ސޫދާނުގައި ސިފައިންނާއި ބާޣީ ޙަމީދަތީ ބާރުތަކާ ދެމެދުގައި ހުއްޓުމެއްނެތި ހަނގުރާމަ ހިނގަމުންދާތީ އެ ޤައުމުގައި ތިބި ބިދޭސީން ބޭރަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.
އެމެރިކާއާއި ފަރަންސޭސިވިލާތާއި ފަރަންސޭސިވިލާތާއި ރޫސީވިލާތާއި ހޮލެންޑާއި ތުރްކީއާއި ޢިރާޤާއި މިޞްރާއި ސުޢޫދިޔާއާއި ފަދަ ޤައުމުތަކުން ބުނާގޮތުގައި ސޫދާނުގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުން ސޫދާނުން ބޭރަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުތަކުން މިހާރު ވަނީ ފަށައިފިއެވެ. އަނެއްބައި ޤައުމުތައް ބުނާގޮތުގައި އެ ޤައުމުތަކުން ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ.
ސޫދާނުގެ ސިފައިންގެ ތަރްޖަމާނެއް ކަމުގައިވާ ބްރިގެޑިއަރ ނަބީލް ޢަބްދުﷲ ވިދާޅުވާ ގޮތުގައި ބޭރުގެ މިޝަންތައް ސޫދާނުން ފުރުވައިލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާގެ ޑިޕްލޮމެޓުންނާއި ރައްޔިތުން ޚުރްޠޫމުން ފުރާނީ ޢަސްކަރީ މުވާސަލާތީ ބޯޓުތަކުގައެވެ. ޙަމީދަތީގެ ބާރުތައް ބުނާގޮތުގައި ބޭރު މީހުން ފުރުމަށް ޓަކައި ސޫދާނުގެ ހުރިހާ ވައިގެ ބަނދަރުތަކެއް 72 ގަޑިއިރުގެ މުއްދަތަކަށް ހުޅުވައިލައިފާ ބޭއްވޭނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވާ ގޮތުގައި އެމެރިކާ ސިފައިން މިހާރު ވަނީ ސޫދާނުގައި ތިބި އެމެރިކާ ރައްޔިތުންނާއި ޑިޕްލޮމެޓުން ޚުރްޠޫމުން ބޭރަށް ގެންގޮސްފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާ އެންބެސީގެ މަސައްކަތްތައް މި ވަގުތަށް ވަނީ ހުއްޓައިލެވިފައެވެ. އެމެރިކާ މީހުންނާއި ޑިޕްލޮމެޓުން ސޫދާނުން ބޭރަށް ގެންދިޔުމުގައި ސުޢޫދީ ޢަރަބިއްޔާއާއި ޖިބޫތީއާއި އިތިޔޯޕިޔާއިން އެހީ ލިބިފައިވާ ކަމަށް ރައީސް ބައިޑްން ވިދާޅުވެ އެ ޤައުމުތަކަށް އޭނާ ޝުކްރު އަދާކުރެއްވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ހާމަކުރެއްވި ގޮތުގައި ސޫދާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން މިހާރު ވަނީ އެ ޤައުމުން ބޭރަށް ގެންދެވިފައެވެ. ސަލާމަތީ ނުރައްކަލާ ހެދި އެންބެސީގެ މަސައްކަތްތައް ވަނީ ހުއްޓާލައިފައެވެ.
ފަރަންސޭސިވިލާތުން ބުނާގޮތުގައި ސޫދާނުގައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި ޑިޕްލޮމެޓުން ބޭރަށް ގެންދިޔުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. ފަރަންސޭސި ޚާރިޖިއްޔާ ބުނާގޮތުގައި ޔޫރަޕްގެ އެކުވެރި ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި ރައްޔިތުން ވެސް ސޫދާނުން ބޭރަށް ގެންދިޔުމުގައި އެ ޤައުމުން އެހީވާނެއެވެ. ފަރަންސޭސިވިލާތުން މި ކަމާބެހޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ. ފަރަންސޭސި ޚާރިޖިއްޔާ ބުނާގޮތުގައި އެ ޤައުމުގެ މީހުން ބޭރަށް ގެންދިޔުމަށް ބޭނުންވާ ޖާމިނުވުން ސޫދާން ސިފައިންނާއި ފެތުރިގަތުން އަވަސް ބާރުތަކުން ވަނީ ދީފައެވެ.
ރޫސީ ވިލާތުން ބުނާގޮތުގައި ސޫދާނުގައި ތިބި ރަޝިޔާ އެންމެން މިހާރު ވަނީ ރޫސީ އެންބެސީއަށް ގެނެސް ރައްކައުތެރިކަން ދެވިފައެވެ. އެހެނަސް ވައިގެ ބަނދަރުތަކުގެ ވަށައިގެން ހަނގުރާމަ ހިނގަމުންދާތީ ވައިގެ މަގުން ރަޝިޔާ ރައްޔިތުން ބޭރަށް ގެންދިޔުމުގެ މަސައްކަތް މި ވަގުތު އަދި ނުފެށެއެވެ. ރޫސީ ސަފީރު އެންޑްރޭ ޗަރނޯވަލް ވިދާޅުވާ ގޮތުގައި ސޫދާނުން ބޭރަށް ދެވެން ހުރި ހުރިހާ މަގުތަކަކާ ބެހޭގޮތުން ދަނީ މަޝްވަރާކުރަމުންނެވެ.
އިޓަލީން ބުނާގޮތުގައި ޕޯޓްސޫދާނު މަގުން މިޞްރު ތެރެއިން ލައިފާ އިޓަލީގެ 19 މީހަކު ސޫދާނުން ބޭރަށް ގެންދެވިއްޖެއެވެ.
ތުރްކީގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެއްގަމު މަގުންލައިފާ ތުރްކީ ރައްޔިތުން ސޫދާނުން ބޭރަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ތުރްކީ ބުނާގޮތުގައި އެމީހުން ތުރްކީއަށް ގެންދެވޭނީ ތިންވަނަ ޤައުމެއް މެދުވެރިކޮށެވެ. އަދި 22 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ފުރަން ޖެހިދާނެކަމަށް ބަލައިގެ ތައްޔާރުވުމަށް ތުރްކީ މީހުންނަށް ވަނީ އަންގައިފައެވެ. މި އެންބެސީ ބުނާގޮތުގައި މީހަކަށް ގެންދެވޭނީ އަށް ކިލޯގެ ދަބަހެކެވެ.
ޖަޕާނުން ބުނާގޮތުގައި ސޫދާނުގައި ތިބި އެ ޤައުމުގެ މީހުން ގެނައުމަށް ޓަކައި ޖަޕާނުގެ ޢަސްކަރީ މަތިންދާބޯޓެއް ޖިބޫތީއަށް ދިޔުމަށް މިހާރު ވަނީ ފުރައިފައެވެ. ޖަޕާނުގެ ދިފާޢީ ވަޒީރު ވިދާޅުވާ ގޮތުގައި މި ބޯޓާއެކު މި ބޯޓަށް ތެޔޮ އަޅައިދޭނެ ބޯޓެއްވެސް ދާނެއެވެ.
ޢަރަބި ޤައުމުތަކުގެ ތެރެއިން މިޞްރު ބުނާގޮތުގައި ސޫދާނުގައި ތިބި މިޞްރު މީހުން ޤައުމަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ވެރިރަށް ޚުރްޠޫމުން ބޭރުގައި ތިބި މިޞްރު މީހުންނަށް މިޞްރު އެންބަސީން މިހާރު އަންގައިފައި ވަނީ އަވަހަށް ޚުރްޠޫމަށް އައުމަށެވެ. ޚުރްޠޫމުގައި ތިބި މީހުން ގެއިން ބޭރަށް ނުނުކުމެ ގޭގައި ތިބުމަށް ވެސް އެންބެސީން ދަނީ އަންގަމުންނެވެ.
ސުޢޫދީ ޢަރަބިއްޔާއިން ބުނާގޮތުގައި ސޫދާނުގައި ސުޢޫދީ ރައްޔިތުންގެ ތެރެއިން 91 މީހަކާއި އެހެނިހެން ޤައުމުތަކުގެ 66 މީހަކު ސޫދާނުން ބޭރަށް ވަނީ ގެންދެވިފައެވެ. އެ މީހުންގެ ތެރޭގައި ޑިޕްލޮމެޓުން ވެސް ހިމެނެއެވެ. ސުޢޫދީން މި މީހުން ޖިއްދާއަށް ގެންގޮސްފައި ވަނީ ސުޢޫދީ ޢަރަބިއްޔާގެ ކަނޑުގެ ސިފައިންގެ އުޅަނދެއްގައެވެ.
ޢިރާޤުގެ ޚާރިޖިއްޔާ ބުނާގޮތުގައި ޢިރާޤުގެ 14 މީހަކު ޕޯޓު ސޫދާނު މަގުން ވަނީ ބޭރަށް ގެންދެވިފައެވެ. އިތުރު މީހުން ބޭރަށް ގެންދިޔުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.



advertisment