Support Us

ތުރްކީއަށް އައި ދެ ޒިލްޒާލުގެ ސަބަބުން އިތުރު ސްޓޭޓެއް ޙާލުގައި ޖެހިއްޖެ

ތުރްކީގެ އީލާޒީޣު ސަރަޙައްދަކީ މި މަހު ހަ ވަނަ ދުވަހު ތުރްކީއަށް އައި ދެ ޒިލްޒާލުގެ ސަބަބުން ޙާލުގައިފައިވާ ސަރަޙައްދެއްކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ. މި ސަރަޙައްދު އިތުރުވުމުން ޙާލުގައި ޖެހިފައިވާ ސްޓޭޓްތަކުގެ ޢަދަދު 11 އަށް އިތުރުވީއެވެ. މިކަން ހާމަކުރެއްވީ ތުރްކީގައި ވެރިކަންކުރާ ޢާދާލަތާއި ތަރައްޤީ ޕާޓީގެ ރަސްމީ ތަރްޖަމާނު ޢުމަރު ޖަލީކު ރޭގައެވެ.

ޖަލީކު ހާމަކުރެއްވި ގޮތުގައި މި ޤަރާރު ކަނޑައެޅުނީ ރައީސް އުރްދުޣާން ދެއްވި އިރްޝާދުތަކާ އެއްގޮތަށެވެ. އެހެންކަމުން އީލާޒީޣު ސަރަޙައްދު ވާނީ ޒިލްޒާލުގެ ސަބަބުން ޙާލުގައި ޖެހުނު 11 ވަނަ ސްޓޭޓަށެވެ.

ތުރްކީއަށް އައި ދެ ޒިލްޒާލުގެ ސަބަބުން ޙާލުގައި ޖެހި ކާރިސާގެ ޙާލަތު އިޢުލާންކޮށްފައިވާ ސަރަޙައްދުތަކަކީ:

  1. ކަހްރަމާން މަރްޢަޝް
  2. ޣާޒީ ޢަންތާބު
  3. ޢުޘްމާނިއްޔާ
  4.  އަދްޔާމަން
  5. ދިޔާރު ބަކްރު
  6. މަލާޠިއްޔާ
  7. އޫރުފާ
  8. ހަތާޔި
  9. ކުލައިސް
  10. އަޟްނާ
  11. އީލާޒީޣު

ޒިލްޒާލުގެ ސަބަބުން ޙާލުގައި ޖެހުނު ސަރަޙައްދުތަކުގެ ކޮންމެ މީހަކަށް ތުރްކީ ސަރުކާރުން ވަނީ 10 ހާސް ލީރާ (531 ޑޮލަރު) ދީފައެވެ. ތުރްކީއަށް މި އައި ދެ ޒިލްޒާލަކީ މި ދިޔަ ސައްތައެއްހާ އަހަރުތެރޭގައި އައި ޠަބީޢީ އެންމެ ބޮޑު ކާރިސާކަމަށް ދިރާސާކުރާ މަރްކަޒުތަކުން އެއްބަސްވެއެވެ.

މި މަހު ހަ ވަނަ ދުވަހުގެ ރޭ ދަންވަރު ތުރްކީގެ ދެކުނަށާއި ސޫރިޔާގެ އުތުރު ސަރަޙައްދުތަކަށް އައި ބާރުގަދަ ދެ ޒިލްޒާލުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 41 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އެތައް މިލިއަން ބަޔަކު ވަނީ ގެދޮރުނެތި ބޯހިޔާވަހިކަން ނެތި މަގުމަތިވެފައެވެ.

ތުރްކިޔާ އެއް ހިތެއް

ތުރްކީގެ ރައީސް އުރްދުޣާން ރޭ ވަޢުދުވެވަޑައިގެންނެވި ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ރައްކައުތެރި އަމާން އައު ޢިމާރާތްތައް ބިނާކޮށް ޙާލުގައި ޖެހުނު އެންމެންނަށް އަލުން ބޯހިޔާވަހިކަން ތަނަވަސްކޮށްދެވޭނެއެވެ. ޒަލްޒާލުގައި ވެއްޓި ހަލާކުވި ކޮންމެ ޢިމާރާތަކަށް ޢިމާރާތެއް ބިނާކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މި ކަމަށް ވަޢުދުވެވަޑައިގަތީ ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޓަކައި "ތުރްކީ އެއް ހިތަކުން" ނަމަކަށް ކިޔާ އެހީ ފަންޑު ޙަމަލާގެތެރެއަށް މުދާޚަލާކުރައްވައިގެން ދެއްކެވި ވާހަކަފުޅުގެތެރޭގައެވެ. މި ފަންޑާ ބެހޭ ޙަމަލާތައް ތުރްކީގައްޔާއި އަޒަރްބައިޖާނުގައްޔާއި ސައިޕްރަސްގެ ތުރްކީބައިގައި އެއް ވަގުތެއްގައި ވަނީ ފެށިފައެވެ.

އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެންގެ އަމާޒަކީ ޒިލްޒާލުގައި ވެއްޓުނު ކޮންމެ ޢިމާރާތަކަށް އަމާން ރައްކައުތެރި އައު ޢިމާރާތެއް ބިނާކުރުމެވެ. މި މަސައްކަތް އެއް އަހަރުގެ ތެރޭގައި އަހުރެމެން ﷲގެ ވާގިފުޅާ ލައިގެން ކުރާނޫއެވެ." އުރްދުޣާން ވިދާޅުވިއެވެ. "ތުރްކީ އެއް ހިތަކުން" މި ޙަމަލާގައި ތުރްކީގެ ދީލަތިކަމާއި އީޘާރު ދުނިޔެއަށް ފެނިގެން ދާނެއެވެ."

ބިމުގެ ތޮށިގަނޑު 7 މީޓަރަށް ދުރަށް ޖެހުނު

ކާރިސާއާއި ކުއްލި ޙާލަތާ ބެހޭ ތުރްކީގެ އިދާރާ (އާފާދު) ރޭ ހާމަކުރިގޮތުގައި ކަހްރަމާން މަރްޢަޝް އަށް އައި ބާރުގަދަ ޒިލްޒާލުގެ ސަބަބުން ބިމުގެ ތޮށިގަނޑު 7.3 މީޓަރަށް ޙަރަކާތްކޮށްފައިވެއެވެ. އާފާދުގެ ޑިރެކްޓަރު އުރްހާން ތަތާރު ނޫސްވެރީންނާ ރޭ ބައްދަލު ކުރައްވާ ވިދާޅުވިގޮތުގައި މި ދެ ޒިލްޒާލުގެ ސަބަބުން ބިމުގެ ތޮށިގަނޑަށް ދެ މިނެޓުއިރުގެ ލޮޅުން އެރިއެވެ. މި ދެ ޒިލްޒާލު އައިސްފައިވަނީ ބިމުގެ ސަތަޙުން އަނޑިއަށް 8.5 ކިލޯމީޓަރާއި 10 ކީލޯމީޓާރާ ދެމެދުގެ ފުނަށެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "މި ދެ ޒިލްޒާލު އައިސްފައިވާ ސަރަޙައްދު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކަށްވުރެ މަސާޙަތުގެ (އޭރިޔާގެ) ގޮތުން މާބޮޑުވެ."

އޭނާ ހާމަކުރެއްވި ގޮތުގައި މި ބޮޑު ޒިލްޒާލާ ވިދިގެން 3858 އިރްތިދާދީ ބިންހެލުން އައެވެ. މީގެތެރެއިން 1253 އިރްތިދާދީ ބިންހެލުމުގެ ބާރުމިނަކީ ރެޚްޓަރު މިންގަނޑުން ތިން ދަރަޖައާއި ޖަތަރު ދަރަޖައެވެ. މީގެތެރއިން 394 އިރްތިދާދީ ބިންހެލުން އައިސްފައިވަނީ ރެޚްޓަރު މިންގަނޑުން ހަތަރު ދަރަޖައާއި ފަސް ދަރަޖައާ ދެމެދުގައެވެ. އަދި މީގެތެރެއިން 38 އިރްތިދާދީ ބިންހެލުން އައިސްފައި ވަނީ ރެޚްޓަރު މިންގަނޑުން ފަސް ދަރަޖައާއި ހަ ދަރަޖައާ ދެމެދުގެ ބާރުމިނެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *