Support Us

ސޫރިޔާގެ މުހިއްމު ސަރަޙައްދަކަށް އިސްރާއީލުން ރޮކެޓް ޙަމަލާއެއް ދީފި

ސޫރިޔާގެ މުހިއްމު ސަރަޙައްދަކަށް އިސްރާއީލުން ރޮކެޓް ޙަމަލާއެއް ދީފިއެވެ.

އިސްރާއީލުން ދިމަޝްޤުގެ ކަފްރު ސޫސާއަށް ދިން ރޮކެޓް ޙަމަލާއަކީ މުހިއްމު ޝަޚްޞިއްޔަތަކަށް ދިން ޙަމަލާއެއް ކަމަށް އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނެއެވެ. އެހެނަސް އީރާނުން ބުނާގޮތުގައި އިސްރާއީލުގެ މި ޙަމަލާގެ ސަބަބުން އިރާނުގެ އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އަދި ޒަޚަމުވި މީހުންގެ ތެރޭގައި އީރާނު މީހަކު ވެސް ނުވެއެވެ. އިސްރާއީލުން ބުނާގޮތުގައި ދިމަޝްޤުގެ ކަފްރު ސޫސާއަށް ދިން ޙަމަލާއަކީ އީރާނާ ދެކޮޅަށް ދިން ޙަމަލާއެކެވެ. 

ސޫރިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުގައި އިސްރާއީލުގެ މި ޙަމަލާގެ ސަބަބުން ފަސް މީހަކު މަރުވެ 15 މީހަކު ޒަޚަމުވިއެވެ. ސޫރިޔާ ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގެ ރޮކެޓް ޙަމަލާގެ ސަބަބުން ކަފްރު ސޫސާގެ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ސޫރިޔާއިން ބުނިގޮތުގައި އެ ޤައުމުގެ ދިފާޢީ ވަސީލަތްތަކުން އިސްރާއީލުގެ ރޮކެޓްތަކަށް ހުރަސްއަޅައި ބައެއް އެއްޗެހިތައް އަމާޒަށް ވާޞިލުވުމުގެ ކުރިން ވައްޓައިލިއެވެ. މި ޙަމަލާދީފައިވަނީ އާދީއްތަ ވިލޭރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ އިސްރާއީލުގެ މި ޙަމަލާ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން މި ޙަމަލާދީފައިވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ތަންޡީމުއް ދައުލާއިން ސޫރިޔާއަށް ދިން ޙަމަލާއާ ވިދިގެންނެވެ. އިސްރާއީލާ ނިރުބަވެރީންނާ ދެމެދުގައި ގުޅުން އޮތް ކަމަށް އީރާނުން ތުހްމަތު ކުރިއެވެ. ސޫރިޔާގެ ރައްޔިތުން ޒިލްޒާލުގެ ސަބަބުން ވޭނާއި ކެކުޅުންތައް ތަޙައްމުލު ކުރަމުންދާ ވަގުތެއްގައި އިސްރާއީލުން މި ދިން ޙަމަލާ ކުށްވެރިކުރުމަށް އޭނާ ސަލާމަތީ މަޖިލީހަށް ގޮވައިލެއްވިއެވެ. 

އީރާނުގައި ހުންނަ ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި މި ޙަމަލާގައި އީރާނުގެ މީހަކު މަރުނުވާކަމަށް އީރާނުން ބުންޏަސް މުހިއްމު ޝަޚްޞިއްޔަތެއް އަވަހާރަވި ޚަބަރު އީރާނުން ދޮގެއް ނުކުރެއެވެ. މި ޙަމަލާދިން ހިސާބުގައި 2008ވަނަ އަހަރު ޙިޒްބުﷲގެ މުހިއްމު ބޭފުޅެއް ކަމުގައިވާ ޢިމާދު މުޣައްނިއްޔާ އަވަހާރަކޮށްލައިފައިވާކަން ފާހަގަކުރެވެއެވެ. 

އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށް ޓަކައި ތައްލު އަބީބުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ނަތަންޔާހޫ ވިދާޅުވިގޮތުގައި މި ދިޔަ ހަފުތާގައި ގަލްފްގައި  ދަތުރުކުރި އިސްރާއީލުގެ މަހުޖަނެއްގެ ތެޔޮ ބޯޓަށް ޙަމަލާދިނީ އީރާނުންނެވެ. 

އިއްޔެ މި ބޯޓުގެ އިދާރާއިން ހާމަކުރި ގޮތުގައި މިމަހު 10ވަނަ ދުވަހު އެ ބޯޓަށް ދެވުނު ޙަމަލާގައި ލިބިފައި ވަނީ ވަރަށް ކުދިކުދި ގެއްލުންތަކެކެވެ. ޢަރަބިކަނޑުގައި މި ޓޭންކަރަށް ޙަމަލާދީފައިވަނީ ވައިގެ ޖިސްމަކުންނެވެ. ޒޮޑިއެކް މެރިޓައިމް ބުނާގޮތުގައި މި ބޯޓުގެ ވެރިފަރާތަކީ އިސްރާއީލުގެ މަހުޖަނެއް ކަމުގައިވާ އިޔާކް ޢޫފަރެވެ. 

އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި މި ތެޔޮ ބޯޓަށް ޙަމަލާ ދީފައިވަނީ ބޯޓު ހުސްކޮށް އޮތްވައެވެ. މި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ވެސް ގެއްލުމެއް ނުލިބެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި މި ބޯޓަށް ޙަމަލާދިނީ އީރާނުންނެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން އެ ޤައުމުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ފިޔަވަޅު އަޅާނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *