ދެ ހާސް އަށާރަ އާއި 2022 ގެ ތަފާތު ވަރަށް ބޮޑެވެ. އަދި 2018ގައި ވެގްނަރ ޖަމާޢަތުން މަސައްކަތްކޮށްފައިވަނީ ސޫރިޔާގެ ދައިރުއްޒަވްރު ސަރަޙައްދުގެ ތެޔޮވަޅެއް ކައިރިން ކުރިއެރުމަށެވެ. އެމެރިކާގެ ޙަމަލާތައް ފަހަނަޅައިދިޔުމަށެވެ. އެމެރިކާގެ ވައިގެ ޙަމަލާތަކުގެ ސަބަބުން އެ ޖަމާޢަތުގެ 200 ހަނގުރާމަވެރީން މަރުވިއެވެ. އެ ސަރަޙައްދުގައި ރަޝިޔާ ސިފައިން ތިބިކަމަށް އެމެރިކާއިން ބުނިބުނުން މޮސްކޯއިން ނަފީކުރިއެވެ. ނަމަވެސް އެތައް ހަފުތާއެއް ފަހުން ރަޝިޔާއިން ވަނީ ޙަޤީޤަތް ހާމަކޮށްފައެވެ. މޮސްކޯއިން ބުންޏެވެ. އެއީ ރަޝިޔާ ސިފައިންނެއް ނޫނެވެ. ސޫރިޔާގައި ހަނގުރާމަކުރާ ވޮލަންޓަރީ ބަޔެކެވެ."
އޭގެ ހަތަރު އަހަރުފަހުން ޔުކްރޭންގައި ވެގްނަރ ހަނގުރާމަވެރިން ހޯދަމުންދާ ކާމިޔާބުތަކުގެ ޚަބަރު މީޑިއާގެ ފަލަ ސުރްޚީތަކަށް އަންނަން ފަށައިފިއެވެ. ބައެއްފަހަރަށް މި ޖަމާޢަތުގެ ވެރިޔާ ބްރިގޮޖިން ދެއްވާ ބަޔާންތައް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ދޭ ބަޔާންތަކަށްވުރެ މުހިއްމުވެގެންދާތަން ވެސް ފެނެއެވެ.
މި ދެ ތާރީޚުގެ ދެމެދުގައި ވެގްނަރ ޖަމާޢަތުން ވަނީ އެތައް ޤައުމުތަކެއްގައި އެތައް "ސިއްރު ހަނގުރާމަތަކެއް" ކޮށްފައެވެ. ކުރިމަތިލުމުގެ މައިދާނުގައި ކްރެމްލިންގެ އަމާޒުތަކަށް ވާޞިލުވުމަށް ޓަކައި މަސައްކަތް ކުރާ "ވަންހަނާ ބާރު" އަކަށް ވެގްނަރ ވެއްޖެއެވެ. ވެގްނަރ ޖަމާޢަތުން އެފްރިކާގައި ހިންގާ "ޖަރީމާތަކުގެ" ވާހަކަ ދައްކާ މީހުން "ދޮގު ޚަބަރު ފެތުރުމުގެ" މާއްދާގެ ދަށުން އަދަބުދެވޭތަން ފެނިގެން ދިޔައެވެ.
މި ޖަމާޢަތް އުފެއްދުނީ ކޮން އިރަކު ކަމެއް ކަނޑައަޅައި ބުނާކަށް ނޭނގެއެވެ. މީޑިއާތަކުގެ ޚަބަރުތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި މި ޙަރަކާތް ފެށުނީ 2013ވަނަ އަހަރުއެވެ. މި ޙަރަކާތުގެ ބާނީންނަކީ ސިފައިންގެ ޚިދްމަތުން މުސްކުޅިކޮށްފައިވާ ދެ އޮފިސަރެކެވެ. އެއީ ވެޑިއަމް ގޮސެވް އާއި ޔެވްގެނީ ސިޑަރޯވް އެވެ. މި ދެ އޮފިސަރުން ޤާއިމު ކުރި ޖަމާޢަތުގެ ނަމަކީ "މޮރާން އެސް" އެވެ. މި ޖަމާޢަތް އުފެއްދުނީ ފޭރޭމީހުންގެ ކިބައިން ކަނޑު އުޅަނދުތައް ޙިމާޔަތްކޮށްދޭ ބައެއްގެ ގޮތުގައެވެ. މި ޖަމާޢަތް ރަޖިސްޓަރީކޮށްފައި ވަނީ ހޮންގްކޮންގްގައެވެ. މި ޖަމާޢަތް ޤާއިމު ކުރެވުނުއިރު މި ޖަމާޢަތުގެ ދަށުގައި ތިބީ ޚިދްމަތުން މުސްކުޅި ކޮށްފައިވާ 267 ސިފައިންނެވެ. އެފްރިކާގެ ދަޅު ސަރަޙައްދުގައި ފެތުރިފައިވާ ކަނޑުފޭރޭ ޖަމާޢާތްތައް ގިނަވުމުގެ ސަބަބުން މި ކުންފުންޏާއެކު އެތައްއެތައް ކުންފުނިތަކަކުން ޢަޤްދުތައް ހެދިއެވެ. ކުންފުނި ވަރަށް ރަނގަޅަށް ހިނގައިގަތެވެ. ވަރަށް އަވަހަށް މި ޖަމާޢަތް "ސްލާވީ ފައުޖު"ގެ ނަމަށް ބަދަލުވެއްޖެއެވެ. ސަރުކާރުތަކުންނާއި އެތަންތާނގެ މަޞްލަޙަތުތައް ޙިމާޔަތް ކުރަން ބޭނުންވާ ކުންފުނިތަކުން ސްލާވީ ފައުޖާއެކު ބޮޑެތި އެއްބަސްވުންތައް ހަދަން ފަށައިފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ތެލާބެހޭ ޞިނާޢަތްތަކާއި ތެޔޮ ހޮޅިތައް ބެލެހެއްޓުންފަދަ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ތެރެއިން ވެގްނަރއަށް ބޮޑެތި އާމުދަނީތަކެއް ލިބިގެން ދިޔައެވެ.
ވެގްނަރ ޖަމާޢަތަށް ސޫރިޔާ ހަނގުރާމައިގެ ތެރެއަށް ވަދެވުނީ ސޫރިޔާގެ ތެލުގެ މަސައްކަތްތައް ޙިމާޔަތްކޮށްދިނުމުން އެ ކަމުން ލިބޭ އާމުދަނީގެ 25% ވެގްނަރ އަށް ދިނުމަށް ސޫރިޔާއިން އެއްބަސްވުމުންނެވެ.
ސޫރިޔާގެ އައްސުޚްނާ ސަހަރު ކައިރީގައި ޖައިޝުލްއިސްލާމުގެ ލަޝްކަރީންނާއެކު ހަނގުރާމަތަކެއް ކުރުމަށްފަހު ސްލާވީ ފައުޖު ރަޝިޔާއަށް އެނބުރި ދިޔުމުން މި ޖަމާޢަތުންގެ ބޮޑުން ކުލީސިފައިންގެ މަސައްކަތްކުރުމުގެ ކުށުގައި ހައްޔަރު ކުރިއެވެ.
ޢަސްކަރީ ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ ފިކްރުގެ ވެރިއަކީ މި ފައުޖުގެ މަސްއޫލުވެރިއެއް ކަމުގައިވާ ޑިމިޓްރީ އޮޓްކިން އެވެ.މި ޚިޔާލާ އެއްގޮތަށް ވެގްނަރ ޖަމާޢަތް އުފެއްދެވީ ބްރިގޮޖިން އެވެ. ޔުކްރޭނުގެ ލޮގެންސްކް ސަރަޙައްދު ކިޔޭވާ ވަކިވެގަތުމަށް ކުރި މަސައްކަތުގައި ވެގްނަރ ޖަމާޢަތުން އެމީހުންނަށް އެހީވެދީ ވާގިވެރިވިއެވެ. އެ ހިސާބުން ފެށިގެން ކްރެމްލިންގެ ސިއްރު އެޖެންޑަތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި ވެގްނަރ ޖަމާޢަތުން ޙަރަކާތްތެރިވާން ފަށައިފިއެވެ. އޮޓްކެން އަކީ "ތިންވަނަ ރައިޚް" ދެކެ ލޯބިފުޅުވާ ޝަޚްޞިއްޔަތަކަށް ވާތީ ވެގްނަރގެ ނަން އެ ޖަމާޢަތަށް ދެއްވީއެވެ. މި ނަން ދެއްވީ ޖަރްމަނުގެ މަޝްހޫރު މޫސީޤާރެއްކަމުގައިވާ ރިޗަރޑް ވެގްނަރ ދެކެ އޭނާ ލޯބިފުޅުވާތީއެވެ.
މިނިވަން ލަޝްކަރެއް ޤާއިމުކޮށް ލޮޖިސްޓިކް މަސައްކަތްތައް ބްރިގޮޖިން އާ ޙަވާލު ކުރުމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނިންމީ ދެކުނު އެފްރިކާގައި ކުރަން ޖެހުނު މަސައްކަތްތަކަކާ ވިދިގެންނެވެ. މި ޖަމާޢަތުގައި ސިފައިންގެ ޚިދްމަތުން މުސްކުޅި ކުރެވިފައިވާ ތަޖްރިބާކާރުން ހިމެނުމަށް ނިންމީވެސް ރަޝިޔާގެ ދިފާޢީ ވުޒާރާގެ ލަފާގެ މަތިންނެވެ.
ރަޝިޔާއިން 2014 ގައި ކްރެމިޔާ ހިފުމާ ވިދިގެން އިރުމަތީ ޔުކްރޭނުގައި ހަނގުރާމަ ކުރުމަށް ޓަކައި އެތައް ބަޔަކު ވޮލަންޓިޔަރުންގެ ގޮތުގައި މި ޖަމާޢަތުގައި ބައިވެރިވިއެވެ.
