Support Us

ފޯ ނޭޝަންސް ކަޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތް، ފޯ ނޭޝަންސް ކަޕް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ 14 އަހަރަށްފަހު ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެވެ. ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެއް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ 2009 ވަނަ އަހަރު ސެންޓަރަލް އޭޝިއަން ވޮލީބޯލް މުބާރާތެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސިންގަޕޫރާއި މެލޭޝިޔާއާއި އަފްޣާނިސްތާނެވެ. މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި މެލޭޝިޔާއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި މެލޭޝިޔާއެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ މެލޭޝިޔާއެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މީގެ އެންމެބޮޑު އެއް ބޭނުމަކީ ދިވެހި ޒުވާނުންނަށް ރާއްޖޭގެ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި ސަރުކާރު އައިފަހުން، އެކި ކުޅިވަރުތަކުން މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެ ވަނީ 33 ގޯލްޑް މެޑެއްޔާއި، 18 ސިލްވަރ މެޑެއްޔާއި، 88 ބްރޮންޒް މެޑެލް ހޯދާފައެވެ. އަދި ރާއްޖޭގައި އެކި އެކި ބައިނަލްއަޤްވާމީ މުބާރާތްތައް ވަނީ ބާއްވާފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ބައިނަލްއަޤްވާމީ ނުވަ މުބާރާތެއް ވަނީ ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *