Support Us

މިހާތަނަށް 56 މަރު: ސޫދާނުގައި ސިފައިންނާ ކުރިމަތިލުންތައް ކުރިއަށް

ސޫދާނުގެ ވެރިރަށް ޚުރްޠޫމާއި އެހެނިހެން މުހިއްމު ސަހަރުތަކަށް ވެރިވެގަތުމަށް މަސައްކަތް ކުރާ ފެތުރިގަތުން އަވަސް ބާރުތަކާ ރަސްމީ ސިފައިންނާ ދެމެދުގައި ފެށިފައިވާ ކުރިމަތިލުންތައް މިއަދު ވެސް އެބަ ކުރިއަށް ދެއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ވަނީ 56 އަށް އިތުރުވެފައެވެ. ރަސްމީ ސިފައިންގެ ވައިގެ ބާރުތަކުން މިހާރު ދަނީ ފެތުރިގަތުން އަވަސް ބާރުތަކުގެ މައި މަރްކަޒުތަކަށް ވައިގެ ޙަމަލާތައް ދެމުން އެމީހުންގެ ތަންތަން ހިފަމުންނެވެ.

އިއްޔެ ފެށުނު ކުރިމަތިލުންތައް މުޅި ރޭ ކުރިއަށް ދިޔައެވެ. މިއަދު ވެސް ދަނީ ކުރިއަށެވެ. ހަނގުރާމަ ގަދަވެފައިވަނީ ވެރިރަށް  ޚުރްޠޫމުގެ ވަށައިގެންވާ ހިސާބުތަކުގައްޔާއި އުތުރުގެ ސަރަޙައްދެއް ކަމުގައިވާ މަރްވާ ސަރަޙައްދުގެ ވައިގެ ބަނދަރު ކައިރީގައެވެ.

މިއަދު ހެނދުނު ސަރުކާރު ސިފައިން ނެރުނު ބަޔާނެއް ބުނިގޮތުގައި އެމީހުންނަށް "ވަރަށް އަވަހަށް ނަޞްރު ލިބި ބާޣީ ޙަރަކާތް ނިމިގެންދާނެއެވެ." 

ސިފައިންގެ މި ބަޔާން ބުނާގޮތުގައި ބާޣީން ސަރުކާރު ސިފައިންގެ މައި މަރްކަޒު ޙިޞާރުކޮށްފައިވާ ކަމަށް ދައްކާ ވާހަކައަކީ ދޮގު ބުހްތާނު ވާހަކަތަކެކެވެ.

ބޭރުގެ ވައިގެ ބާރެއް

ސޫދާނުގެ ޕޯޓު ސޫދާނުގައި ތިބި ފެތުރިގަތުން  އަވަސް ބާރުތައް ބުނާގޮތުގައި ބޭރުގެ ވައިގެ ޙަމަލާއެއް އެމީހުންގެ މަރްކަޒަށް ވަނީ ދީފައެވެ. އެމީހުން ބުނާގޮތުގައި ސުޚޮއި މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓައިލެވުނެވެ. އެހެނަސް މި ބޯޓު ވައްޓައިލެވުނު ތަނެއް އަދި އެއީ ކޮންތާކުން އައި ބޯޓެއް ކަމެއް ހާމައެއް ނުކުރެއެވެ. އެމީހުން ބޭރުގެ ފަރާތްތަކަށް މި މަސްއަލައިގެ ތެރެއަށް ނުވަނުމަށް އިންޒާރު ކުރިއެވެ. 

މަރުވާ މީހުން ގިނަވަނީ 

ސޫދާނުގެ ޑަކްޓަރުންގެ ކޮމެޓީ ބުނާގޮތުގައި އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މަރުވާ މީހުންނާއި ޒަޚަމުވާ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނެވެ. މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 56 އަށް އިތުރުވެފައެވެ. އޭގެތެރޭގައި ގިނައީ ސިފައިންނެވެ. ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 600 އަށް އިތުރުވެފައެވެ. ބައެއް މީހުންގެ ޙާލަތު ވަރަށް ނާޒުކުކަމަށް ވެސް ޑަކްޓަރުން ބުންޏެވެ. ޑަކްޓަރުން ބުނާގޮތުގައި ޢާންމުންނަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ.

 

ދުނިޔެ ކަންބޮޑުވޭ

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައާ ވިދިގެން ދުނިޔެ ދަނީ ވަރަށް ކަންބޮޑުވަމުންނެވެ. ސޫދާނުގެ ޙާލަތު އިތުރަށް ނުބައިވެގެން ދިޔަ ނުދިނުމަށް ޓަކައި ހަނގުރާމަ ކުރާ ދެ ފަރާތަށް ހަނގުރާމަ އަވަހަށް ހުއްޓުމަށް ޗައިނާއިން ގޮވައިލިއެވެ. ސޫދާނުގައި ހުންނަ ޗައިނާ އެންބެސީ ބުނާގޮތުގައި މި ހަނގުރާމައިގެ ސަބަބުން ޗައިނާ މީހަކު ޒަޚަމުވެފައެއް ނުވެއެވެ. ސޫދާނުގައި ހުންނަ ޗައިނާ އެންބެސީން އެ ޤައުމުގެ ރައްޔިތުންނަށް  ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާން ބުނާގޮތުގައި ހަރުކަށި ޢަމަލުތައް ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެތީ އެމެރިކާ ވަރަށް ކަންބޮޑުވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ސޫދާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ސޫދާނާ އެކުވެރި ޤައުމުތަކުން ތެދުވުމަށް އޭނާ ގޮވައިލެއްވިއެވެ.

ހަނގުރާމަ ފެށުން

ސޫދާން ސިފައިން ބުނާގޮތުގައި ހަނގުރާމަ ފެށުނީ ފެތުރިގަތުން އަވަސް ބާރުތަކުން ސަރުކާރާ ދެކޮޅަށް ބަޣާވަތް ކުރުމުންނެވެ. އެ ބާރުތަކުން އިސްވެ ސިފައިންގެ ތަންތަނަށް ޙަމަލާދޭން ފެށުމުންނެވެ.   

ހަނގުރާމަ ފެށުނީ ސިފައިންގެ ވެރިޔާ އަދި ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ބުރްހާނާ ފެތުރިގަތުން އަވަސް ބާރުތަކުގެ ވެރިޔާ މުޙައްމަދު ޙަމްދާން ދިޤްލޫ (ޙަމީދަތީ) ބައްދަލުކުރައްވަން ހަމަޖެހިފައިވާ ވަގުތުގެ ދެތިން ގަޑިއިރު ކުރީންނެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ދެބަސްވުންތައް އުފެދުނީ ފެތުރިގަތުން އަވަސް ބާރުތައް ރަސްމީ ޢަސްކަރިއްޔާއާ އެއްކޮށްލުމުގެ މަސްއަލައިގައެވެ. މި ކަން ދެ އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ބުރްހާނު ހުށައަޅުއްވައެވެ. އެހެނަސް ޙަމީދަތީ މި ކަމަށް 10 އަހަރު ބޭނުންވާނެ ކަމަށް ވިދާޅުވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *