އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މެދުގައި އދ. އިން ބާއްވާ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ދަރަޖައަށް ބަދަލުކުރި ތިންވަނަ ޤައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ގޮތުގައި 46 ޤައުމެއް ހިމަނާފައިވާ އިރު، އެ ޤައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި ޢުމުރާނީ ތަރައްޤީއާ ދެމެހެއްޓެނިވި ތަރައްޤީގެ ހުރަސްތައް އޮތް ޤައުމުތަކެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މެދުގައި އދ. އިން ބާއްވާ ފަސް ވަނަ ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.



advertisment