މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ހަތެއްގެ ކްލާހެއްތެރޭގައި ކުދިންތަކެއް މިއަދު ހެނދުނު ވޭޕް ބޮއެފިއެވެ.
(ވޭޕަކީ ސިނގިރޭޓުގެ ބަދަލުގައި، ތަފާތު ރަހަތަކުގެ އޮލަ އެއްޗެއް އަޅައިގެން ބޯ އިލެކްޓްރޯނިކް ސިނގިރޭޓެކެވެ. މިއީ ސިނގިރޭޓަށް ވުރެ ވެސް ނުރައްކާ އެއްޗެއް ކަމަށް ވެއެވެ. ވޭޕް ބުއިމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެންދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.)
އިތުބާރު ހުރި ގޮތަކަށް "އަދިވެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދިއްޔާގެ ގްރޭޑް ހަތެއްގެ ކްލާހެއްގައި ވޭޕް ބޮއެފައި ވަނީ އެއް ކުއްޖަކު ގެންދިޔަ ވޭޕެއް، އިތުރު ދެ ކުއްޖަކާ އެކުވެގެންނެވެ. މި ތިން ކުދިން ވެގެން ފުރަތަމަ ވޭޕު ބުއީ އިންޓަވަލް ގަޑީގައެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ބުއީ ކްރިއޭޓިވް އާޓް ގަޑީގައި ޓީޗަރު ކިޔަވައިދެމުން ދަނިކޮށެވެ. އެ ދިވެހި އަންހެން ޓީޗަރު އާންމު ތަންތަނުގައި ސިނގިރޭޓް ބޮނިކޮށް ގިނަ ބެލެނިވެރިންނަށް ފެންނަ ކަމަށް ވެސް ބައެއް ބެލެނިވެރިން ބުންޏެވެ.
ވޭޕުގެ ދުމާއެކު އޭގެ ވަސް ބައެއް ކުދިންނަށް ފާހަގަކުރެވުނު ނަމަވެސް ޓީޗަރަށް އެއިން އެއްވެސް ކަމެއް އެނގުނު ކަމަކަށް ނުވެއެވެ. ނަމަވެސް ފަހުން ލީޑިން ޓީޗަރު ގޮސް އެކަމާ ސުވާލުކުރި ކަމަށް ބައެއް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން އެނގިފައިވެއެވެ.
މި ކަންތައްގަނޑެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ބައެއް ބެލެނިވެރިންނަށް ލިބިގެން އެކަމާ ލީޑިން ޓީޗަރާ ސުވާލުކުރުމުން، ބައެއް ކުދިންނާ ސުވާލުކުރި ކަމަށާއި މިއަދު މާ ބިޒީވެގެން އެކަމާ ނޫޅެވުނު ކަމަށް ލީޑިން ޓީޗަރު ބުނެފައިވާ ކަމަށް ވެސް ބައެއް ބެލެނިވެރިން ބުނެއެވެ.
މި ކަމާ ގުޅިގެން "އަދިވެސް" އިން ސުވާލު ދެންނެވުމުން މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ބައެއް ކުދިން ސްކޫލަށް ވޭޕް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް ބޯތަން ދުވަހަކު ވެސް ނުފެންނަ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް މިއަދު ހިނގި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
"ތިކަހަލަ ކަމެއް ވެގެން އެއްވެސް މީހަކު ނުގުޅާ ސްކޫލަކުން މިއަދަކު. ކަމެއް ވީނަމަ އަޅުގަނޑަށް އިންފޯމްކުރާނެ ދެއްތޯ؟" މެޑިކަލް ލީވެއްގައި، ގޭގައި މި ވަގުތު ހުންނެވި ޕްރިންސިޕަލް ވިދާޅުވިއެވެ. ނަމަވެސް ޕްރިންސިޕަލް ވިދާޅުވީ ވޭޕް ބުއިމަކީ މަޖީދިއްޔާ ނޫނަސް އެހެން ސްކޫލްތަކުގައިވެސް ހިނގާ ކަމެއް ކަމަށެވެ.
"ވޭޕް ގެންދަނީ ހަމައެކަނި މަޖީދިއްޔާއަށް އެކަންޏެއް ނޫން. ތީތި ފަހަރުގައި ގެންގޮސްދާނެ އިނގޭތޯ. މިހާރު ތިއީ އެންމެ އުނދަގޫ ބޮޑު ކަންތައް. ވޭޕޭ ބުންޏަސް، އެ ހުންނަނީ ކުދިކުދި މެޓައެއްގެ ސިފައިގައި ހުރެދާނެ، ފަންސުރެއްގެ ސިފައިގައި ހުރެދާނެ، ފަންސުރުޖަހާ ދައްޗެއްގެ ސިފައިގައި ހުރެދާނެ. އެހެންވީމާ ގެންދޭ ކުދިން އެ އެއްޗެތި (ސްކޫލަށް). ދެން އަތުލަން އަޅުގަނޑުމެން އެ ކުދިން އަތުން. އަތުލައިފައި ޕޭރަންޓުން ޒިންމާކުރުވަނީ. މިއަދުވެސް ކުއްޖަކު (ވޭޕް) ގެންގޮސްގެން (އޭތި) އަތުލާފައި އަޅުގަނޑަށް ނުގުޅަފާނެ. އެކަމަކު (އެއްވެސް ކުއްޖަކު ކްލާހުގައި ވޭޕް) ބޭނުންކޮށްފިއްޔާ އަޅުގަނޑަށް ގުޅާނެ،" ޕްރިންސިޕަލް ވިދާޅުވިއެވެ.
މަޖީދިއްޔާގެ ދަރިވަރުން ކްލާހުގައި ވޭޕް ބުއިމަކީ އާންމުކަމެއްތޯ ދެންނެވުމުން ޕްރިންސިޕަލް ވިދާޅުވީ އެއީ އާންމުކަމެއް ނޫން ކަމަށެވެ.
"(ވޭޕް ބުއިމަކީ) އާންމުކަމެއް ނޫން އިނގޭތޯ. ކޮންމެ ތަނެއްގައިވެސް އުޅޭނެ ދެއްތޯ ކުށްކުރާ ކުދިން. އެހެން އުޅޭ މަދުމަދު ކުދިން އެހެން އައިސް ބައެއް ފަހަރު ހުންނާނެ އެހެން ދިމާވެފައި ވޭޕް ގެނެސްގެން. ބޯން އުޅެނިކޮށް ނުވަތަ ބޯން ގެނައި އެއްޗެކޭ ކިޔައިގެން އެހެން ކުއްޖަކަށް ފެނިގެން. ސީދާ ބޯން ހުއްޓާ ދުވަހަކު ވެސް ދިމައެއްނުވޭ. ބޮއެގެންނޭ އައީ ކޮންމެވެސް ކުއްޖަކު ބުނާނީ. އެހެން ބުނީމާ ބަލަނީ ދެން އަޅުގަނޑުމެން. ދުވަހަކު ވެސް އަދި ކްލާހެއްގެ ތެރޭގައި (ވޭޕް) ބޯން އިންދާ ނޫނީ ފާހަނާތެރޭގައި ބޯން ހުއްޓާ އެހެން ނުފެނޭ."
ވޭޕާ ބެހޭ ގޮތުން އެހެން ކަމެއްވެސް ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ. "ވޭޕް ގެނޭ އިނގޭތޯ ކުދިން (ސްކޫލަށް.) މަޖީދިއްޔާ އެކަންޏެއް ނޫން. އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ. ވަރަށް ފަސޭހައިން (ލިބެންހުރޭ) ފިހާރަތަކުންނާ މާކެޓްކުރާ ބަޔަކު އުޅޭ. އެ އެއްޗެތި ވިއްކަނީ ހަމަ ކުދިންނަށް. ވިއްކީމާ ޕޭރަންޓްސްއަކަށް ވެސް ނޭނގޭ މިއީ ވޭޕްއެއް ކަމެއް އެހެން އެއްޗެއް ކަމެއް. ޕެންސިލް ކޭސްތެރެއަށްވެސް ލާފައި އިނދެދާނެ. އެކަހަލަ އެއްޗެތި ފެނޭ އެބަ. އެކަމަކު ދުވަހަކުވެސް ބޭނުންކުރަނިކޮށެއް އަދި ނުފެނޭ."



advertisment