އެއަށްފަހު އެފްރިކާގައި ވެގްނަރ ބައިވެރިކޮށްގެން އެތައް ހަނގުރާމަތަކެއް ރަޝިޔާއިން ކުރިއެވެ. ސޫރިޔާއާއި ޔުކްރޭނުގައި އެތައް ހަނގުރާމަތަކެއް ކޮށް އެތައް ކާމިޔާބީތަކެއް ހޯދާދިނުމާ ވިދިގެން ވެގްނަރ ޖަމާޢަތަށް ރަސްމީ ސިފައިގައި ރަޝިޔާ ސަރުކާރުގެ މަޤްބޫލުކަން ލިބިގެން ދިޔައެވެ .
ސެޕްޓެންބަރު 2022ގައި ބްރިގޮޖިން އެއްބަސްވެވަޑައިގެންނެވި ގޮތުގައި ވެގްނަރއަށް ފަންޑުކުރައްވާ އެ ޖަމާޢަތް ހިންގަވަނީ އޭނާ އެވެ. ޔުކްރޭނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަތަކުގައި ވެގްނަރ ބައިވެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔުކްރޭން ހަނގުރާމަ ފެށުނުއިރު މި ޖަމާޢަތުގައި ތިބި ހަނގުރާމަވެރީންގެ ޢަދަދަކީ 10 ހާސްކަމަށް ބުނެވެއެވެ. މި މީހުންނަމީ ސޫރިޔާއާއި ޔުކްރޭނާއި ޝީޝާނާއި އަފްޣާނިސްތާނާއި ޠަޖިކިސްތާނުގައި ހަނގުރާމަކޮށް ތަޖްރިބާލިބިފައިވާ ބައެކެވެ. އޭގެފަހުން މި ޖަމާޢަތް ވަނީ ލީބިޔާއާއި ސޫދާނާއި މެދުތެރޭ އެފްރިކާއާއި މަޑަގަސްކަރައާއި މާލީއާއި ބުރްކީނާފާސޯއާއި ވެނެޒުއޭލާގައި ވެސް ހަނގުރާމަކޮށްފައެވެ.
ވެގްނަރ ޖަމާޢަތުގެ ޝިޢާރަކީ ބޮލުގެ ނާށިގަނޑެވެ. މި ޖަމާޢަތް ތަޚައްޞުޞު ވެފައިވާ ތިން ދާއިރާއަކީ ކުލީސިފައިން ތަނަވަސްކޮށްދިނުމާއި ހަނގުރާމައަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތު ހޯދައިދިނުމާއި ވިޔަފާރީގެ ދާއިރާގައި ވުނަކުރުމާއި އެމީހުން ދާ ޤއުމުތަކުގެ ޠަބީޢީ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުންކުރުމަށް މަގު ކޮށާދިނުމެވެ.
މިވަގުތު ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު ޔުކްރޭނުގައި ވެގްނަރ ޖަމާޢަތުގެ ސާޅީހަކަށް ހާސް ހަނގުރާމަވެރިން އެބަ ހަނގުރާމަ ކުރެއެވެ.
މިކަމާ ވިދިގެން އެމެރިކާއިން ވަނީ ވެގްނަރ ޖަމާޢަތް އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުގައި ހިމަނައިފައެވެ. މިކަމާވިދިގެން ވެގްނަރ ޖަމާޢަތުގެ ޒަޢީމު ވޮޝިންގްޓަނާ ދެކޮޅަށް ވަރަށް ވަރުގަދަ ބަޔާނެއް ދެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އޭނާގެ ލަޝްކަރަކީ މިއަދު ދުނިޔޭގައި އެންމެ ބާރުގަދަ ލަޝްކަރެވެ." ޔުކްރޭން ހަނގުރާމައަށް ބަލާއިރު ވެގްނަރ އަތުގައި ބަރު ހަތިޔާރާއި ހަނގުރާމަމަތީ މަތިންދާބޯޓާއި ޖައްވީ ދިފާޢީ ނިޒާމުތައް ފަދަ ޒަމާނީ ހަތިޔާރުތައް އެބަ ހުއްޓެވެ. ވެގްނަރ ޖަމާޢަތުން މިހާރު ވަނީ ނިޒާމީ ލަޝްކަރުތަކަށް އެހީވެދޭ ހަނގުރާމަވެރި ލަޝްކަރަކަށް ބަދަލު ވެފައެވެ.
ވެގްނަރ ޖަމާޢަތުން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައަށް ބައްލަވާ ދާރިސުން ވިދާޅުވާ ގޮތުގައި ރޫސީ ދިފާޢީ ބާރުގެ ތެރޭގައި މިޖަމާޢަތަށް ޚައްޞަ މަޤާމެއް ލިބެމުން އެބަ ދެއެވެ. އެއީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރާ އެއްފަދަ މަޤާމެކެވެ.



advertisment