޮވަނޯވް ވިދާޅުވާގޮތުގައި ޑޮލަރަކީ ރިޒަރވަށް ބޭނުންކުރަން ހޮޔޮވާނެ ފައިސާއެއް ނޫނެވެ. ރަޝިޔާއިން ވަޠަނީ އެހެން ފައިސާތަކާއެކު މުޢާމަލާތު ކުރާން ފެށީ މިހެންވެގެންނެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން ޑޮލަރު ދޫކޮށެއް ނުލަމެވެ. ޑޮލަރު އަހުރެމެން ދޫކޮށްލީއެވެ. ޑޮލަރު ހަތިޔާރަކަށް ހެދީއެވެ."



advertisment