Support Us

އިސްރާއީލާ ދެކޮޅަށް އިމާރާތުން ހުށައެޅި ޤަރާރު ނަގައިފި

އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަން އިސްރާއީލުން ހންގަމުންދާ ހުރިހާ މަޝްރޫޢުތަކެއް ވަގުތުން ހުއްޓައިލުމަށް ގޮވައިލާ އިމާރާތުން ސަލާމަތީ މަޖިލީހަށް ހުށައެޅި ޤަރާރު ރޭ ނަގައިފިއެވެ.  

އިމާރާތުން ރޭ ހާމަކުރި ގޮތުގައި އެ ޤައުމުން މިހާރު ދަނީ ހުރިހާ މެންބަރުންގެ އެއްބަސްވުން ލިބޭނެ ރިޔާސީ ބަޔާނެއް ތައްޔާރުކުރަމުންނެވެ. އެހެންކަމުން އިމާރާތުން ހުށައެޅި ޤަރާރާމެދު މިއަދު ވޯޓު ނެގުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އިމާރާތުން މަސައްކަތް ކުރާނީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ  އިއްތިފާޤުން ރިޔާސީ ބަޔާނެއް ނެރުމަށެވެ. 

އެމެރިކާއިން ފާޅުކުރާގޮތުގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ހެދުމަކީ އެމެރިކާ ރުހޭކަމެއްނޫނެވެ. އެހެނަސް އިސްރާއީލު ކުށްވެރިކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުން ޤާރާރެއް ފާސްކުރުމަށް މަސައްކަތް ކުރުމަކީ "ލާބަހުރި ކަމެއް" ނޫނެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުގައި އެމެރިކާ މެދުވެރިވެގެން ފަލަސްޠީނު- އިސްރާއީލު މަސްރަޙު ފިނިކުރުމާ ބެހޭގޮތުން އިސްރާއީލާއި ފަލަސްޠީނު ވަނީ ތަފާހުމުތަކަކަށް ވާޞިލުވެވެފައެވެ.

މި ނޫސްތައް ބުނާގޮތުގައި މި ތަފާހުމުތަކަށް ވާޞިލުވެވުނީ ރައީސް ޖޯ ބައިޑްންގެ ފިއްތުތަކަކާހެދިއެވެ. ފަލަސްޠީނުގެ ބިންތަކުގައި ހަދަމުންދާ ޔަހޫދީ އާބާދީތައް ހެދުން ހުއްޓައިލުމަށާއި ހުޅަނގު އައްސޭރިއާއި ޤުދުސުގައި ފަލަސްޠީނުގެ ގެތައް ތެޅުން ހުއްޓައިލުމަށް އިސްރާއީލުން އެއްބަސްވުމުން ސަލާމަތީ މަޖީލިހަށް އިމާރާތުން ހުށައަޅައިފައިވާ ޤަރާރު ނެގުމަށް އެމެރިކާ އިން އިމާރާތަށް ގޮވައިލުމުން އެކަމަށް އިމާރާތް އެއްބަސްވިއެވެ.

މި ނޫސްތައް ބުނާގޮތުގައި މި ތަފާހުމުތަކަކީ "އެތައް މަސްދުވަހަކަށް" ދެމިގެންދާނެ ތަފާހުމުތަކެކެވެ. މިއީ އެއްބަސްވުންތަކެއް ނޫނެވެ. 

އިމާރާތުން ފަލަސްޠީނާ ގުޅިގެން އިސްރާއީލު ކުށްވެރިކުރާ  ޤަރާރެއް ސަލާމަތީ މަޖިލީހަށް ހުށައެޅީ މިދިޔަ ބުދަދުވަހުއެވެ.  އިމާރާތުން ސަލާމަތީ މަޖިލީހަށް މި ޤަރާރު ހުށައެޅީ އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ ނުވަ އާބާދީއެއް ބިނާކުރުމުގެ ހުއްދަ ބޮޑުވަޒީރު ނަތަންޔާހޫ ދެއްވުމުންނެވެ. މީގެ އިތުރަށް ކުރިން ހަދައިފައިވާ އާބާދީތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އިތުރު ޢިމާރާތްތައް ހަދަން ވެސް އޭނާ ވަނީ ނިންމަވައިފައެވެ. 

އެމެރިކާއަކީ "ދޮންދަރިފުޅު" އިސްރާއިލު ޙިމާޔަތް ކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމަށް އާދަވެފައިވާ ޤައުމެކެވެ. އެހެނަސް 2016ވަނަ އަހަރު އާބާދީހެދުން މަނާކުރުމަށް އިސްރާއީލަށް ގޮވައިލާ ޤަރާރަށް އެމެރިކާއިން ވީޓޯއެއް ނުކުރެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި 1967ގައި އިސްރާއިލުން އަތުލައިފައިވާ ބިންތަކަކީ ހިފާފައިވާ ޢަރަބީންގެ ބިންތަކެކެވެ. މި ތަންތާނގައި އިސްރާއީލުން ބިނާކުރާ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *