މަތީތަޢުލީމު ދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއެކު، ލެކްޗަރައިންނަށް ދެވޭ މުސާރަ ގާތްގަނޑަކަށް %59 އިންސައްތަ ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޔުނިވަރސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެނައި މިބަދަލު ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންކަން ފާހަގަކުރައްވައި، ތަޢުލީމީ ދާއިރާގެ މުދައްރިސުންނާއި ލެކްޗަރަރއިންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މާރިޗު އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރަރ އިންގެ މުސާރަ %59 ބޮޑުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައި އެކި މަޤާމްތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލް ޙިއްޞާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރައަކަށް ކުރިން ލިބުނު މުސާރައަކީ 18،880 ރުފިޔާ ކަމަށާއި، މިގެނައި ބަދަލާއި އެކު މިހާރު ޔުނިވަރސިޓީގެ ލެކްޗަރަރ އަކަށް އިތުރު ވަގުތާއި ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29،900ރ. ލިބޭނެ ކަމަށެވެ. އަދި ސީނިއަރ ލެކްޗަރައިންގެ މުސާރައަކީ މިހާރު 20،830ރ. ކަމަށާއި އެހެން ނަމަވެސް މިގެނެވުނު ބަދަލާއިއެކު ސީނިއަރ ލެކްޗަރަރ އަކަށް އިތުރުގަޑީގެ ފައިސާ އާއި ނުލައި 34،000ރ. ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ 23،500ރ. އިން 39،400ރ. އަށް ބޮޑުވާނެ ކަމަށާއި، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000ރ. އިން 45،000ރ. އަށް ބޮޑުވާނެ ކަމަށާއި، އަދި ޑީންގެ މުސާރަ 30،000ރ. އިން 38،000ރ. އަށް ބޮޑުވާނެ ކަމަށާއި ރެޖިސްޓްރާއިންގެ މުސާރަ 32،000ރ އިން 42،000ރ. އަށް ބޮޑުވެގެންދާނެ ކަމަށާއި، ޑެޕިއުޓީ ވައިސްޗާންސެލަރގެ މުސާރަ 39،000ރ. އިން 48،000ރ. އަށް ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14،700ރ.ގެ ބަދަލުގައި 26،000ރ. އަށް މުސާރަ ބަދަލުވެގެންދާނެ ކަމަށާއި އަދި ލެކްޗަރަރއެއްގެ މުސާރަ 17،000ރ. އިން 29،000ރ. އަށް، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17،000ރ. އިން 34،000ރ. އަށް ބަދަލުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުސާރައިގެ މިބަދަލު 767 މުވައްޒަފަކަށް އަންނާނެ ކަމަށާއި އަހަރަކު 62 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވޭނެ ކަމަށެވެ. އަދި މިގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވަރސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫ ސްކޫލުގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްކޫލުގެ 71 އަހަރުގެ ތެރެއިން 52 އަހަރު ސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ކިޔެވުމާއި ކިޔަވައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދިން ބައެއް ކަމަށާއި މިއަދުވެސް އެކަން އޮތީ އެ ގޮތަށް ކަމަށެވެ.



advertisment