Support Us

އީރާނުގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާގައި

އީރާނުގެ ރައީސް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ޗައިނާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ އަމާޒަކީ "ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާކުރުން" ކަމަށް އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވިއެވެ. އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް "އީރާނުގެ ނިޔުކްލިއަރ ޤަޟިއްޔާއަށް މުނާސަބު އަވަސް ޙައްލެއް" ގެނެސްދެއްވުމަށް ދެންނެވިއެވެ. މި ދަތުރުފުޅުގައި ޗައިނާއާއެކު ރައީސީ ބަހުސްކުރައްވާނީ ހަކަތައާއި އަމްނާއި ބިނާރާއި މުވާޞަލާތާ ބެހޭ ފައިލްތަކާ ބެހޭގޮތުންނެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި ރައީސީގެ ދަތުރުފުޅުގެ ފުރިހަމަ ޕްރޮގްރާމު ހާމަކޮށްފައެއް ނުވެއެވެ.

ތެލާއި ހަކަތައާއި ވިޔަފާރި

އީރާނުގެ ރައީސް އިބްރާހީމު ރައީސީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގާ ބައްދަލުކުރައްވަމުން އިޤްތިޞާދީ ގުޅުންތައް ފުޅައުކޮށް ވަރުގަދަކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި މައިދާންތަކަކީ "ތެލާއި ހަކަތައާއި ދަނޑުވެރިކަމާއި މުވާޞަލާތާއި ވިޔަފާރިއާއި ވުނަކުރުމުގެ" މަޖާލުތަކެވެ.

އީރާނަށް ބަލާއިރު ޗައިނާއަކީ ވިޔަފާރީގެ މައިދާނުގައި އެންމެ ބޮޑު ބައިވެރިޔާއެވެ. ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް 2018ގައި ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެއްވުމުގެ ކުރިން އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަމުން ދިޔައީ ޗައިނާ އެވެ.

ރައީސީގެ މި ދަތުރުފުޅުގައި ޗައިނާގެ ވިޔަފާރިވެރީންނާއި ޗައިނާގައި ދިރިއުޅޭ އީރާނުމީހުންނާ ބައްދަލު ކުރައްވާނެއެވެ.

ނިޔުކްލިއަރ ފައިލް ޙައްލުކުރުން

ޗައިނާގެ ރައީސް ޝީ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދއްކަވަމުން އީރާނުގެ ނިޔުކްލިއަރ ފައިލުގެ މަސްއަލައަށް މުނާސަބު އަވަސް ޙައްލެއް ގެނައުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނަށް ވެސް އެ ޤައުމުގެ ޤައުމީ މަޞްލަޙަތުތަކާއި ޙައްޤުތައް ޙިމާޔަތް ކުރުމުގެ ބާރު ލިބިގެންނެވެ. މިކަމުގައި ޗައިނާގެ ތާއީދު އޮންނާނެ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

ޗައިނާގެ ނޫސް އޭޖެންސީ މި ބައްދަލުވުމާ ޙަވާލާދީ ބުންޏެވެ. އީރާނުގެ ނިޔުކްލިއަރ ފައިލް ތަންފީޒު ކުރުމާ ބެހޭ ވާހަކަދެއްކުންތައް އަލުން ފެށުމަށް ޓަކައި ޗައިނާއިން "ބިނާކުރަނިވި ބައިވެރިވުމަކުން ބައވެރިވާނެއެވެ."

އެޕްރީލު 2021ގައި އީރާނުގެ ނިޔުކްލިއަރ ފައިލް އަލުން ދިރުވުމާ ބެހޭގޮތުން ވިއެނާގައި ވާހަކަދެއްކުންތައް ފެށުނެވެ.ހުޅަނގުން ތުހްމަތު ކުރާ ގޮތުގައި ޠަހަރާނުން މަސައްކަތް ކުރަމުންދަނީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށެވެ. އެހެނަސް ޠަހަރާނުން މިކަމާ ދެކޮޅުހަދައެވެ. ޠަހަރާން ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި މަދަނީ މަޤްޞަދުތަކަށް ޓަކައި ހިންގޭ ޕްރޮގްރާމެކެވެ. ވިއެނާގައި ފެށުނު ވާހަކަދެއްކުންތައް ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓިފައެވެ.

މިކަމާ ވިދިގެން އެމެރިކާއިން ވަނީ މި ދިޔަ ސެޕްޓެންބަރުމަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފައެވެ. އީރާނުގެ ތެޔޮ ބޭރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށައިފައެވެ. މި ޤައުމުތަކުގެ ތެރޭގައި ޗައިނަވެސް ހިމެނެއެވެ.

ޒަމާންވީ ރަޙްމަތްތެރިއެއް

ރައީސީގެ ޗައިނާ ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ޗައިނާގެ ރަސްމީ ނޫހެއްކަމުގައި "ރައްޔިތުންގެ ނޫސް"ގައި ލިޔުއްވި މަޒްމޫނެއްގައި އައިސްފައި ވެއެވެ. "މި ދެ ޤައުމު ދެކޭގޮތުގައި ދުނިޔޭގައި އަމާންކަން ގެއްލިގެންދަނީ އަދި ބޮޑެތި މަސްއަލަތައް އުފެދެނީ ޤައުމުތަކާ ދެކޮޅަށް އެކަހެރި ގޮތަކަށް އަނިޔާވެރި ހަރުކަށި ފިޔަވަޅުތައް އަޅަމުންދާތީއެވެ."

ރައީސީ ސިފަކުރެއްވިގޮތުގައި ޗައިނާއަކީ އީރާނުގެ ޒަމާންވީ ރަޙްމަތްތެރިއެކެވެ.އޭނާ ވިދާޅުވި ގޮތުގައި ޗައިނާއާއެކު ގުޅުންތައް ބަދަހި ކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެއްވެސް ވޭދަނައަކަށް ނުބައި އަސަރުތަކެއް ނުފޯރާނެއެވެ.

ޗައިނާގެ ރައީސް ޝީ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމެއްނެތި ޗައިނާއިން އީރާނާއެކު ހުރިހާ މައިދާނެއްގައި އިސްތިރާތީޖީ ގުޅުންތައް ހަރުދަނާކޮށް ތަރައްޤީ ކުރަމުންދާނެއެވެ.

އީރާނާއާއެކު ވިޔަފާރިއާއި ދަނޑުވެރިކަމާއި ޞިނާޢަތާއި ބިނާރުގެ މައިދާނުގައި އެއްބާރުލުމާއި ގުޅުންތައް ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމަށް ޗައިނާ ބުންޏެވެ.އަދި އީރާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް އެތެރެ ކުރާނެކަމަށް ވެސް ބޭޖިންގުން ބުންޏެވެ. މި ހުސްވި ސެޕްޓެންބަރުމަހު ޝަންގްހައި ޖަމްޢިއްޔާގެ ސަމަރުޤަންދު ސަމިޓްގެ ހަވާސާގައި ޝީ އީރާނުގެ ރައީސާ ބައްދަލުކުރައްވާ ވަރުގަދަ އެއްބާރުލުމެއް އެކުލަވައިލެއްވުމަށް ވަނީ ވަޢުދުވެ ވަޑައިގަންފައެވެ.

މި ދިޔަ އަހަރު ޗައިނާއާއި އީރާނާ ދެމެދުގައި 25 އަހަރުގެ މުއްދަތަށް އެއްބާރުލުމުގެ މުޢާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި މުޢާހަދާގެ ދަށުން ޗައިނާއިން އީރާނުގައި ތެލުގެ މައިދާނުގައި އެތައް ބިލިއަން ޑޮލަރެއް ވުނަކުރާނެއެވެ. އަދި ޗައިނާއިން އުފައްދާ ޕެޓްރޯ- ކެމިކަލް އުފެއްދުންތައް އީރާނުން އެތެރެކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *