ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް، ސަރުކާރުގެ އޮފީސް ޢިމާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުމާލޭގައި ހުޅުއްވައިދެއްވައިފިއެވެ.
ޢުމަރު ޒާހިރު އޮފީސް އިމާރާތް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ސަރުކާރުގެ އޮފީސް ޢިމާރާތެއް ހުޅުވޭކަމީ އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ކުލަ ގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ. ރައީސްގެ ވާހަކަފުޅުގައި، ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާ އެކު ދިގު މުއްދަތެއްގައި ޢުމަރު ޒާހިރު، ކޮށްދެއްވި ޚިދުމަތުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. މިގޮތުން، އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރެވިފައި ހުރި، ހުޅުމާލެއަކީ، ޢުމަރު ޒާހިރުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢުމަރު ޒާހިރުގެ 49 އަހަރުގެ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި ވިދާޅުވީ، ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވައި އެމަނިކުފާނުގެ ޚިދުމަތް ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައި ކަމަށެވެ. އަދި އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު މުއްދަތެއްގެ ޤައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ އެއް ހެއްކަކީ، މި ޢިމާރާތް އެމަނިކުފާނުގެ ނަންފުޅަށް ޚާއްޞަވެގެން ދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢުމަރު ޒާހިރު ބިލްޑިން ހުޅުވިގެން މިދަނީ، މިފަދަ ޢިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިގޮތުން ސަރުކާރުގެ އޮފީސް ޢިމާރާތްތަކުގެ ތެރެއިން، ހުރަވީ ބިލްޑިންގ ބައުވެ މިހާރު ތަޅާލާފައިވާއިރު، ޣާޒީ ބިލްޑިންގ ވެސް ހުރީ ވަރަށް ބޮޑަށް ބައުވެ ބޭނުން ނުކުރެވޭވަރު ވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ ޢިމާރާތްތަކުގައި ކަމަށް ވުމާއިއެކު ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔަ މި ޢިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، އެ ދަތިކަމަށް ޙައްލެއް ހޯއްދެވުން ކަމަށެވެ. އަދި މި ޢިމާރާތުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ބަދަލުކުރެވިގެން ދާއިރު، އެކަމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ ޢިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ ހަ ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25،000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ. މި އޮފީސް ޢިމާރާތާ އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.



advertisment